އިމްތިހާނުގައި ކޮޕީކުރުން ހުއްޓުވަން ބޮލުގައި ކަރުދާހުގެ "ފުރާޅެއް"
އިމްތިހާނުގައި ކޮޕީކުރުން ހުއްޓުވަން ބޮލުގައި ކަރުދާހުގެ "ފުރާޅެއް"

ޗައިނާގެ ސްކޫލެއްގައި އިމްތިހާނުތަކުގައި ދަރިވަރުން ކޮޕީކުރުން ހުއްޓުވުމުގެ ގޮތުން އިމްތިހާނު ކަރުދާސް ނޫން އެހެން ދިމާލެއް ނުފެންނަ ގޮތަށް ބޮލުގައި ނޫސް ކަރުހާދުން "ފުރާޅެއް" ހަރުކޮށްފި އެވެ.

އިމްތިހާނު ހަދަން ދަރިވަރު އިށީނުމާ އެކު، ކުއްޖާގެ ބޮލަށް ފެތޭ ވަރުގެ ބާގަނޑަށް ނޫސް ކަރުދާހުގައި ކަނޑައި ކުއްޖާގެ ބޮލަށް ފައްތަނީ އެވެ.

އަންހޫއީ ޕްރޮވިންސްގައި ހުންނަ މި ސްކޫލްގެ ކޮންމެ ދަރިވަރަކު ވެސް އިމްތިހާނު ހަދާއިރު ބޮލުގައި ނޫސްކަރުދާހުގެ މި ތޮފި އަޅާފައި ހުރިކަން އެ ސްކޫލުން ކަށަވަރު ކުރާ ކަމަށް ޗައިނާގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

މަކަރު ހެދުމާ ދެކޮޅަށް ބޭނުންކުރާ މި އުކުޅަކީ ގިނަ ބަޔަކަށް ވަރަށް މަޖާ ކަމަކަށް ވަނީ ވެފަ އެވެ. މިހެން ހަދާފައި ހުންނައިރު އެއްވެސް ކުއްޖެއްގެ ޖަވާބު ކަރުދާސް އެހެން ކުއްޖަކަށް ބަލާލުމުގެ ފުރުސަތެއް ނުލިބެ އެވެ.

މި ސްކޫލްގެ ކުދިން ކަރުދާހުގެ ތޮފި އަޅައިގެން އިމްތިހާނު ހަދަން ތިއްބާ ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ގިނަ ބަޔަކު މިކަމާ ހަޖޫ ޖަހައި މަލާމާތް ކުރަމުން އެބަދެ އެވެ.

އިމްތިހާނުތަކުގައި މަކަރު ހެދުން ޗައިނާގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ޒަމާނީ ޓެކްނޮލޮޖީއާ އެކު، އެކި ފާޑުގެ ގެޖެޓްތައް ބޭނުންކޮށްގެންނާއި އަމިއްލަ އަށް އުފައްދާފައިވާ މިފަދަ އާލާތްތައް ބޭނުންކޮށްގެން އިމްތިހާނުތަކުގައި އެހީތެރިކަން ހޯދާތީ ބައެއް ސްކޫލްތަކުގައި ދަރިވަރުން އިމްތިހާނު ހޯލަށް ވައްދަނީ ސަލާމަތީ ހިދުމަތްތަކުގައި ގެންގުޅޭ ބައެއް އާލާތްތައް ބޭނުންކޮށްގެން ދަރިވަރުން ފާސްކުރުމަށް ފަހުގަ އެވެ.