04 ސެޕްޓެމްބަރ 2022 - 08:35

އެމްޓީސީސީ ނޯތު ލީގު ދެވަނަ ޑިވިޝަނުގައި ރ. އަތޮޅުގެ ޗެމްޕިއަންކަން އުނގޫފާރު ފުޓުބޯޅަ ކްލަބުން އިއްޔެ ހޯދައިފި އެވެ.
އުނގޫފާރުން އަތޮޅުގެ އެއްވަނަ ހޯދީ، އަލިފުށީ ދަނޑުގައި ކުޅުނު ގުރޫޕް ޑީގެ ފަހު މެޗުގައި އަލިފުށި ރެކްރިއޭޝަން ކްލަބާ ވާދަކޮށް 0-0 އިން މެޗު އެއްވަރު ކޮށްގެންނެވެ. މިއާ އެކު މި ގުރޫޕުގެ ދެވަނަ ލިބުނީ އަލިފުށްޓަށެވެ.
މި މެޗުގެ ކުރިން، ބުރާސްފަތި ދުވަހު އުނގޫފާރުން ދުވާފަރު ސްޕޯޓްސް ކުލަބާ ކުޅުނު މެޗު ވަނީ އެއްވަރުވެފަ އެވެ. އެއާ އެކު، ތިން ޓީމު ވާދަކުރި މި ގުރޫޕުން ދުވާފަރަށް ވަނީ އެއްވަނަ ޑިވިޝަނުން ޖާގަ ހޯދުމުގެ ފުރުސަތު ގެއްލި، އުނގޫފާރާއި އަލިފުށި ޕްރޮމޯޓް ވެފަ އެވެ.
އުނގޫފާރުން ގުރޫޕުގެ އެއްވަނަ ހޯދީ، އެންމެ މެޗަކުން ވެސް ބަލިނުވެ، ހަތަރު މެޗުން ހޯދި ހަ ޕޮއިންޓާ އެކު އެވެ. އަލިފުށްޓާއި ދުވާފަރު ވެސް ބަލިވީ އެންމެ މެޗަކުންނެވެ. އަލިފުށްޓަށް ފަސް ޕޮއިންޓް ލިބިފައި ވާއިރު، ދުވާފަރަށް ލިބުނީ ތިން ޕޮއިންޓެވެ.
ނޯތު ލީގުގެ ދެވަނަ ޑިވިޝަން ކުރިއަށް ގެންދިޔައީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ ޓީމެއް އެއްވަނަ ޑިވިޝަން ޕްރޮމޯޓް ވެފައި ވާއިރު، އެއްވަނަ ޑިވިޝަން ފަށާނީ އަންނަ އަހަރު އެވެ. އެއްވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް، 2023/24 ސީޒަންގެ ދިވެހި ޕްރިމިއާ ލީގުން ސީދާ ޖާގައެއް ލިބޭނެ އެވެ.
ނޯތު ލީގުގެ އެއްވަނަ ޑިވިޝަނުގައި ވާދަކުރާނީ އުނގޫފާރާއި އަލިފުށީގެ އިތުރުން، ހއ. ދިއްދޫ ބީއެކްސް ސްޕޯޓްސް ކްލަބް، ހދ. ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް، އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑެވެލޮޕްމަންޓް، ށ. ފުނަދޫ ޔުނިޓީ ސްޕޯޓްސް ކްލަބް އަދި ނ. އަތޮޅުގެ ކެނދިކުޅުދޫ ފުޓުބޯޅަ ކުލަބާއި ހޮޅުދޫ ފުޓްބޯޅަ ކުލަބެވެ.
އެފްއޭއެމުން 2023/24 ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން، ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައިގެން ކޮލިފައިން ފަށާފައި ވާއިރު، އުތުރުގެ އަތޮޅުތަކަށް ނިސްބަތްވާ ނޯތު ލީގުގެ ދެވަނަ ޑިވިޝަނުގެ ކުޅުން މިވަނީ ނިމިފަ އެވެ.
އެފްއޭއެމުން މިހާރު ވަނީ މެދުރާއްޖެތެރޭގެ އަތޮޅުތައް ހިމެނޭ ސެންޓްރަލް ލީގުގެ ދެވަނަ ޑިވިޝަން ފަށަން ތައްޔާރުވެފަ އެވެ. ސެންޓްރަލް ލީގު ދެވަނަ ޑިވިޝަނުގައި 18 ޓީމެއް ވާދަކުރާ އިރު، ޓީމުތައް ވަނީ ފަސް ގުރޫޕަކަށް ބަހާލައިފަ އެވެ.
އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފުރަތަމަ ގުރޫޕް ކަމަށްވާ ގުރޫޕް އޭގެ މެޗުތައް ހޯސްޓުކުރަން ހަމަޖެހިފައި ވަނީ ބ. އޭދަފުށީ ޓާފް ދަނޑުގަ އެވެ.
ސެންޓްރަލް ޒޯނުން އޯޕަން ޑިވިޝަން ކުޅެފައި ވަނީ ވެސް ހަމައެކަނި އޭދަފުށީގަ އެވެ. އޭދަފުށިން ދެ ޓީމެއް އޯޕަން ރައުންޑުގައި ވާދަކުރި އެވެ. އެއީ ކްލަބް އޭދަފުށްޓާއި އޭދަފުށީ ފުޓުބޯޅަ ކުލަބެވެ. ދެ ލެގަށް ކުޅުނު މެޗު 2-2 ގެ އެގްރިގޭޓުން އެއްވަރު ވެގެން ޕެނަލްޓީ ޖަހައިގެން، ދެވަނަ ޑިވިޝަނުގައި ވާދަކުރުމުގެ ފުރުސަތު ހޯދީ ކްލަބް އޭދަފުށްޓެވެ.
އޭދަފުށީގައި ކުރިއަށްދާ ގުރޫޕް އޭގައި ބ. އަތޮޅާއި ޅ. އަތޮޅުގެ ޓީމުތައް ވާދަކުރާއިރު، މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި) ނުހިމެނޭ ހެން ކ. އަތޮޅުގެ ޓީމުތައް ދެން އޮތް ގުރޫޕުގައި ވާދަކުރާނެ އެވެ. އއ. އަދި އދ. އަތޮޅުގެ ޓީމުތައް އެއް ގުރޫޕެއްގައި ވާދަކުރާ އިރު، ފ. އަތޮޅާއި ދ. އަތޮޅުގެ ޓީމުތައް ވެސް ހިމެނެނީ ވަކި ގުރޫޕެއްގަ އެވެ. ފަސްވަނަ ގުރޫޕަކީ މ. އަތޮޅުގެ ޓީމުތައް ހިމެނޭ ގުރޫޕެވެ.
މި ފަސް ގުރޫޕުން އެއްވަނައަށް ދާ ޓީމުތައް އެއްވަނަ ޑިވިޝަނަށް ކޮލިފައި ވާއިރު، ކޮންމެ ގުރޫޕަކުން ވެސް ދެވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ތިން ޓީމަކަށް ވެސް އެއްވަނަ ޑިވިޝަނުން ފުރުސަތު ލިބޭނެ އެވެ. މިއާ އެކު ސެންޓްރަލް ޒޯނުގެ އެއްވަނަ ޑިވިޝަނުގައި ވެސް އަށް ޓީމު ވާދަކުރާނެ އެވެ.
ސެންޓްރަލް ޒޯނުގައި ނުވަ އަތޮޅެއް ހިމެނޭ އިރު، ލީގުގައި ވާދަ ނުކުރަނީ ހަމައެކަނި ވ. އަތޮޅުންނެވެ.