04 ސެޕްޓެމްބަރ 2022 - 13:28

މެންޗެސްޓާ (ސެޕްޓެމްބަރު 4) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން އެ ޓީމު މި ސީޒަނުގައި ދަމަހައްޓަމުން އަންނަ ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓަން މިރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އޯލްޑް ޓްރެފޯޑުގައި ނުކުންނާނެ އެވެ.

މިހާތަނަށް ލީގުގައި ކުޅުނު ފަސް މެޗުން ވެސް މޮޅު ވެގެން އެއް ވަނައިގައި އޮތް އާސެނަލް އިން ވަނީ ކްރިސްޓަލް ޕެލަސް އާއި ލެސްޓާ ސިޓީ އާއި އަލަށް ޕްރޮމޯޓްވި ބޯންމައުތާއި ފުލަމްގެ އިތުރުން އެންމެ ފަހު މެޗުގައި އެސްޓަން ވިލާ ވެސް ބަލިކޮށްފަ އެވެ. ނަމަވެސް ގިނަބަޔަކު ދެކޭ ގޮތުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗަކީ އާ ސީޒަނުގައި އާސެނަލް ގޮވައިގެން ކޯޗު މިކެލް އާޓެޓާގެ ފުރަތަމަ ޓެސްޓަށް ވެދާނެ އެވެ.

