ފިރިހެނުން ޗޯކާޒް އަޅަނީ، ބޮޑު ބަހުސަކަށްވެއްޖެ
ފިރިހެނުން ޗޯކާޒް އަޅަނީ، ބޮޑު ބަހުސަކަށްވެއްޖެ

މިދިޔަ އަހަރުގެ އެންމެ މަގުބޫލު އެއް ޓްރެންޑަކީ ޗޯކާޒް އެވެ. ދުނިިޔޭގެ އެކި ކަންކޮޅުތަކުގެ އަންހެނުން އެކި ސްޓައިލުގެ ޗޯކާޒް އެކި މުނާސަބަތުތަކަށް އެޅި އެވެ. އެކަމަކު މި ޓްރެންޑު މަޑުމަޑުން ފަނޑުވާން ފަށައިފި އެވެ.

މި ޓްރެންޑު އަންހެނުންގެ ސްޓައިލުން މިއަހަރު އުވޭނެ ކަމަށް ބެލެވެ އެވެ. ނަމަވެސް، ވަރަށް އާދަޔާ ހިލާފް ގޮތަކަށް، މިއަހަރު ޗޯކާޒް ހާއްސަވަނީ ފިރިހެނުންނަށެވެ.

މިއީ އެތައް ބަޔަކު ހައިރާން ކޮށްލުވި ޚަބަރަކަށް ވެއްޖެ އެވެ. އިނގިރޭސިވިލާތުގެ މަގުބޫލު ބްރޭންޑަކުން، އެމީހުންގެ ސައިޓުގެ ފިރިހެނުންގެ ސެކްޝަނުގައި ފިރިހެން މޮޑެލެއް މަހުމާ ޗޯކާއެއް އަޅައިގެން ހުރިތަން އިސްތިހާރު ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ރައްދުވި އެވެ.

ޗޯކާ ސްޓައިލަކީ ފިރިހެނުންނަށް ވަރަށް ހުތުރު އަދި އާދަޔާ ހިލާފު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވެ އެވެ. ޗޯކާގެ ޓްރެންޑަކީ ޒަމާނުންސުރެ އަންހެނުން އަޅަމުން އައި ފަށެކެވެ. މި ފަށުގެ ސްޓައިލް ދުނިޔެއަށް މަގުބޫލުވީ 90ގެ އަހަރުތަކުގަ އެވެ. އޭގެ ފަހުން ޗޯކާޒް އަކީ ފެޝަންގައި ބޮޑު ރޯލެއް އަދާ ކުރާ އެކްސެސަރީ އަކަށް ވި އެވެ.

ނަމަވެސް، ޗޯކާޒް އަކީ ފިރިހެނުންގެ ސްޓައިލެއް ކަމަށް ބަލައިގަނެފައެއް އަދި ނެތެވެ. ކުރީގެ ޕަންކް ރޮކް ލަވަ ކިޔާ، ޕާފޯމްކުރާ ތަރިން މަދުމަދުން ލެދާއިން ތައްޔާރުކޮށްފައިވާ ޗޯކާޒް އަޅާފައި ހުރިތަން ފެނިފައިވެ އެވެ. ނަމަވެސް މިއީ އާއްމުންނަށް އެކަށީގެންވާ ސްޓައިލެއް ނޫނެވެ.

ގިނަ ފެޝަން މަޖައްލާ އަދި ސޯޝަލް މިޑިއާ ސައިޓުތަކުގައި ފިރިހެނުންގެ ޗޯކާޒްއާ ބެހޭގޮތުން ހޫނުކޮށް ބަހުސް ކުރަމުން އެބަ ދެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި މިއީ އެހެން ފަށްތައް ވެސް އަޅާ ގޮތަށް ގަމީހަކައި ޓީޝާޓަކާ އެކު ގުޅުވާލައިގެން އެޅިދާނެ އެއްޗެކެވެ. އަނެއްބައި މީހުން ބުނަނީ މިއީ ފިރިހެނުންނަށް އެއްގޮތަކަށް ވެސް އެކަށީގެންވާ ފަށެއް ނޫން ކަމަށެވެ.