05 ޖެނުއަރީ 2017 - 12:57

ކޮލަމްބޯ (ޖެނުއަރީ 5) - ލަންކާ ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ އިގްތިސާދީ ތަރައްގީގެ ޕްލޭން ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އިއުލާން ކުރައްވައިފި އެވެ.
ހަލުވި ތަރައްގީ ގެނައުމަށް "ބާރުގަދަ ސްރީ ލަންކާގެ" ނަމުގައި އިއުލާންކުރި ޕްލޭނުގެ ދަށުން ދެމެހެއްޓެނިވި ގޮތުގައި އިގްތިސާދު ކުރިއަރުވާ އަދި އިގްތިސާދީ ނަފާ ގައުމުގެ ހުރިހާ ރައްޔިތުންނަށް ވެސް ފޯރުކޮށްދޭނެ އެވެ. ރައީސް މައިތުރިޕާލާ ސިރިސޭނާގެ ދެ އަހަރުގެ ކާމިޔާބީ ފާހަގަ ކުރައްވަމުން ރަނިލް ވިދާޅުވީ މި ޕްރޮގްރާމުގެ ދަށުން އެއް މިލިއަން ވަޒީފާ އުފައްދާނެ ކަމަށާއި މެދުފަންތީގެ ވިޔަފާރިތައް ވެސް ފުޅާ ކުރައްވާނެ ކަމަށެވެ. ރަނިލް ވަނީ އެކްސްޕޯޓް ފުޅާކޮށްފައިވާ އިގްތިސާދެއް ބިނާ ކުރުމަށް ވިޔަފާރިވެރިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ލަންކާގެ ބޮޑު ވަޒީރު ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ ޝިޕިން އާއި ލޮޖިސްޓިކްސްގެ މައި މަރުކަޒަކަށް ހަދާ މިނިވަން ވިޔަފާރީގެ މާކެޓް ވީހާ ވެސް ފުޅާ ކުރުން ކަމަށެވެ. ޓްރިންކޮމަލީ ހާބާ ތަރައްގީ ކުރުމާ ބެހޭ ގޮތުން ސިންގަޕޫރު، ޖަޕާން އަދި އިންޑިއާއާ އެކު މަޝްވަރާކޮށްފައިވާ ކަމަށާއި އުތުރުގެ ސަރަހައްދުތަކުގައި ދަނޑުވެރިކަމާއި އެހެން ސިނާއަތްތައް ވެސް ފުޅާ ކުރުމަށް ހާއްސަ ޕްރޮގްރާމެއް އެކުލަވާލައްވާނެ ކަމަށް ރަނިލް ވިދާޅުވި އެވެ. މި ގޮތުން ޓޫރިޒަމާއި ވިޔަފާރި އާއި ދަނޑުވެރިކަމާއި މަސްވެރިކަމަށް ގައުމުގެ އެކި ހިސާބުތަކުގައި ހާއްސަ ޒޯންތައް ކަނޑައަޅާނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ހުޅަނގު ދެކުނުގައި ވަކި ޒޯނެއް ކަނޑައަޅާ އެ ޒޯނުގައި ދެ އެއާޕޯޓާއި ދެ ބަނދަރު ތަރައްގީ ކުރާނެ ކަމަށް ވިދާޅުވި އެވެ. ބިންގިރިޔާ އާއި ކުލިޔަޕިޓިޔާގައި އިންޑަސްޓްރިއަލް ދެ ޒޯން ތަރަައްގީ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ޖަފްނާގެ ޕަލާލީ އެއާޕޯޓް ސަރަހައްދީ އެއާޕޯޓަކަށް ބަދަލު ކުރުމަށް ވެސް ޕްލޭނުގައި ވަނީ ހިމަނައިފަ އެވެ.