އެމްޕީއެލް ފްލެޓާ ގުޅޭ ޝަކުވާތައް ކުންފުންޏާ މަޝްވަރާކޮށްގެން ހައްލުކުރަން އަންގައިފި
އެމްޕީއެލް ފްލެޓާ ގުޅޭ ޝަކުވާތައް ކުންފުންޏާ މަޝްވަރާކޮށްގެން ހައްލުކުރަން އަންގައިފި

އެމްޕީއެލްގެ ހައުސިން ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ތިން ޓަވަރުން ފްލެޓް ލިބުނު މީހުންނަށް ފައިސާ ދެއްކުމަށް އެ ކުންފުނިން ލުއިގޮތެއް ހަމަޖައްސާފައި ނުވާ ކަމަށް ބުނެ ހައުސިން މިނިސްޓްރީއަށް ހުށަހެޅި މައްސަލާގައި ކުންފުންޏާ މަޝްވަރާކޮށްގެން ކުރިއަށް ދިއުމަށް އެ މީހުންނަށް އަންގައިފި އެވެ.

އެމްޕީއެލްގެ ފްލެޓް ލިބުނު މީހުން މިދިޔަ މަހުގެ ދެ ވަނަ ދުވަހު މިނިސްޓްރިއަށް ފޮނުވި ސިޓީއާ ގުޅިގެން މިނިސްޓްރީން އެ މީހުންނަށް އިއްޔެ ދިން ޖަވާބުގައި ބުނެފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި ފައިސާ ދެއްކުމަށް އުސޫލުތައް ކަނޑައަޅަނީ އެ ކުންފުނިތަކުން ކަމަށެވެ.

"ވީމާ، ތިޔަ ފަރާތުން އެދިލެއްވި މައްސަލަ ހައްލުކުރުމަށް އެމްޕީއެލްއާ މަޝްވަރާކޮށްގެން ކުރިއަށް ދިއުމަށް އެދެމެވެ،" މަސް ދުވަސް ފަހުން މިނިސްޓްރީން ފޮނުވި ޖަވާބުގައި ބުނެފައިވެ އެވެ.

ފްލެޓް ލިބުނު މީހުންގެ ފަރާތުން މިނިސްޓްރީއަށް ކަންބޮޑުވުންތައް ހިއްސާކުރީ ސަރުކާރު ހިއްސާވާ ކުންފުނިތަގެ މުވައްޒަފުންނަށް ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުއާ ގުޅޭ މައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ބަލައި ނިންމައި މިދިޔަ އަހަރުގެ ފާސްކުރި ރިޕޯޓަކާ ގުޅިގެންނެވެ.

އެ ރިޕޯޓުގައި ވަނީ ފްލެޓްތަކުގެ ހަގީގީ މަންފާއެއް މުވައްޒަފުންނަށް ހޯދައިދިނުމަށާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އެ ފްލެޓްތައް ލިބިދިނުމަށް އެ ފަރާތްތަކުން ފްލެޓަށް ދައްކަންޖެހޭ ފައިސާ ދެއްކޭނެ ނުވަތަ ފައިނޭންސްކުރާނެ ވީހާވެސް ލުއިގޮތްތަކެއް ހޯދައިދޭންވާނެ ކަމަށް ބުނެފަ އެވެެ. އަދި ހައުސިން ޕްރޮޖެކްޓްގެ ދަށުން މުވައްޒަފުންގެ ފްލެޓް ދޫކުރުމަށް އެކުލަވާލި އުސޫލު އޮތީ އެންމެ ހަރުދަނާކޮށް ނޫން ކަމަށާއި އުސޫލު ހަދާއިރު މިނިސްޓްރީގެ ގައުމީ ބޯހިޔާވަހިކަމުގެ ސިޔާސަތާ އެއްގޮތަށް ފްލެޓްތައް ދޫކުރުމުގެ އުސޫލު ބައްޓަން ކުރަން އެ ރިޕޯޓުގައިވެ އެވެ.

ފްލެޓް ލިބުނު ބަޔަކު ހުށަހެޅި އެ މައްސަލާގައި ބުނީ އެ މައްސަލަ، މަޖިލީހުން ދިރާސާކޮށް ނިންމި ގޮތާ އެއްގޮތަށް އެމްޕީއެލުން އަމަލު ނުކުރާ ކަމަށެވެ. އެ ކުންފުނީގެ ފްލެޓްތައް ލިބިފައިވާ މީހުންގެ ތެރޭގައި އަނބިންނަށް ނުވަތަ ފިރިންނަށް ހިޔާ މަޝްރޫއުން ފްލެޓް ލިބުނު މީހުން ވެސް ހިމެނޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެމްޕީީއެލް ފްލެޓް ލިބުނު މީހުންގެ މައިގަނޑު ކަންބޮޑުވުމަކީ ޑައުންޕޭމަންޓް ދައްކަން މުވައްޒަފުންނަށް ދީފައިވާ މުއްދަތު އެކަށީގެންނުވާ ކަމަށް ބުނާ ބުނުމެވެ. މާލޭގައި ކުއްޔަށް އުޅެމުން އެހެން ތަނަކަށް ކުލި ދެއްކުމަކީ ވަރަށް ދަތި ކަމެއް ކަމަށް ކަމަށް އެމީހުން ބުނެފައިވެ އެވެެ.

ޑައުންޕޭމަންޓްގެ މައްސަލައާ ގުޅިގެން ކުންފުންޏަށް ޕެޓިޝަނެއް ހުށަހެޅި ނަމަވެސް އެކަމަށް ލުއި ގޮތެއް ނުހޯދައިދޭތީ މިނިސްޓްރީގައި އެ މުވައްޒަފުން ވަނީ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް އަމަލުކުރުމަށް އެމްޕީއެލް އަށް އަންގަން އެދިފަ އެެވެ.

އެމްޕީއެލް އިން ވަނީ ފްލެޓަށް ފައިސާ ދެއްކުމަށް ތިން ގޮތެއް ކަނޑައަޅައިފަ އެވެ. އެއީ އެމްޕީއެލްގެ ސްކީމުން ފައިސާ ދައްކާ ނަމަ، ފުރަތަމަ ތިން މަހުގެ ތެރޭގައި 150،000ރ. ދެއްކުމެވެ. ބާކީ 150،000ރ. ކޮންމެ މަހަކު 25،000ރ. ގެ އުސޫލުން ދައްކަމުން ދެވިދާނެ އެވެ. ދެން އޮތް ގޮތަކީ ބޭންކު ލޯނު މެދުވެރިކޮށް ޑައުންޕޭމަންޓް ދެއްކުމާއި އެއް ފަހަރާ އެ ފައިސާ ދެއްކުމެވެ.

އެ ކުންފުނިން ހަދާފައިވަނީ 534 ފްލެޓެވެ. އެއީ އެއްކޮޓަރީގެ 204 ފްލެޓާއި ތިން ކޮތަރީގެ 330 ފްލެޓެވެ. އެތަނަށް އަންނަ އަހަރުގެ ކުރީކޮޅު ވަދެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.