01 ސެޕްޓެމްބަރ 2022 - 08:26

ލަންޑަން (ސެޕްޓެމްބަރު 1) – އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އިން އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށް، ލީގުގައި ކުޅުނު ފަސް ވަނަ މެޗު ވެސް ކާމިޔާބުކޮށްފި އެވެ.
މި ސީޒަން ފަށައިގެން ތަފާތު މޮޅު ކުޅުމެއް ކުޅެމުން އަންނަ އާސެނަލް އިން ލީޑު ނެގީ މެޗުގެ 30 ވަނަ މިނިޓުގައި ގެބްރިއެލް ޖީސަސް ޖެހި ލަނޑުންނެވެ. މިއީ މެންޗެސްޓާ ސިޓީ ދޫކޮށް މި ސީޒަނަށް އާސެނަލް އަށް ބަދަލުވެ އޭބާ ޖަހައިދިން ތިން ވަނަ ލަނޑެވެ.
މެޗު ފަށައިގެން އެސްޓަން ވިލާގެ އެމިލިއާނޯ ބުއެންޑިއާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް، މި ހާފުގައި އާސެނަލް ވަނީ ބޮޑު ލީޑެއް ހޯދަން ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. ގެބްރިއެލް މާޓިނެލީގެ ހުރަހަކުން ބުޔަކޯ ސަކާ އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތެއްގައި ގޯލާ އަމާޒު ކޮށް ނުލެވުނު އިރު، މާޓިން އޮޑެގާޑް ފޮނުވާލި ހަމަލާއެއް ގޯލް ލައިން މަތިން ބްލޮކް ކުރީ ޑިފެންޑަރު އާޒީ ކޮންސާ އެވެ.
ދެ ވަނަ ހާފުގައި އެސްޓަން ވިލާ އިން ކުޅުން ރަނގަޅު ކުރި އިރު، ނަތީޖާ އެއްވަރުކުރީ 74 ވަނަ މިނިޓުގައި ލިބުނު ކޯނަރަކުން ނެގި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ސީދާ ކޯނަރުން ބޯޅަ ގޯލަށް ފޮނުވާލައިގެން އެސްޓަން ވިލާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑަގްލަސް ލުއިޒް އެވެ.
ކުޅުން ރަނގަޅުކޮށް އެސްޓަން ވިލާ އިން ނަތީޖާ އެއްވަރު ކުރި ނަމަވެސް، މިކެލް އާޓެޓާގެ އާސެނަލް އިން ވަނީ ތިން މިނިޓު ނުވަނީސް ލަނޑެއް ޖަހައި، ދެ ވަނަ ފަހަރަށް މެޗުގައި ލީޑު ނަގައިފަ އެވެ. ބުޔަކޯ ސަކާގެ ހުރަހަކުން މި ލަނޑު އާސެނަލް އަށް ޖަހައިދިނީ ގެބްރިއެލް މާޓިނެލީ އެވެ. މިއީ އޭނާ ވެސް ލީގުގައި ޖެހި ތިން ވަނަ ލަނޑެވެ.
އެންމެ ފަހުން އާސެނަލް، ލީގުގެ ފުރަތަމަ ފަސް މެޗުން މޮޅުވީ، 2004/2005 ސީޒަނުގަ އެވެ. އެ ސީޒަނުގައި އާސެނަލް ނިންމާލީ ލީގުގެ ދެ ވަނައިގަ އެވެ.
މިއީ އެސްޓަން ވިލާ ކުޅުނު ފަސް މެޗުން އެ ޓީމު ބަލިވި ހަތަރު ވަނަ މެޗެވެ. އެ ޓީމުގެ ކޯޗު ސްޓީވަން ޖެރާޑަށް މިހާރު ވެސް ސަޕޯޓަރުންގެ ޕްރެޝަރު ކުރިމަތި ވެފައި ވާއިރު، އެޓީމަށް ދެން އޮތީ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.
އާސެނަލް އެ ޓީމުގެ ހަ ވަނަ މެޗުގައި އާދީއްތަ ނުކުންނާނީ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.