21 ކުޅުންތެރިންގެ ސޮޔާ އެކު ނޮޓިންހަމް ފޮރެސްޓަށް ރެކޯޑެއް
21 ކުޅުންތެރިންގެ ސޮޔާ އެކު ނޮޓިންހަމް ފޮރެސްޓަށް ރެކޯޑެއް

ނޮޓިންހަމްޝަޔާ (ސެޕްޓެމްބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި 23 އަހަރު ފަހުން ވާދަކުރަމުން އަންނަ ނޮޓިންހަމް ފޮރެސްޓުން އާ ސީޒަނަށް 21 ކުޅުންތެރިން ސޮއިކުރުވައި، އިނގިރޭސި ކުލަބަކުން އެއް ސީޒަނުގައި އެންމެ ގިނަ ކުޅުންތެރިން ސޮއިކުރުވުމުގެ ރެކޯޑް ހަދައިފި އެވެ.

ފޮރެސްޓުން އެޓީމުގެ 22 ވަނަ ކުޅުންތެރިއަކަށް ޗެލްސީގެ ފޯވާޑް މިޗީ ބަޓްޝުއާއީ ހޯދަން މަސައްކަތް ކުރި ނަމަވެސް އެ ޑީލް ކާމިޔާބެއް ނުވި އެވެ. އެކަމަކުވެސް ކުލަބުގެ ރެކޯޑް ފީތަކަކާ އެކު އެޓީމުން ވަނީ 2013 ވަނަ އަހަރު 17 ކުޅުންތެރިން ހޯދައިގެން ކްރިސްޓަލް ޕެލަސް ހެދި ރެކޯޑް މުގުރާލައިފަ އެވެ.

ގިނަ ކުޅުންތެރިންތަކެއްގެ ސޮޔާ އެކު ވެސް ފޮރެސްޓުން ހަރަދު ކޮށްފައި ވަނީ ފައިނޭންޝަލް ފެއާ ޕްލޭ (އެފްއެފްޕީ) މިންގަނޑު ފަހަނައަޅައިދާ ވަރުގެ ބޮޑެތި އަގުތަކެއް ނޫނެވެ.

ޕްރިމިއާ ލީގަށް ކޮލިފައި ވުމާ އެކު ގިނަ ކުޅުންތެރިންތަކެއް ޓީމު ދޫކޮށް ދިޔައިރު، ޓީމުގައި ބާކީ ތިބީ 11 ވަރަކަށް ކުޅުންތެރިންނެވެ. މިއާ ގުޅިގެން ކޯޗު ސްޓީވް ކޫޕާ ވަނީ، ޕްރިމިއާ ލީގުގައި ވާދަކުރެވޭ ވަރުގެ ޓީމެއް ބިނާކުރަން ގިނަ ކުޅުންތެރިންތަކަކަށް ފާރަ ލައިފަ އެވެ. ޕްރޮމޯޝަނަށް ފަހު އެޓީމުގެ ހަ ކުޅުންތެރިން ޓީމު ދޫކޮށް ދިޔައިރު، އޭގެ ތެރޭގައި ފުރަތަމަ ޗޮއިސް ގޯލްކީޕަރު ވެސް ހިމެނެ އެވެ. އަދި ލޯނު އުސޫލުން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ހަ ކުޅުންތެރިން ވެސް ވަނީ އެނބުރި ބެލެނިވެރި ކުލަބުތަކަށް ގޮސްފަ އެވެ.

ޓްރާންސްފާ ބާޒާރު ބަންދު ވެފައި ވާއިރު، ފޮރެސްޓުން 167 މިލިއަން ޑޮލަރު (145 މިލިއަން ޕައުންޑް) ހޭދަ ކޮށްފައި ވާކަމަށް ރިޕޯޓް ކުރެއެވެ.

ރެކޯޑް ފީއަކަށް ވުލްވްސް އިން ގިބްސް ވައިޓް ހޯދުމަށް ފަހު ފޮރެސްޓުން ވަނީ ފްރާންސް ލީގުގައި ކުޅޭ ދެކުނު ކޮރެއާގެ ފޯވާޑްހްވަންގް އުއި-ޖޯ ގެނެސްފަ އެވެ. ނަމަވެސް އޭނާ ވަނީ ލޯނު އުސޫލުން ގްރީސްގެ އޮލިމްޕިއާކޯސް އަށް ފޮނުވާލައިފަ އެވެ. އަދި ޓްރާންސްފާ ޑެޑްލައިން ޑޭ ގައި، ވުލްވްސްގެ ޑިފެންޑަރު ވިލީ ބޮލީ އާއި ބްލެކްޕޫލްގެ ފޯވާޑް ޖޯޝް ބައުލާ އަދި ފްރާންސްގެ ރެނެސް އަށް ކުޅޭ ޑިފެންޑަރު ލޮއިކް ބަލްޑޭ ގެނެސްފައި ވެއެވެ. ބަލްޑޭ ގެނައީ ލޯނު އުސޫލުން ނަމަވެސް، އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުސަތު އެބަ އޮތެވެ.

