01 ސެޕްޓެމްބަރ 2022 - 12:25

ޓެކްސް އިދާރާ، މީރާގެ އޮފީސް ފަޅާލައި ވައްކަން ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށް، އޭނާ 45 ދުވަސް ވަންދެން ތަހުގީގަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ އެ އިދާރާ އިން ވައްކަންކުރި ކަމުގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 45 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީ އިމާރާތުގެ އެންމެ ތިރީގައި ހިންގާ މީރާ އޮފީހަށް ވަނީ ފުރަގަހުން ކުޑަ ދޮރެއް ތަޅާލައިގެންނެވެ. އެކަމަކު އެއީ ފުލުހުން 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދެކެވެ. އެ މީހާ އަށް ނެގުނީ ވެސް މުވައްޒަފެއްގެ ކައުންޓަރުގައި ބާއްވާފައި އޮތް 25ރ. އެވެ.
މީރާ އިން ޓެކްސް ފައިސާ ބަލައިގަތް ނަމަވެސް ކައުންޓަރުތަކުގައި އެއްވެސް އިރަކު ފައިސާ ނުބަހައްޓަ އެވެ.