01 ސެޕްޓެމްބަރ 2022 - 14:47

ގޭބީސީތަކުން ކުނި ވަކިކޮށްގެން ނެރެން މަޖުބޫރުކުރި ފަހުން ދެމަސް ވީއިރު، އަދިވެސް މާލެ ސަރަހައްދުގައި ގިނަ ގޭބިސީތަކުން ކުނި ނެރެނީ ވަކިނުކޮށް ކަމަށް ވެމްކޯ އިން މިއަދު ބުނެފި އެވެ.

ސީނިއާ ޕަބްލިކް ރިލޭޝަން އޮފިސަރު އަހްމަދު އާޒިމް "މިހާރު" އަށް ވިދާޅުވީ، ގޭބިސީތަކުން ކުނި ވަކިކޮށްގެން ނެރޭ އަދަދުތައް ދެނެގަތުމުގެ ގޮތުން، ތިން ކުލައަކުން ކެޓަގަރީކޮށްގެން އެ ކުންފުނިން ޑާޓާ އެއްކުރާ ކަމަށެވެ. އެއީ؛
- ފެހި ކުލަ: އެންމެ ރަނގަޅަށް ކުނި ވަކިކުރާ ގޭބިސީތައް.
- ރީނދޫ ކުލަ: ކޮންމެވެސް ވަރަކަށް ކުނި ވަކިކުރާ ގޭބިސީތައް.
- ރަތް ކުލަ: އެއްވެސް ވަރަކަށް ކުނި ވަކިނުކުރާ ގޭބިސީތައް.
އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ ދެ މަސް ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މާލޭގައި ފެހި ކެޓަގަރީއަށް ފެތެނީ އެންމެ 20 ޕަސެންޓްގެ ގޭބިސީތައް ކަމަށެވެ. ބާކީ 80 ޕަސެންޓް ގޭބިސީތަކުން އަދިވެސް ކުނި ވަކިކޮށްގެން ނުނެރޭތީ އެކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އެ 20 ޕަސެންޓަކީ އަޅުގަނޑުމެން ދެކޭގޮތުގައި ރަނގަޅު ނަތީޖާއެއް. މިކަމަށް މީހުން ހޭލުންތެރިވަމުންދާ ވަރަކަށް އެ ޕަސެންޓޭޖު މަތިކުރެވޭނެ ކަމަށް ދެކެނީ،" އޭނާ ވިދާޅުވި އެވެ.
ކުނި ވަކިކޮށްގެން ނެރުމަށް ބައެއް ގޭބިސީތަކަށް ދިމާވާ ދަތިތައް ދެނެގަނެ، އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ވެމްކޯ އާއި އެންވަޔަރުމެންޓް މިނިސްޓްރީ ގުޅިގެން ހާއްސަ ކެމްޕެއިން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
މާލޭ ސަރަހައްދުގައި ކުނި ވަކިކޮށްގެން އުކާލަން ފެށީ މިދިޔަ ޖޫން މަހުން ފެށިގެންނެވެ. އޭގެ ކުރިން މާލޭގެ ގޭބިސީތަކުން ކުނި އުކާލަމުން ދިޔައީ ކުނިވާ ޒާތުގެ ކުންޏާއި ޕްލާސްޓިކާއި އަދި އެހެނިހެން ބާވަތްތަކުގެ ކުނިތައް ވެސް އެއް ކޮތަޅަކަށް އަޅައިގެންނެވެ.