01 ސެޕްޓެމްބަރ 2022 - 14:42

ރައްޔިތުންނަށް ހިދުމަތް ދިނުމަށް ފުލުހުން ކޮށްފައިވާ ހުވައާ އެއްގޮތަށް މަސައްކަތްކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އެދިވަޑައިގެންފި އެވެ.

ފުލުހުންގެ ހިދުމަތުގެ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ހަމަހަމަކަމާއި އިންސާފުވެރި އަދި އަމާންކަމާއެކު ހިދުމަތް ދިނުމަށް ގިނަ ކަންކަން ކުރަމުން އަންނަ ކަމަށެވެ.
އެކަންކަމުގެ ތެރެއިން ރާއްޖޭގެ ރަށްތަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.
ނައިބު ރައީސް ވިދާޅުވީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ފުލުހުންގެ ހިދުމަތަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ފުލުހުންނަށް ރައްޔިތުންގެ އިތުބާރު އޮންނަނީ ފުލުހުން ކުރާ މަސައްކަތުގެ ހަރުދަނާ ކަމެއްގެ މައްޗަށް ކަމަށާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑް ހިފެހެއްޓޭ ކަމުގެ މައްޗަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ވިއްސަކަށް އަހަރަށް ބަލަންޏާ މިއީ ފަސޭހަ ދުވަސްތަކެކޭ ބުނެވޭކަށް ނެތް ކަމަށް. ހާއްސަކޮށް ޑިމޮކްރެޓިކް ނިޒާމުގެ ތެރެއަށް ބޮޑެތި ބަދަލުތަކެއް، ފުލުހުންގެ ހިދުމަތް ބަދަލުވެގެން އައީ. ވިއްސަކަށް އަހަރު ފުލުހުންނަށް ގިނަ ގޮންޖެހުންތަކާއި ކަންކަން ދިމާވި. އެ ހުރިހާ ކަމެއްގެ ތެރެއިން ރަނގަޅު މިސްރާބަކަށް ގިނަ ގާނޫނުތަކުން އެ ބަދަލު ގެންނަން ކުރާ މަސައްކަތް ފާހަގަކުރެވޭ،" އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ފުލުހުންގެ މަސައްކަތުގައި ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެކަމަކު ވަކި ގައުމެއްގައި މައްސަލަތަކެއް ހުރުމުން ރާއްޖެއިން ގެންނަން ބޭނުންވާ ހެޔޮ ބަދަލުތައް ނުގެނެސް މަޑުކުރުމަކީ އެއްވެސް ހާލެއްގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި މިފަދަ ގައުމުތަކާ ރާއްޖެއާ އަޅާބަލާއިރު ތަފާތުތަކެއް އެބަހުރި ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ކުށްތަކުގެ ގާތްގަނޑަކަށް 90 ޕަސެންޓް ގުޅެނީ މަސްތުވާތަކެއްޗަށް ކަން ފާހަގަކުރައްވައި، މިއީ ގައުމީ މައްސަލައެއްގެ ގޮތުގައި ބަލައި، ހުރިހާ އެންމެން މިކަމާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ގައުމުގައި ހުރި މި ބާވަތުގެ ކަންކަން އެއީ ވަކި ބައެއްގެ މަސައްކަތުން، ވަކި ފުލުހުން އަދި އެ ނޫން މުއައްސަސާއަކުން އެކަނި ކޮށްގެން ހައްލުކުރެވޭނެ ކަމެއް ނޫން. މި ކަމުގެ ސައިޒަށް ބަލާއިރު މިއީ ވަރަށް ބޮޑު އަދަދެއް. ވަރަށް ބޮޑު މައްސަލައެއް،" ނައިބު ރައީސް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވި ގޮތުގައި ކުރާ ކޮންމެ ކަމެއްގައި އަދުލު އިންސާފު ގާއިމްކުރުމަކީ ވަކި މީހަކަށް ނުވަތަ އާއިލާއަކަށް ވީތީ އޮންނަ ކަމެއް ނޫން ކަމަށެވެ. އަޅާ ކޮންމެ ފިޔަވަޅެއް ނުވަތަ ކުރާ ކޮންމެ ކަމެއްގައި ޒާތީ ކަމެއް ނުބާއްވައި، އަބަދު ވެސް ހަނދާނުގައި ބަހައްޓަންވީ، ނައިބު ރައީސް ވިދާޅުވި ގޮތުގައި އެއްވެސް މީހަކާ ދޭތެރޭ ތަފާތުކަމެއް ނުބާއްވައި ހިދުމަތް ދިނުމަށެވެ.
"އަޅުގަނޑު ޔަގީންކުރަން ފުލުހުން ރެއާ ދުވާލު ކުރައްވާ ބުރަ މަސައްކަތުގެ ތެރެއިން ރަނގަޅަށް، ހެޔޮގޮތުގައި ފުލުހުންގެ މަސައްކަތްތައް ކުރައްވާ، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަމާން، ހިތްހަމަޖެހޭ ފަދަ ވެއްޓެއް ހޯދައިދިނުމުގެ މަސައްކަތް އަބަދު ވެސް ކުރައްވާނެކަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
"ގައުމުގައި ހުރި މައްސަލަތައް ހައްލުކުރެވޭނީ މުޅި މުޖުތަމައު ބައިވެރިވެގެން ކަމަށެވެ. ފުލުހުންނަށް ވެސް ވާޖިބުތަކެއް ވެފައިވާއިރު، އެއް ބަޔަކު ކަންކަން ކޮށްފައި އަނެއް ބަޔަކީ ކަންކަން ބަލަން ތިބޭ ބައެއްގެ ގޮތުގައި ތިބެގެން ގައުމަށް ހަމަޖެހުމެއް ނުހޯދޭނެ،"
ނައިބު ރައީސް ވަނީ ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތަށް އިތުރު އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފަ އެވެ.