އެމްޓީސީސީ ނޯތު ލީގު: ދުވާފަރު މެޗު އެއްވަރުވެ، އުނގޫފާރާއި އަލިފުށި އެއް ވަނަ ޑިވިޝަނަށް
އެމްޓީސީސީ ނޯތު ލީގު: ދުވާފަރު މެޗު އެއްވަރުވެ، އުނގޫފާރާއި އަލިފުށި އެއް ވަނަ ޑިވިޝަނަށް

ނޯތު ލީގު ދެ ވަނަ ޑިވިޝަނުގައި މިއަދު ހަވީރު ދުވާފަރު ސްޕޯޓްސް ކުލަބާއި އުނގޫފާރު ފުޓުބޯޅަ ކުލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވެ، އުނގޫފާރާއި އަލިފުށި ރެކްރިއޭޝަން ކުލަބަށް އެއް ވަނަ ޑިވިޝަނުގެ ޖާގަ ޔަގީންވެއްޖެ އެވެ.

ނޯތު ލީގުގެ ދެ ވަނަ ޑިވިޝަން ކުރިއަށް ދަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. މިއަދުގެ ނަތީޖާއާ އެކު، އަންނަ އަހަރު ފަށަން ހަމަޖެހިފައިވާ ނޯތު ލީގުގެ އެއް ވަނަ ޑިވިޝަން މުބާރާތަށް ކޮލިފައިވާ އަށް ޓީމު ވަނީ ޔަގީން ވެފަ އެވެ.

އެ ޓީމުތަކަކީ އުނގޫފާރާއި އަލިފުށީގެ އިތުރުން، ހއ. ދިއްދޫ ބީއެކްސް ސްޕޯޓްސް ކްލަބް، ހދ. ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް، އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑެވެލޮޕްމަންޓް، ށ. ފުނަދޫ ޔުނިޓީ ސްޕޯޓްސް ކްލަބް އަދި ނ. އަތޮޅުގެ ކެނދިކުޅުދޫ ފުޓުބޯޅަ ކުލަބާއި ހޮޅުދޫ ފުޓްބޯޅަ ކުލަބެވެ.

އުނގޫފާރުގެ ކޯޗަކީ ރާއްޖޭގެ އޭ އޭއެފްސީ ޕްރޯ ލައިސެންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެވެ. އަދި ދުވާފަރަށް އިރުޝާދު ދިނީ، ކްލަބް އީގަލްސް ގައި ގިނަ ދުވަސް ވަންދެން މަސައްކަތް ކޮށް، މިދިޔަ އަހަރު ބުރު ސްޕޯޓްސް ކުލަބަށް އެފްއޭއެމް ތިންވަނަ ޑިވިޝަން ހޯދައިދިން ކޯޗު އަހުމަދު ނިމާދު (ނިމާ) އެވެ.

އަލިފުށީ ފުޓުބޯޅަ ދަނޑުގައި ކުރިއަށްދާ ނޯތު ލީގު ދެ ވަނަ ޑިވިޝަނުގެ ގުރޫޕް ޑީ ގައި، ދުވާފަރުން އެ ޓީމުގެ ހަތަރު މެޗު ވެސް ނިންމާލީ މޮޅެއް ނުހޯދި އެވެ. މިއަދުގެ މެޗުގެ ކުރިން އެ ޓީމު އަލިފުށި އަތުން ބަލިވި ނަމަވެސް، އޭގެ ކުރިން ވަނީ އަލިފުށްޓާއި އުނގޫފާރު އަތުން ވެސް ޕޮއިންޓެއް ހޯދައިފަ އެވެ.

މި ނަތީޖާއާ އެކު ތިން ޓީމު ވާދަކުރާ މި ގުރޫޕުގެ ފުލުގައި ދުވާފަރު ނިންމާލީ ތިން ޕޮއިންޓް ހޯދައިގެންނެވެ. އަލިފުށްޓަށް ހަތަރު ޕޮއިންޓް ލިބިފައި ވާއިރު، އުނގޫފާރަށް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ.

ރ. އަތޮޅުގެ ޓީމުތައް ހިމެނޭ މި ގުރޫޕުގައި ބާކީ އޮތީ އަލިފުށްޓާއި އުނގޫފާރު ބައްދަލުކުރާ މެޗެވެ. އަތޮޅުގެ އެއް ވަނަ ޓީމު އެނގޭނީ އެ މެޗަށް ފަހު އެވެ. އުނގޫފާރުން ވަނީ އަލިފުށްޓާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު 1-0 އިން ކާމިޔާބު ކޮށްފަ އެވެ.

އުނގޫފާރާއި އަލިފުށި ބައްދަލުކުރާ ނޯތު ލީގު ދެ ވަނަ ޑިވިޝަނުގެ ފަހު މެޗު ކުޅޭނީ ހޮނިހިރު ދުވަހުގެ ހަވީރު 4 ޖަހާއިރެވެ.