01 ސެޕްޓެމްބަރ 2022 - 21:33

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަސް ދަތުރުތަކުގައި "ކިއުއާރް ޓިކެޓިން" ނުވަތަ ފޯނުން ކިއުއާރް ކޯޑު ސްކޭންކޮށްގެން ދަތުރުކުރެވޭ ހިދުމަތް މާދަމާ ފަށާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ބަސް ދަތުރުތަކުގައި "ކިއުއާރް ޓިކެޓިން" ގެ ހިދުމަތް މިރޭ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރާއްޖޭގައި އެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.
މިކަމާ ގުޅިގެން އެމްޓީސީސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މާދަމާއިން ފެށިގެން އެ ކުންފުނިން މާލެ ސަރަހައްދާއި، އައްޑުއާއި، ފުވައްމުލަކާއި، ލ. ގަމާއި ފޮނަދު އަދި ލ. އިސްދޫ ކަލައިދޫގައި ދެމުން ގެންދާ އާރްޓީއެލް ބަހުގެ ހިދުމަތުގައި ކިއުއާރް ޓިކެޓިން ބޭނުންކޮށްގެން ދަތުރު ކުރެވޭނެ ކަމަށެވެ.
ބަސް ހިދުމަތުގައި އަލަށް ތައާރަފްކުރި މި ހިދުމަތާއެކު ކޮންމެ ތާކުހުރެފައި ވެސް، އާރްޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށް، ނުވަތަ އާރްޓީއެލް ވެބްސައިޓް މެދުވެރިކޮށް ބަހުގެ ޓިކެޓް ނެގޭނެ އެވެ. އެއާއެކު ބަސް ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ލުއިފަސޭހަ ވާނެކަމަށް އެމްޓީސީސީން ބުންޏެވެ.
ކިއުއާރް ޓިކެޓިންގައި ބޭނުންކުރާ އެޕްލިކޭޝާން ގޫގްލް ޕްލޭ ސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން ހިލޭ ލިބޭނެ އެވެ. އެޕްލިކޭޝަން މެދުވެރިކޮށް ރުފިޔާ ދެއްކުމުން ލިބޭ "ކިއުއާރް ކޯޑް" ބަހަށް އެރުމަށްފަހު ސްކޭންކޮށްލުމުން ޓިކެޓް ކެނޑޭނެ އެވެ. އާރްޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށް ޓިކެޓް ނަގާތާ ހަތް ދުވަސް ތެރޭ ބޭނުންކުރެވޭނެ އެވެ.
"ކިއުއާރް ޓިކެޓިންގެ ހިދުމަތް ފެށުނަސް، އާރްޓީއެލް ބަސް ދަތުރު ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް އެ ކާޑު ބޭނުންކޮށްގެން އަދިވެސް ދަތުރުކުރެވޭނެ،" އެމްޓީސީސީން ބުންޏެވެ.
މި ހިދުމަތް ފެށި ނަމަވެސް، 65 އަހަރުން މަތީގެ މީހުންނާއި، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދައްކާލުމުން ހިލޭ ދަތުރުކުރެވޭނެ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ އެވެ. މީގެ އިތުރުން ސްކޫލް ދަރިވަރުން ޔުނިފޯމްގައި އާރްޓީއެލް ބަހުގައި ހިލޭ ދަތުރުކުރެވޭނެ އެވެ.
މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމުގެ ގޮތުން ދެއްކެވި ވާހަކައިގައި އެމްޓީސީސީގެ ސީއީއޯ އާޒިމް ވިދާޅުވީ ދަތުރުފަތުރު ކުރުމުގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމެއް ކަމަށާއި ކިއުއާރް ޓިކެޓިން އަކީ ރައްޔިތުންނަށް ވަރަށް ލުއިފަސޭހަ ވާނެ ހިދުމަތެއް ކަމަށެވެ.
"މިއަދު އަޅުގަނޑުމެން ތައާރަފްކުރަމުން މިދަނީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ކޮންމެތާކު ހުރެފަ ވެސް ޓިކެޓް ނެގޭނެ އިންތިޒާމްތައް" އާޒިމް ވިދާޅުވި އެވެ.
މި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކަކުން ގުޅާލުމަށްޓަކައި ފެށި އާރްޓީއެލް ލޯންޗު ފެރީގައި ވެސް ބޭނުން ކުރަމުން އަންނަނީ ކިއުއާރް ޓިކެޓިން އެވެ. އާރްޓީއެލް ލޯންޗު ފެރީ ހިދުމަތުގެ އެއް ވަނަ ފިޔަވަހީގެ މަސައްކަތް ނިމި ހއ. ހދ. އަދި ށ. އަތޮޅު މިހާރު ވަނީ ހެޔޮއަގުގައި ގުޅާލަދީ، ހިދުމަތް ދޭން ފަށާފަ އެވެ.