އެޓީމުން ކާމިޔާބުކުރި ސައިނިންތަކުގެ ތެރޭގައި ޖަރުމަންގެ ޔޫނިއަން ބާލިންގެ ފޯވާޑް ޓައިވޯ އޮވޮނިއީ އާއި ލިވަޕޫލްގެ ޑިފެންޑަރު ނެކޯ ވިލިއަމްސް އަދި ވަޓްފޯޑަށް ކުޅުނު އެމަނުއެލް ޑެނިސް ވެސް ގެނެސްފަ އެވެ. މީގެ އިތުރުން ބުންޑެސްލިގާ އިން މިޑްފީލްޑަރު އޮރޭލް މަންގަލާ އާއި ސެންޓަބެކް މޫސާ ނިއަކާޓޭ އަދި ފްރާންސް ލީގުން ޑިފެންޑަރު ގިއުލިއަން ބިއަންކޯނޭ އާއި އެޓަލާންޓާއަށް ކުޅުނު ސްވިޒަލެންޑްގެ މިޑްފީލްޑަރު ރެމޯ ފްރޯލާ ހިމެނެ އެވެ.

ހަމަ އެއާ އެކު ބެޔަން މިއުނިކުން އިނގިރޭސި ވާތުބެލް އޮމަރު ރިޗަޑްސް އާއި އިނގިރޭސި ޗެމްޕިއަންޝިޕުން ޑިފެންޑަރު ހެރީ ޓޮފޮލޯ އަދި މިޑްފީލްޑަރު ލެވިސް އޯބްރެއިންގެ ސޮއި ވެސް ފޮރެސްޓުން ހޯދައިފައި ވެއެވެ. އަދި ހިލޭ ޓްރާޏްސްފާގައި ވަނީ މެންޗެސްޓާ ޔުނައިޓެޑުން ޖެސީ ލިންގާޑާއި، ބާންލީގެ ގޯލްކީޕަރު ވޭން ހެނެސީ އަދި، ކްރިސްޓަލް ޕެލަސް އިން ދޫކޮށްލި މިޑްފީލްޑަރު ޗީކޫ ކުޔާޓޭގެ ސޮއި ވެސް ހޯދައިފަ އެވެ.

ފޮރެސްޓުން ވަނީ އެތުލެޓިކޯ މެޑްރިޑުގެ ވާތުބެކް ރެނާން ލޯޑީ އާއި ޔުނައިޓެޑްގެ ގޯލްކީޕަރު ޑީން ހެންޑަސަން ވެސް ލޯނު އުސޫލުން ގެނެސްފަ އެވެ.

މި ސީޒަނުގައި ފޮރެސްޓުން ލީގުގައި މިހާތަނަށް ފަސް މެޗެއް ކުޅެފައި ވީ ނަމަވެސް އެޓީމަށް މޮޅު ވެވުނީ އެންމެ މެޗަކުންނެވެ. އެއީ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެވަޓަން އަތުން ޕޮއިންޓެއް ހޯދި އިރު، އެޓީމު ވަނީ ނިއުކާސަލް ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާ އަދި ޗެމްޕިއަން މެންޗެސްޓާ ސިޓީ އަތުން ބަލިވެފަ އެވެ.

އިނގިރޭސި ލީގް ކަޕުގައި އެޓީމުގެ ފުރަތަމަ މެޗުގައި ގްރިމްސްބީ ޓައުން ބަލިކޯށްފައި ވާއިރު، ތިންވަނަ ބުރުގައި އެޓީމަށް ޖެހިފައި ވަނީ އަމިއްލަ ދަނޑުގައި ޓޮޓެންހަމާ ދެކޮޅަށް ނުކުންނަން ޖެހިފަ އެވެ.

ޕްރިމިއާ ލީގުގައި ފޮރެސްޓުން މާދަމާ ރޭ އަމިއްލަ ދަނޑުގައި، އަލަށް ޕްރޮމޯޓްވި ބޯންމަތާ ދެކޮޅަށް ނުކުންނާނެ އެވެ.