އަނުރާގްގެ ކުރިއަށް އޮތް ފިލްމަށް ކާތިކް ނަގައިފި
އަނުރާގްގެ ކުރިއަށް އޮތް ފިލްމަށް ކާތިކް ނަގައިފި

ބޮލީވުޑްގެ ފިލްމުތަކަށް ނާކާމިޔާބީއާ ކުރިމަތިވަމުން އަންނަ މިދަނޑިވަޅުގައި ހިޓް ފިލްމެއް ދިން، ޒުވާން ތަރި ކާތިކް އާރިޔަންއާ އެކު މަސައްކަތްކުރުމަށް، ނަން މަޝްހޫރު ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

މަޝްހޫރު ސާޖިދު ނަޑިއަޑްވާލާ އާއި ކަބީރު ޚާންގެ ފިލްމަކަށް ވެސް އޭނާ ވަނީ މި ފަހުން ސޮއިކޮށްފަ އެވެ. މި ވަގުތު އަނެއްކާ ވެސް ބޮލީވުޑްގައި ނަން މަޝްހޫރު އަނުރާގް ބާސޫގެ ފިލްމެއް ވެސް ކާތިކަށް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކާތިކަށް ލިބިފައި ވަނީ ލޯބީގެ ފިލްމެއްގައި މަސައްކަތްކުރުމުގެ ފުރުސަތެވެ. އެ ފިލްމަކީ މިހާތަނަށް ސިނަމާގައި ފެނިފައިނުވާ ވަރުގެ ތަފާތު ފިލްމަކަށް ވާނެ ކަމަށްވެ އެވެ.

މިހާތަނަށް އެ ފިލްމާ ގުޅޭ މާބޮޑު މައުލޫމާތެއް އާންމެއް ނުވެ އެވެ. ކާތިކާ އެކު ފިލްމުން ފެންނާނީ ކޮން އަންހެން ތަރިއެއް ކަމެއް ވެސް އަދި ނޭނގެ އެވެ.

ކާތިކްގެ ކުރިއަށް އޮތް ފިލްމަކީ "ޝެހެޒާދާ" އެވެ. މިއަހަރު ބޮލީވުޑްގައި ނެރުނު އެންމެ ކާމިޔާބު އެއް ފިލްމު ކަމުގައިވާ "ބޫލް ބުލައްޔާ 2" ގައި މަސައްކަތްކުރި ކާތިކް މިވަގުތު ދަނީ "ސަތުޔަ ޕްރެމްކީ ކާތާ". ގެ މަސައްކަތްކުރަމުންނެވެ. އެ ފިލްމުގައި އޭނާ ފެންނާނީ ކިއާރާ އަދްވާނީއާ އެކުގަ އެވެ. ކާތިކް މިހާރު މަސައްކަތްކުރަމުން އަންނަ ދެ ޕްރޮޖެކްޓަކީ ވެސް އަންނަ އަހަރު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައިވާ ދެ ފިލްމެވެ.