05 ސެޕްޓެމްބަރ 2022 - 10:33

މެންޗެސްޓާ (ސެޕްޓެމްބަރު 5) - ތައްޓަށް ވާދަކުރެވޭނެ ފެންވަރަށް އަދި ވެސް މެންޗެސްޓާ ޔުނައިޓެޑަށް ނުދެވޭ ކަމަށް، އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.
ރޭ ޔުނައިޓެޑުން ވަނީ 3-1 ން އާސެނަލް ބަލި ކޮށްފަ އެވެ. ރޭގެ މެޗާ ހަމައަށް އާސަނަލްއިން ދިޔައީ ކުޅުނު ހުރިހާ މެޗުތަކަކުން މޮޅުވަމުންނެވެ.
ޔުނައިޓެޑްގެ ފުރަތަމަ ދެ މެޗުގައި ބްރައިޓަން އަދި ބްރެންފޯޑް އަތުން ބަލިވެ ސީޒަންގެ ފެށުން އުނދަގޫވި ނަމަވެސް އޭގެ ފަހުން ކުޅުނު ހަތަރު މެޗު ވެސް އެ ޓީމުން ވަނީ ކާމިޔާބު ކޮށްފަ އެވެ. ޔުނައިޓެޑް މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގަ އެވެ.
އެކަމަކު ޔުނައިޓެޑަކީ ތައްޓަށް ވާދަކުރެވޭނެ ޓީމެއްކަން ކަނޑައަޅަން ޓެން ހާގް އަދި ވެސް ބޭނުމެއް ނުވެ އެވެ.
"އަހަރެމެން އަދި ވެސް މިއުޅެނީ މަރުހަލާއެއްގެ ކުރީކޮޅު. އަދި ވެސް އަހަރެމެން ކުރަން ޖެހޭ ބައިވަރު މަސައްކަތް އެބަހުރި. އަހަރެމެން މިހާރު ކުރާ ވަރަށް ވުރެ ރަނގަޅަށް ކަންތައްތައް ކުރަން ޖެހޭ. ތައްޓަށް ވާދަކުރަންޏާ އަދި މިއަހަށްވުރެ ވެސް ބޮޑަށް އަހަރެމެންގެ ފެންވަރު މަތި ވާން ޖެހޭ،" ޓެން ހާގް ބުންޏެވެ.
ރޭ ގެ މެޗުގައި ޔުނައިޓެޑްގެ ލަނޑުތައް ޖެހީ އަޔކްސް އަށް 100 މިލިއަން ޑޮލަރު ދިނުމަށް ފަހު ގެނައި އެންޓޮނީ އަދި މާކޯސް ރަޝްފާޑް އެވެ.
"އެ ދެ ކުޅުންތެރިން ވަނީ ގުޅިގެން ރަނގަޅު ހަމަލާތަކެއް އުފައްދާފަ،" ޓެން ހާގް ބުންޏެވެ.
"އަހަންނަށް އެނގޭ އަހަރެމެންގެ ހަމަލާ އުފެއްދުން ރަނގަޅުކަން. އެ ދެ ކުޅުންތެރިންގެ ކިބައިގައި ސްިޑް އެބަ ހުރި. މިއީ އެ ދެ ކުޅުންތެރިން އެކުގައި ކުޅުނު ފުރަތަމަ ފަހަރު. އެ ދެއްކި ކުޅުން ބަލާލަން ވަރަށް ކަމުދޭ."