ފިލްމީ ދާއިރާގައި ޓައިގާގެ އަގު ވެއްޓިއްޖެ
ފިލްމީ ދާއިރާގައި ޓައިގާގެ އަގު ވެއްޓިއްޖެ

ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފަކީ ފިލްމުތަކަށް ބޮޑު އަގެއް ނަގަމުން އައި ތަރިއެކެވެ. އޭނާގެ މިއަހަރު ރިލީޒްކުރި ފިލްމު، "ހީރޯޕަންތީ 2" ރިލީޒްކުރުމުގެ ކުރިން ސޮއިކުރި "ގަނަޕަތު" އަށް 35 ކްރޯޑް ރުޕީސްގެ ފީއެއް ނެގިއިރު "ބަލޭ މިޔަން ޗޯޓޭ މިޔާން" އަށް ނެގީ 45 ކްރޯޑް ރުޕީސް އެވެ. އަދި ކަރަން ޖޯހަރުގެ "ސްކްރޫ ދީލާ" އަށް 35 ކްރޯޑްގެ ފީއެއް ނެގުމަށް އޭނާ ވަނީ ނިންމައިފަ އެވެ.

އެކަމަކު ބޮލީވުޑްގެ ކުޅަދާނަ ތަރިންގެ ފިލްމުތައް ވެސް ފްލޮޕްވަމުންދާ މިދަނޑިވަޅުގައި ޓައިގާ ކަހަލަ ޒުވާން ތަރިއަކަށް އެވަރުގެ ބޮޑު އަގެއް ދިނުމަށް ބައެއް ޕްރޮޑިއުސަރުން ދެކޮޅު ހަދާ ކަމަށްވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޓައިގާގެ އަގު 50 ޕަސެންޓް ދަށްކުރުމަށް ބައެއް ޕްރޮޑިއުސަރުން ވަނީ އޭނާއަށް އަންގައިފަ އެވެ. އެހެންވެ އޭނާގެ އަގު ދަށްވެފައި ވަނީ 17-20 ކްރޯޑް ރުޕީސްއާ ދެމެދުގެ އަގަކަށް ކަމަށް ރިޕޯޓްކުރެ އެވެ.

މިވަގުތަށް ޓައިގާގެ ފީ ދަށްކުރަން ޖެހުނަސް އެއީ ވަގުތީ ކަމެއް ކަމަށްވެ އެވެ. މިދަނޑިވަޅުގައި ޓައިގާ އެންމެ ހިޓް ފިލްމެއް ދިން ނަމަވެސް އޭނާގެ އަގު އަލުން އުފުލޭނެ އެވެ.

ޓައިގާ އެންމެ ފަހުން ފެނުނީ މިއަހަރުގެ އޭޕްރީލްގައި ރިލީޒްކުރި "ހީރޯޕަންތީ 2" އަކުންނެވެެ.

ފިލްމުތަކަށް ޓައިގާ ކުރާ މަސައްކަތުގެ އަގު ވެއްޓިފައިވާއިރު ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރު ވެސް އޭނާގެ އަގު ދަށްކޮށްފައިވާ ކަމަށްވެ އެވެ. އެކަމަކު އަކްޝޭ ނަގާ ފީ ދަށްކުރީ ކިހާ ވަރަކަށް ކަމެއް ނޭނގެ އެވެ.

ބޮލީވުޑްގެ ފިލްމުތައް ފްލޮޕްވެ ފިލްމު އުފެއްދުމަށް ހޭދަވާ އަގު ނުލިބި ބޮޑު ގެއްލުމެއް މިދުވަސްވަރު ލިބެމުން އެބަދެ އެވެ. މިހާރު ބޮލީވުޑްގައި ހިނގަނީ ވަރަށް ހީނުކުރާ ކަހަލަ ފިލްމުތަކެވެ.