ސާރާއާ އެކު ފިލްމެއް ކުޅޭ ވާހަކަ ރިތިކް ދޮގުކޮށްފި
ސާރާއާ އެކު ފިލްމެއް ކުޅޭ ވާހަކަ ރިތިކް ދޮގުކޮށްފި

ސައިފް އަލީ ޚާނާއި އަމްރިތާ ސިންގުގެ ދަރިފުޅު ސާރާ އަލީ ޚާން ފިލްމީ ދުނިޔެއަށް ތައާރަފްކުރުމުގެ ގޮތުން ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް އުފައްދާ ފިލްމުގެ ބަތަލަކީ ރިތިކް ރޯޝަން ކަމަށް ބުނެ އޮންލައިން ނޫސްތަކުގައި ޖަހާފައިވާ ޚަބަރުތައް ރިތިކް ދޮގު ކޮށްފި އެވެ.

ރިތިކްގެ އާ ފިލްމު "ގާބިލް"ގެ ޕްރޮމޯޝަންގެ ތެރެއިން ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ރިތިކް އަލަށް ކުޅޭ ފިލްމުތަކަކީ ކޮބައިތޯ ނޫސްވެރިއަކު ސުވާލުކުރުމުން ބުނީ މިހާރު އޭނާގެ އަތުގައި އެންމެ ފިލްމެއް ވެސް ނެތް ކަމަށެވެ. އަދި ސާރާއާ އެކު ފިލްމެއް ކުޅެން ސޮއިކުރިކަމަށް ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ވެސް ބުންޏެވެ.

ސާރާ ފިލްމު ކުޅެން ފަށާ ވާހަކަ ދެކެވެން ފެށީއްސުރެ އަބަދުވެސް ކޮންމެވެސް ކަހަލަ ވާހަކަތަކެއް އޭނާއާ ބެހޭ ގޮތުން ދެކެވެ އެވެ. ޝާހްރުކްގެ ދަރިފުޅު އާރްޔަން ޚާނާ އެކު ސާރާ ފިލްމެއް ކުޅޭ ވާހަކައެއް ވެސް މި ދޭތެރެއަކުން ދެކެވުނެވެ. ނަމަވެސް ކަރަން ޖޯހަރް ވަނީ މި ވާހަކަ ދޮގުކޮށް އާރްޔަން ފިލްމު ކުޅެން ފަށާނީ ހަތަރު އަހަރު ފަހުން ކަމަށް ބުނެފަ އެވެ. ރިތިކް އާއި ސާރާގެ ފިލްމެއްގެ ވާހަކަ ދެކެވެން ފެށިތާ ވެސް މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.

ޔަގީންވާ ކަމަކީ ސާރާ ހުރީ ބޮލީވުޑަށް ވަންނަން ތައްޔާރުވެފައި ކަމެވެ. އެކަމަށް ބޭނުންވާ ފުރިހަމަ ތަމްރީނުތައް އޭނާ ވަނީ ހަދާފަ އެވެ. އަދި ކުރިން ފަލަކޮށް ހުރި ހަށިގަނޑު ހިއްކާލައި ބައްޓަން ވެސް ރީތިކޮށްލައިފި އެވެ.

އަމްރިތާ އާއި ސައިފްގެ އެކްޓިން ހުނަރު ލިބިފައިވާނަމަ ސާރާއަކީ ބޮލީވުޑްގައި ވަރަށް ވިދާލާނެ ބަތަލާއެއް ކަމާ މެދު އެކަކުވެސް ޝައްކެއް ނުކުރެ އެވެ. ނަމަވެސް ސާރާ ކުޅޭނެ ފިލްމަކާއި އޭނާއާ އެކު އެ ފިލްމެއްގައި ބަތަލުގެ ބައި ކުޅޭނީ ކާކުކަން އަދި ނޭނގެ އެވެ.