01 ސެޕްޓެމްބަރ 2022 - 19:48

އެމްޓީސީސީން މާލޭގައި ފަށަން ހަމަޖެހިފައިވާ އާރްޓީއެލް މިނީ ބަސް ޓިކެޓަކަށް ހަތް ރުފިޔާ ނަގަން ސަރުކާރުން ހަމަޖައްސައިފި އެވެ.

މި އަގު ރަސްމީކޮށް ހާމަކޮށްފައިވަނީ ސަރުކާރުން މިއަދު ސޯޝަލް މީޑިއާއަށް ލާފައިވާ ވީޑިއޯއެއްގަ އެެވެ.
އެމްޓީސީސީން ބުނާ ގޮތުގައި މާލޭގައި ބަހުގެ ހިދުމަތް ރަސްމީކޮށް ފެށޭނީ ޕާކިންގެ ކަންކަން ހަމަޔަކަށް އެޅުމުންނެވެ. އަމީނީ މަގާއި މަޖީދީމަގު އަދި އޯކިޑު މަގުގައި ވެސް މިނި ބަސް ދަތުރުކުރަން ވަނީ ހަމަޖެހިފަ އެވެ. މަޖީދީ މަގުގައި މިހާރު ޕާކު ކުރުން މަނާކޮށްފައިވާ އިރު، އެހެން މަގުތަކުގެ ޕާކިން ކަންކަން ހައްލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ދެ ރޫޓަކުން ދަތުރުކުރަން ހަމަޖެހިފައިވާ އިރު، ސަރުކާރުން ބުނީ މިނީ ބަހުގެ ޓްރަޔަލް ދަތުރުތައް ހިލޭ ދެ ހަފްތާއަށް ކުރިއަށް ދާނެ ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި، ތިން އަހަރުން ދަށުގެ ކުދިން އަދި ސްކޫލް ޔުނީފޯމުގައި ދަރިވަރުން ކުރާ ދަތުރުތައް ކޮށްދޭނީ ހިލެ އެވެ.
އެމްޓީސީސީން އާރްޓީއެލް ބަހުގެ ހިދުމަތް ފެށުމަށް 36 މިނީ ބަސް ރާއްޖެ ވަނީ ގެނެސްފަ އެވެ. އޭގެ ތެރެއިން މާލޭގައި ބޭނުންކުރާނީ 12 ބަހެވެ. އެ ބަސްތަކަކީ 20 މީހުންގެ ޖާގައިގެ، ފުރުޅުލީ ގޮނޑިއަށް ވެސް ހާއްސަ ޖާގަ ހުންނަ ބަސްތަކެކެވެ.
މާލޭގެ އެކި ހިސާބުތަކުން ކޮންމެ 10 މިނެޓަކުން ބަސްދަތުރު ތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ބަސް ހުއްޓަން ހަމަޖެހިފައިވާ ބައެއް ހިސާބުތަކުގައި މިހާރު ވެސް ވަނީ ބޯޑު ހަރުކޮށްފަ އެވެ.
މާލޭގެ އިތުުރުން އާރްޓީއެލް މިނީ ބަހުގެ ހިދުމަތް ދޭން ނިންމި، އައްޑު އާއި ފުވައްމުލަކު އަދި ލ. އަތޮޅުގައި އެ ހިދުމަތް ދިނުން މިދިޔަ ޖުލައި މަހުގެ ވަނީ ފަށާފަ އެވެ.