04 ސެޕްޓެމްބަރ 2022 - 16:58

ތިލަމާލެ ބްރިޖުގެ ޕްލެޓްފޯމުން ވިލިމާލެ ފަރަށް އެރުނު ތަކެތި މިއަދު ނެގޭނެ ކަމަށް، ބްރިޖު ޕްރޮޖެކްޓް އޮފީހުން މިއަދު ބުނެފި އެވެ.
ބޯހޯލް ތޮރުފައިގެން ސާވޭ އަށް ބޭނުންކުރާ އެ ޕްލެޓްފޯމް ވިލިމާލެ ފަރުން ފުން ކުރިތާ ހަފުތާއެއް ވެގެންދިޔައިރު ވެސް އެ ފަރަށް ލިބުނު ގެއްލުން ބަލަން ސާވޭކުރާކަށް ނުފެށެ އެވެ.
އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ސާވޭ ކުރަން ފެށޭނީ ފަރަށް އެޅިފައި ހުރި ދަގަނޑު ފަދަ ތަކެތި ނެގުމުން ކަމަށެވެ.
މާލެ-ވިލިމާލެ ގުޅުވާލާ މަޝްރޫއު ހިންގާ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ހޮޅި އާއި އެކި ސާމާނު ނަގަމުން ދާ ކަމަށެވެ. އެ މަސައްކަތް މިއަދަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މޫސުން ގޯސްވުމުގެ ސަބަބުން މަސައްކަތް ލަސްވީ. މިހާރު ވެސް ބޮޑު ބައި ނަގައި ނިމިއްޖެ،" އޮފިޝަލް ވިދާޅުވި އެވެ.
މިދިޔަ މަހުގެ 16 ގައި ވިލިމާލެ ފަރަށް އެ ޕްލެޓްފޯމް އެރީ އޭގެ ނަގިލި ކަނޑައިގެން ގޮސްގެންނެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެ، ވިލިމާލެ ހޮސްޕިޓަލުގައި ފަރުވާ ވެސް ދިނެވެ.
މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވައިލާ ތިލަމާލެ ބްރިޖުގެ ފުރަތަމަ ތަނބުގެ ބިންގާ މިދިޔަ މަހު ވަނީ އަޅައިފަ އެވެ. އެ ބްރިޖުގެ މަސައްކަތަށް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ބޮޑު ސަރަހައްދެއް ވެސް ވަނީ ބަންދުކޮށްފަ އެވެ.