ބިލެތްދޫގައި ބުދު ގެންގުޅުނު ތިން ބިދޭސީއަކު ހައްޔަރުކޮށްފި
ބިލެތްދޫގައި ބުދު ގެންގުޅުނު ތިން ބިދޭސީއަކު ހައްޔަރުކޮށްފި

ބިލެތްދޫގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔަކު އަޅުކަންކުރުމަށް ބުދެއް ހަދައި، އެ ހިފައިގެން އާންމުންގެ ތެރެއަށް ނުކުމެ ހިންދޫ ދީނުގެ ހަރަކާތެއް ހިންގި މައްސަލާގައި ތިން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ބިލެތްދޫގައި މަސައްކަތްކުރ ބިދޭސީންތަކެއް އެ މީހުން އަޅުކަންކުރުމަށް ބުދެއް ހަދައިގެން އުޅޭ ކަމުގެ މައުލޫމާތު މި މަހު އެއްވަނަ ދުވަހު ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން ތިން ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެއީ 27 އަހަރުގެ މީހަކާއި 37 އަހަރުގެ މީހަކާއ 39 އަހަރުގެ މީހެއް ކަމަށާއި އެ މީހުންގެ ބަންދަށް ކޯޓުން 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންނެވެ.

ބިލެތްދޫގައި ބުދަށް އަޅުކަންކުރަމުން މަގުމަތީގައި ހިނގި މައްސަލަ ވަނީ ހޫނުވެފަ އެވެ. އެ ރަށު ބަޔަކު ވަނީ ބިދޭސީން އުޅޭ ގެޔަށް ވަދެ ބުދު ހޯދަން ކަމަށް ބުނެ ބިދޭސީންގެ ފޮށިތަންމައްޗާއި އެ މީހުން އުޅޭތަން ހޯދައި ބަލައިފަ އެވެ.

އަޅުކަންކުރާ ބުދު ރާއްޖެއަށް އެތެރެކުރުމަކީ މަނާ ކަމެކެވެ. އަދި ރާއްޖެ އަންނަ އިސްލާމް ދީން ނޫން އެހެން ދީންތަކުގެ މީހުން އެ މީހެއްގެ ދީނީ އަޅުކަމެއް ކުރި ނަމަވެސް އާންމުކޮށް ފެންނަހެން އެފަދަ ކަންކަން ކުރުމަކީ މަނާ ކަމެކެވެ.