04 ސެޕްޓެމްބަރ 2022 - 13:45

މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރުކުރަނިކޮށް މިދިޔަ ބުދަ ދުވަހު ކ. ގާފަރު ފަރަށް އެރި ލަންދޫ ބޯޓު ފުންކޮށް މިއަދު ގާފަރު ބަނދަރަށް ވައްދައިފި އެވެ.

ނ. އަތޮޅުގެ ގިނަ ރަށްތަކަކަށް ދަތުރުކުރާ ލަންދޫ ބޯޓު ގާފަރު ފަރަށް އަރުވާލީ ބޯޓު ދިޔަވެ އަޑިއަށް ދާން ފެށުމުން މުދަލާއި މީހުން ސަލާމަތް ކުރުމުގެ ބޭނުމުގައި ކަމަށް އެ ބޯޓުގެ ވެރިފަރާތުން ބުނެ އެވެ. މީގެ 13 އަހަރު ކުރިން ފެށިގެން މާލެ ދަތުރުކުރާ މި ބޯޓު ފަރަށް އަރުވާލި އިރު އެތައް ބައެއްގެ މުދާ ބޯޓުގައި ހުއްޓެވެ.

ދޯނީގެ ވެރިޔާގެ ދަރިފުޅު އިބްރާހިމް ސައުދު މިއަދު "މިހާރު" އަށް ވިދާޅުވީ ބޯޓު ފުން ކުރެވުނީ އިއްޔެ ކަމަށާއި އެކަން ކުރެވުނީ ގިނަ ބައެއްގެ އެހީތެރިކަމާ އެކުގައި ކަމަށެވެ. އެ ގޮތުން، ގާފަރުގެ ރައްޔިތުންނާއި ކައުންސިލުން ވެދިން އެހީތެރިކަން އޭނާ ފާހަގަ ކުރި އެވެ.

"ހުރިހާ ކަމެއްގައި ވެސް ގާފަރުގެ ރައްޔިތުން ވަރަށް އެހީތެރިވި،" ސައުދު ބުންޏެވެ.
ބޯޓު ފުން ކުރެވުނު ނަމަވެސް ފަރަށް އެރިއިރު ބޯޓު އަރިވެފައި އޮތް ފަޅިން ބޯޓުގެ ހަލްގަނޑަށް ވެސް ވަނީ ގެއްލުން ވެފައި ކަމަށް ސައުދު ބުންޏެވެ. އޭނާ ބުނި ގޮތުގައި އިންޖީނު މޫދުގައި އޮއްވާ މިހާރު ވަނީ ނަގައިފަ އެވެ. ނަމަވެސް، އިންޖީނަށް ގެއްލުމެއް ވެފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
ބޯޓު ފުން ކުރެވުނު ނަމަވެސް ސައުދު ކިޔައިދިން ގޮތުގައި ނިސްބަތުން ސަލާމަތްކުރެވޭ ވަރު ވީ މަދު މުދަލެކެވެ. ބަރާކޮށްގެން ދަތުރުކުރަމުންދިޔަ އެ ބޯޓުގައި މާފަރު، މަނަދޫ، މާޅެންދޫ އަދި ލަންދޫގެ ވިޔަފާރިވެރިންނާއި އާންމުންގެ ވެސް ގިނަ އަދަދެއްގެ މުދާ ހުއްޓެވެ. މުދާތަކުގެ ތެރެއިން ލަކުޑި، ގޭސް އަދި ދަގަނޑު ފަދަ އެއްޗެހި އަތުޖައްސައި ސަލާމަތް ކުރެވޭތޯ މަަސައްކަތް ކުރި ކަމަށް އޭނާ ބުންޏެވެ.
ބޯޓުގައި ކޮންޓެއިނަރެއްގެ މުށި ވެސް ހުރި އިރު އެ މުށިތައް ވަނީ ސަލާމަތްވާ ގޮތް ނުވެފަ އެވެ. އެ ގޮތުން ވިޔަފާރިވެރިއެއްގެ 17 ޕެލެޓު މުއްޓާއި އާންމުންގެ މުއްޓާއެކު ކޮންޓެއިނަރެއްގެ މުށި ހަމަވާނެ ކަމަށް ސައުދު ބުންޏެވެ.
ލަންދޫ ބޯޓު ފަރަށް އެރި އިރު އެ ބޯޓުގައި ޖުމުލަ 30 މީހުން ތިއްބެވެ. އޭގެ ތެރެއިން 11 މީހުންނަކީ ބިދޭސީންނެވެ. ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައެއް ނުވެ އެވެ.