02 ސެޕްޓެމްބަރ 2022 - 14:59

ހއ. އިހަވަންދޫގެ ގެއެއްގެ ގުދަނުގައި ހުރި ލަކުޑިތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ގެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް މިއަދު ވެއްޖެ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަހްމަދު ސޮބާހު "މިހާރު" އަށް ވިދާޅުވީ މިއަދު 12 ޖަހަން އުޅެނިކޮށް ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށެވެ. އެކަމަކު އެ ގެއަށް ވަރަށް ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ.
އެ ހާދިސާ ހިނގީ އެ ރަށު ނަލައައްސޭރި ގޭގެ ގޯތިތެރޭގައި ކުއްޔަށް ދިނުމަށް ވަކިން ހަދައިފައި ހުރި ތިން ކޮޓަރީގެ އެޕާޓްމަންޓެއްގަ އެވެ. އެ ތަނުން އެއް ކޮޓަރީގައި ހުންނަނީ ގުދަނެއް ހަދައިފަ އެވެ. އެ ގުދަނުގެ ތެރޭގައި ލަކުޑި ކަހަލަ ސާމާނު ހުއްޓެވެ. އެ އެޕާޓްމަންޓްގައި މީހުން ދިރިއުޅުނީ އެންމެ ކޮޓަރިއެއްގަ އެވެ.
ސޮބާހް ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގަން މެދުވެރިވީ އެ ލަކުޑިތަކުގައި ރޯވެގެންނެވެ. އެކަމަކު އޭގައި ރޯވާން މެދުވެރިވި ސަބަބެއް އަދި ޔަގީން ނުވާ ކަމަށް ވިދާޅުވި އެވެ.
"ތިން ކޮޓަރި ވެސް ހަމަ ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައި، އެ ގޭގައި ދިރިއުޅު މީހުން މިހާރު ތިބީ އެ ގޭގައި ކުރިން ހަދާފައި ހުރި ބައިގައި. އެ ބަޔަށް އެއްވެސް ގެއްލުމެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.
ސޮބާހް ވިދާޅުވީ ރަށުގެ ރައްޔިތުންނާއި ކައުންސިލް ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ގަޑިއެއްހާއިރުން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހާދިސާގައި އެ ގެއާ ކައިރީގައި ހުރި އެހެން ގެއަކަށް ވެސް ކޮންމެވެސް ވަރަށް ގެއްލުން ވެފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ އަލިފާންގަނޑު ނިއްވާލުމަށް އެ ރަށު ރައްޔިތުން އުޅުނީ ވަރަށް ހާލުގަ އެވެ. އެ އަލިފާންގަނޑު ނިއްވާލީ ބަލީދީ އާއި ތެލި ފަދަ އެއްޗެހީގައި ފެން އުފުލައިގެން ގެންގޮސް އުކައިގެންނާއި، ޕަންޕުން ފެން ޖަހައިގެންނެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި އެއްޗެއް ނުބުނެ އެވެ.