06 ސެޕްޓެމްބަރ 2022 - 06:37

މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ފިލްމު ކަމަށްވާ "އެވެޓާ"ގެ ޝޫޓިންގެ ކުރިއަށް ދިޔައިރު ކާސްޓުން ވަރަށް ހަރުކަށި ޑައިޓެއްގައި ތިބެން ޖެހުނު ކަމަށް އެކްޓަރުން ބުނެފި އެވެ.
އެވެޓާ އަކީ މިހާތަނަށް ނެރުނު އެންމެ ބޮޑު ފިލްމެވެ. މި ފިލްމުގެ ދެވަނަ ބައެއް ވެސް ނެރޭނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު ޖޭމްސް ކެމެރަން ވަނީ ބުނެފަ އެވެ. އެތައް އަހަރެއްގެ އިންތިޒާރަކަށް ފަހު ފިލްމުގެ ދެވަނަ ބައި މިއަހަރަށް ވަނީ ތާވަލަކޮށްފަ އެވެ.
ފިލްމުގެ ޝޫޓިން މިހާރު ނިންމާލާފައި ވާއިރު ޝޫޓިންގެ ތެރޭގައި ފިލްމުގެ އެކްޓަރުން ވަރަށް ގިނަ ގަވާއިދުތަކަކަށް އުޅެން ޖެހުނެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޑައިޓަށް ގެންނަން ޖެހުނު ބަދަލެވެ.
އެވެޓާގައި ބެލުންތެރިން ސަޕޯޓްކުރަން ޖެހެނީ ޕެންޑޯރާ ނަމަކަށް ކިޔާ "ހިއުމަނޮއިޑް"ތަކެއް ކަމަށްވާ ނާވީ އިންނަށެވެ. ނާވީންގެ ދިރިއުޅުމަކީ ތިމާވެއްޓާ ވަރަށް ރައްޓެހި ދިރިއުޅުމެކެވެ.
ފިލްމުގެ ކްރޫއެއް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ފިލްމުގެ ޝޫޓިން އެއްކޮށް ނިމެންދެން ކާސްޓުން ވީގަން ވުމަށް ކެމެރަން އަންގާފައިވާ ކަމަށެވެ. ކެމެރަން އެގޮތަށް އަންގާފައިވަނީ ނާވީންގެ ދިރިއުޅުމާ އެއްގޮތަށް ކާސްޓުންގެ ލައިފްސްޓައިލް ވެސް ބަދަލުކުރަން ބޭނުންވެގެންނެވެ. އެހެންވެ ފިލްމުގެ ޝޫޓިން ފެށިގެން ނިމެންދެން އެއްވެސް އެކްޓަރަކަށް މޭވާ އާއި ތަރުކާރީ ފިޔަވައި އެހެން އެއްޗެއް ކެއުމުގެ ހުއްދައެއް ނެތެވެ.
ކާސްޓުން ބުނީ އެ ބަދަލަކީ ކުއްލި ގޮތަކަށް ގެނައުމަށް ކުޑަކޮށް އުނދަގޫ ވި ބަދަލެއް ކަމަށެވެ. ނަމަވެސް ކެމެރަން ވަނީ މިކަމަށް ފަސޭހަ ކުރުމަށް މަސައްކަތް ކޮށްފަ އެވެ. އެއީ އާންމުކޮށް ކައި އުޅޭ ހުރިހާ އެއްޗެއް ސެޓުން ލިބޭނެ ގޮތް ހަމަޖެއްސުމެވެ. ނަމަވެސް ތަފާތަކީ އެ ހުރިހާ އެއްޗެއްސަކީ ވީގަން ނުވަތަ އެއްވެސް ކަހަލަ ޖަނަވާރެއް ނުވަތަ ޖަނަވާރެއްގެ އުފެއްދުމެއް ނެތް އެއްޗެއްސަށް ވުމެވެ.