މެންޗެސްޓާ ޔުނައިޓެޑާ އެކު އާ ކޯޗު އެރިކް ޓެން ހަގްގެ ފެށުން ދިޔައީ ވަރަށް ބަދުނަސީބު ކޮށެވެ. ފުރަތަމަ މެޗުގައި ބްރައިޓަން އަތުން ބަލިވި އިރު، ޖެހިގެން އައި މެޗުގައި އެޓީމު ވަނީ ބޮޑު ތަފާތަކުން ބްރެންޓްފޯޑް އަތުން ބަލިވެފަ އެވެ. ނަމަވެސް ޑިފެންސުގައި ޓީމުން ހަދާ ގޯސްތައް ރަނގަޅުކުރަން ކޯޗު ޓެން ހަގް ވަނީ ފަހު ތިން މެޗުގައި ވެސް ކެޕްޓަން ހެރީ މެގުއާ ބެންޗުގައި ބައިންދައިގެން ކުޅެ، މޮޅު ވެފަ އެވެ.
ޔުނައިޓެޑުން ޓެން ހަގް އާއެކު އެންމެ ފުރަތަމަ މޮޅުވީ ވެސް ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗެވެ. ފުރަތަމަ ދެ މެޗުން މޮޅެއް ނުހޯދި އޮތް ލިވަޕޫލާ ދެކޮޅަށް ތިން ވަނަ މެޗު ކާމިޔާބު ކޮށްގެން ޔުނައިޓެޑުން ވަނީ ކްލީންޝީޓަކާ އެކު ސައުތެމްޓަން އާއި ލެސްޓާ ސިޓީ ބަލިކޮށްފަ އެވެ.
އަމިއްލަ ދަނޑުގައި މިރޭ އާސެނަލްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުން މި ސީޒަނުގައި އެންމެ ބޮޑު އަގު ދީފައި ގެނައި ވިންގާ އެންޓޮނީ މެޗުގައި ފެނުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. ޓެން ހަގް ވަނީ އޭނާ ޓީމާ އެކު ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި ވާކަން ހާމަ ކޮށްފަ އެވެ. ހަމަ އެއާ އެކު ރެއާލް މެޑްރިޑުން ގެނައި މިޑްފީލްޑަރު ކަސެމީރޯ ފުރަތަމަ ފަހަރަށް ޔުނައިޓެޑުގެ ޖޯޒީގައި މެޗު ސްޓާޓް ކުރުމުގެ ފުރުސަތު ވެސް ކުޑައެއް ނޫނެވެ. ކަސެމީރޯ ވަނީ ފަހުން ކުޅުނު ދެ މެޗުގައި ފަހު ހާފުގެ ވަކި ހިސާބަކުން ކުޅެން ނުކުމެފަ އެވެ.
ޔުނައިޓެޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މި ސީޒަނުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް އަދި ގޯލެއް ޖެހިފައެއް ނުވެ އެވެ. އެހެން ނަމަވެސް ރޮނާލްޑޯ ވަނީ އޭނާ އާސެނަލްއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު އަށް މެޗުގައި، ހަތް ގޯލު ޖަހައިފަ އެވެ. ބްރެންޓްފޯޑާ ދެކޮޅަށް ރޮނާލްޑޯ ފުލްކޮށް ކުޅުނު ނަމަވެސް، ދެން ކުޅުނު ހަތަރު މެޗުގައި ވެސް ކޯޗު ޓެން ހަގް އޭނާ ބޭނުން ކުރީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއް ގޮތުގަ އެވެ.
މި މުހިއްމު މެޗަށް ނުކުތުމުގެ ކުރިން އާސެނަލް އަށް ވަނީ އަނިޔާގެ ކުދިކުދި މައްސަލަ ދިމާވެފަ އެވެ. ކެޕްޓަން މާޓިން އޮޑެގާޑާއި ގޯލްކީޕަރު އާރޮން ރަމްސްޑޭލް އަށް އެންމެ ފަހުން އެސްޓަން ވިލާއާ ކުޅުނު މެޗުގައި ކުޑަވަރެއްގެ އަނިޔާއެއް ވެފައި ވީ ނަމަވެސް ދެ ކުޅުންތެރިން ވެސް އަންނަނީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރި ވަމުންނެވެ ނަމަވެސް ފަހު ދެ މެޗުގައި ވެސް ނުފެނުނު އޮލެކްސެންޑާ ޒިންޗެންކޯ އަދިވެސް ހުރީ އަނިޔާގަ އެވެ.
އާސެނަލް އިން މިހާތަނަށް 13 ލަނޑު ޖަހައިފައި ވާއިރު، މެންޗެސްޓާ ސިޓީ ދޫކޮށް މި ސީޒަނުގައި އާސެނަލް އަށް ބަދަލުވި ބްރެޒިލްގެ ވިންގާ ގެބްރިއެލް ޖީސަސް ވަނީ ތިން ގޯލު ޖަހައި، ތިން ގޯލުގައި އެސިސްޓްކޮށްދީފަ އެވެ. އެހެން ނަމަވެސް މެންޗެސްޓާ ޔުނައިޓެޑަކީ އޭނާ ސިޓީގައި ކުޅުނު ހަ ސީޒަނުގައި ޕްރިމިއާ ލީގުގައި އެ ޓީމެއް ކޮޅަށް ލަނޑު ނުޖަހާ ތިން ޓީމުގެ ތެރެއިން ޓީމެކެވެ. ޔުނައިޓެޑާ ދެކޮޅަށް ޖީސަސް ނުވަ މެޗެއްގައި ކުޅެފައި ވާއިރު، ކާޑިފް ސިޓީ އާއި ބްރެންޓްފޯޑް ކޮޅަށް އޭނާ އަދި ގޯލެއް ނުޖަހަ އެވެ. އަންނަ މަހު އޭނާ މުޅިން އަލަށް ކުރީގެ ޓީމު ސިޓީއާ ދެކޮޅަށް ވެސް ކުޅެން ޖެހޭނެ އެވެ.
އާސެނަލް އިން 2003/2004 ސީޒަނުގެ ޕްރިމިއާ ލީގުގައި މެޗަކުން ބަލިނުވެ ޗެމްޕިއަންކަން ހޯދި އިރު، އެޓީމު ލީގުގައި ބަލިނުވެ ހަމަކުރި 49 މެޗުގެ ރެކޯޑަށް ނިމުމެއް ގެނައީ، އޭގެ ޖެހިގެން އައި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އޯލްޑް ޓްރެފޯޑުގައި ކުޅުނު މެޗުގަ އެވެ. އެއީ އާސެނަލް އެންމެ ފަހުން ލީގުގެ ފުރަތަމަ ފަސް މެޗު ކާމިޔާބުކުރި ފަހަރެވެ. އެ ސީޒަނުގައި ކުޅުނު ހަވަނަ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އާސެނަލް މިރޭ ކުޅޭ ވާދަވެރި މެޗް ފަށާނީ މިރޭ ރާއްޖެ ގަޑިން 8:30 ގައެވެ.