01 ސެޕްޓެމްބަރ 2022 - 21:30

މެންޗެސްޓާ (ސެޕްޓެމްބަރު 1) - ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އައި ސްވިޒަލެންޑުގެ ޑިފެންޑަރު މެނުއެލް އަކަންޖީ، ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ބަދަލު ވެއްޖެ އެވެ.

ފާއިތުވި ތިން ސީޒަނުގައި އާލިން ބްރައުޓް ހާލަންޑާ އެކު ޑޯޓްމަންޑުގައި ކުޅުނު ސެންޓަ ބެކް އަކަންޖީ، ސިޓީއާ ގުޅުނީ 17 މިލިއަން ޑޮލަރުގެ ފީއަކަށެވެ. ޕްރިމިއާ ލީގުގެ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާން އަދި އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނުން ވެސް އަކަންޖީ އަށް ޝައުގުވެރި ވާކަމަށް މީޑީއާތަކުން ވަނީ މީގެ ކުރިން ރިޕޯޓް ކޮށްފަ އެވެ.
ސްވިޒަލެންޑު ގައުމީ ޓީމަށް މިހާތަނަށް 41 މެޗު ކުޅެދީފައިވާ އަކަންޖީ ވަނީ އެޓީމަށް މިއަހަރުގެ ވޯލްޑް ކަޕުން ޖާގަ ހޯދައިދޭން، ކޮލިފައިންގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕާއި، މިދިޔަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވެސް ކުޅުނު އަކަންޖީ ވަނީ 2019 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގެ ހަތަރު ވަނަ ހޯދި ސްވިޒަލެންޑު ޓީމުގައި ވެސް ހިމެނިގެން ކުޅެފަ އެވެ.
"އަހަރެން މިހުރީ ވަރަށް އުފަލުން، ސިޓީ އަކީ ފާއިތުވި ސީޒަންތަކުގައި ޔޫރަޕުގައި އެންމެ މޮޅެތި ޓީމުތަކުގެ ތެރޭގައި ގުނާލެވޭ ޓީމެއް. ސިޓީ އިން ކުޅެނީ ވެސް ވަރަށް ބަލާ ހިތްވާ ކަހަލަ ރީތި ފުޓުބޯޅައެއް، އަދި ކޮންމެ ސީޒަނަކު ވެސް މުބާރާތްތައް ކާމިޔާބުކުރަން އަމާޒު ހިފާ ކުލަބެއް ސިޓީ އަކީ. މި ކްލަބަށް އާދެވުމަކީ އަހަރެންގެ ކެރިއަރުގައި ކުރިއަށް އެޅުނު ފިޔަވަޅެއް ކަމުގައި ދެކެން،" އަކަންޖީ ބުންޏެވެ.
"ޕެޕް ގާޑިއޯލާ އަކީ ތަފާތު މޮޅު ކޯޗެއް، އަދި ސްކޮޑުގައި ހިމެނޭ ކުޅުންތެރިން ވެސް އެހާމެ ތަފާތު. މިއީ އަހަރެންނަށް ލިބުނު ރަނުގެ ފުރުސަތެއް. ދެން ބޭނުމީ ވީ އެންމެ އަވަހަކަށް ޕްރިމިއާ ލީގުގެ ކުޅުން ތަޖުރިބާ ކޮށްލަން، އަހަރެން މިހުރީ ކުލަބަށް ކާމިޔާބު ހޯދައިދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ތައްޔާރަށް."
އަކަންޖީ އޭނާގެ ކެރިއަރު ފެށީ ސްވިޒަލެންޑުގެ ދެ ވަނަ ޑިވިޝަނުގައި ވިންޓާޓުއާ އިންނެވެ. އެއަށް ފަހު ޑޯޓްމަންްޑަށް ބަދަލު ވުމުގެ ކުރިން ވަނީ އެގައުމުގެ މަޝްހޫރު ބަސެލް އަށް ތިން ސީޒަން ކުޅެ، އެޓީމާ އެކު ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ކުޅެފަ އެވެ.
ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކޮށް، ޔޫއެފާ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކުރަން އަމާޒު ހިފާފައި ހުރި ސިޓީ އިން ވަނީ، މި ސީޒަނުގައި އެންމެ މުހިއްމު ޓްރާންސްފާއެއްގެ ގޮތުގައި ޑޯޓްމަންޑުން ހާލަންޑް ގެނެސްފަ އެވެ. އަދި އެއަށް ފަހު ވަނީ ލީޑްސް ޔުނައިޓެޑަށް ކުޅުނު މިޑްފީލްޑަރު ކެޕްވިން ފިލިޕްސް ވެސް ހޯދައިފަ އެވެ.
އަކަންޖީގެ ކުރިން، ސިޓީ އިން ވަނީ ބެލްޖިއަމް ލީގުގައި ކުޅޭ ޑިފެންޑަރު ސާޖިއޯ ގޯމޭޒް އާއި ޖަރުމަންގެ އަރުމީނިއާ ބިއެލެފެލްޑްގެ ގޯލްކީޕަރު ސްޓެފާން އޯޓެގާ ގެނެސްފަ އެވެ.
ސިޓީއަށް މި ސީޒަނުގައި ކުޅޭ އާޖެންޓީނާގެ ޒުވާން ފޯވާޑް ހޫލިއަން އަލްވަރޭޒް ވަނީ ޖެނުއަރީ މަހު ސިޓީއަށް ކުޅެން ސޮއި ކޮށްފަ އެވެ. ނަމަވެސް އޭނާ ސިޓީއާ ގުޅުނީ އޭނާ ކުރިން އުޅުނު ރިވާ ޕްލޭޓުގައި ލޯނު އުސޫލުން ހަ މަސްދުވަސް ހޭދަ ކޮށްފަ އެވެ.