06 ޖެނުއަރީ 2017 - 08:48

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ޓެކްނިކަލް ޑިރެކްޓަރެއް ގެންނަން ނިންމާފައިވާ ކަަމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
"އޭއެފްސީ އާއި ފީފާގެ ލަފަޔާ އެކު އެފްއޭއެމް އަށް ފެންވަރު ރަނގަޅު ޓެކްނިކަލް ޑިރެކްޓަރެއް ގެންނަން މި އަންނަނީ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ވަރަށް ކައިރި މުސްތަގުބަލެއްގައި ނިންމާ ބޭރުގެ ޓެކްނިކަލް ޑިރެކްޓަރެއް ހަމަޖެހޭނެ،" ބައްސާމް ވިދާޅުވި އެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަކަށް މީގެ ކުރިން ވަނީ މެލޭޝިއާގެ ލިމް ކިން ޗޮން މަސައްކަތް ކޮށްފަ އެވެ. އޭނާ އަކީ 2002 ވަނަ އަހަރު ކޮރެއާ އާއި ޖަޕާންގައި ބޭއްވި ވޯލްޑް ކަޕްގެ ޓެކްނިކަލް ސްޓަޑީ ގްރޫޕްގައި މަސައްކަތްކޮށްފައިވާ ފަރާތެކެވެ. ލިމްގެ ދުވަސްވަރު އޭނާ ރަނގަޅު ބަދަލުތަކެއް ގެނަ އެވެ.
އޭގެ ފަހުން މަޝްހޫރު ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ވެސް ވަނީ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. މާއްޓޭ އަށް ފަހު ދެން އެ މަގާމުގެ ޒިންމާ ނެގީ އެކްޓިން ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގައި އަލީ ސުޒޭން އެވެ. އެންމެ ފަހުން އެ މަގާމުގައި ހުރީ މުހައްމަދު ޝިޔާޒް (މޯހަން) އެވެ.
މި އަހަރަކީ ގައުމީ ޓީމުގެ މުހިއްމު އަހަރަކަށްވާތީ ހުރިހާ ގޮތަކުން ވެސް ގައުމީ ޓީމަށް އިސްކަން ދިނުމަށް އެފްއޭއެމުން ވަނީ ނިންމައިފަ އެވެ. އެގޮތުން ގައުމީ ކޯޗު ޑަރެން ސްޓެވާޓްގެ އެއްބަސްވުން ވަނީ ދާއިމީ ކޮށްފަ އެވެ.
"ސްޓެވާޓަށް އެއް އަހަރުގެ އެއްބަސްވުމެއް ދީފިން. މިއީ ގައުމީ ޓީމުގެ މުހިއްމު އަހަރެއް. މި މަހު 18 ގައި އޮންނަ ގުރުލުމަށް ފަހު އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތައް އެނގޭނެ. ފީފާ ޑޭސްތަކުގެ ބޭނުން ހިފައިގެން ވީހާވެސް ބޮޑަކަށް ގައުމީ ޓީމަށް ކާމިޔާބު އަހަރަކަށް ހަދަން ބޭނުން،" ބައްސާމް ވިދާޅުވި އެވެ.
"ސާފް ޗެމްޕިއަންޝިޕް ވެސް އޮތް އަރަކަށްވާތީ އެފްއޭއެމް ކަލަންޑަރު ވެސް ނިންމީ ގައުމީ ޓީމަށް ވަރަށް ބޮޑަށް ވިސްނުމަށް ފަހު."
މި މަހު ފަހުކޮޅު ސްޓެވާޓް މާލެ އައިސް ޓީމާ ގުޅޭނެ ކަމަށާއި އަންނަ މަހު ތެރޭގައި އޭނާ މަސައްކަތް ފަށާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.