ވަރަށް ސިއްރުން ކައިވެނިކުރީ ކޮވިޑާ ހެދި: ކެޓްރީނާ
ވަރަށް ސިއްރުން ކައިވެނިކުރީ ކޮވިޑާ ހެދި: ކެޓްރީނާ

މިދިޔަ އަހަރުގެ ޑިސެމްބަރު 9 ގައި "ވަގަށް" ވަރަށް ޕްރައިވެޓް ހަފްލާއެއްގައި ކައިވެނިކުރީ ކޮވިޑްގެ ސަބަބުން ކަމަށް ކެޓްރީނާ ކައިފް ބުނެފި އެވެ.

ރާޖިސްތާނުގައި ވަރަށް ގާތް އެކުވެރިންނާއި އާއިލާގެ މެމްބަރުން ބައިވެރިކޮށްގެން ބޭއްވި އެ ކައިވެނީގެ ހަބަރު މީޑިއާއަށް އަރާފާނެތީ ކެޓްރީނާ އާއި އޭނާގެ ފިރިމީހާ، ވިކީ ކޯޝަލް އެތަނަށް ދިޔައީ ވެސް ވަކިވަކިންނެވެ. ކައިވެނީގެ ފޮޓޯއެއް ލީކުވެދާނެތީ އެތަނަށް ފޯނު ވެއްދުން މަނާކުރި އެވެ.

ކައިވެންޏަށް ފަހު އެމީހުން އެތަނުން ދިޔައީ ވެސް ޕްރައިވެޓް ހެލިކޮޕްޓަރެއްގަ އެވެ.

އެހާ ޕްރައިވެޓްކޮށް ކައިވެނިކުރީ ކީއްވެކަން ކެޓްރީނާ ކިޔައިދީފައި މި ވަނީ ކައިވެންޏަށް އަހަރެއް ވާން ގާތްވެފައިވަނިކޮށެވެ.

ކެޓްރީނާ ބުނީ ކޮވިޑްގެ ސަބަބުން އޭނާގެ އާއިލާއަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރި ކަމަށާއި ކޮވިޑަކީ ވަރަށް ސީރިއަސްކޮށް ދެކެންޖެހޭ ބައްޔެއް ކަމަށެވެ. އަދި ކައިވެންޏާ ގުޅިގެން ދެ ތަރިން ވެސް ތިބީ ވަރަށް އުފަލުންކަމަށް ވެސް ބުންޏެވެ.

ކެޓްރީނާ އެ ވާހަކަ ހިއްސާކުރީ މި ފަހުން ބޭއްވި ފިލްމު ފެއާ އެވޯޑްގައި ޒޫމްއާ ވާހަކަ ދައްކަމުންނެވެ.
އެ ހަފްލާގައި އޭނާގެ ފިރިމީހާ ވިކޯ ކޯޝަލްގެ ފިލްމު، "ސަރްދާމް އުދާމް" އިން އޭނާއަށް ވަނީ ބެސްޓް އެކްޓަރުގެ އެވޯޑް ލިބިފަ އެވެ.

ކައިވެންޏަށް ފަހު ގިނަ ފިލްމުތަކެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބެމުން އަންނަ މި ޖޯޑު ވަރަށް އަވަހަށް އެކުގައި ފެންނާނެ އެވެ. އެއީ އިޝްތިހާރަކުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކެޓްރީނާ އާއި ވިކީ މިހާރު ވަނީ އެ މީހުންގެ އެކުގައި ފެންނަ ފުރަތަމަ އިޝްތިހާރު ޝޫޓްކޮށްފަ އެވެ.

އެކަމަކު އެމީހުން މަސައްކަތްކުރަމުންދަނީ ކޮންކަމަކާ ގުޅޭ އިޝްތިހާރެއްގައި ކަމެއް ނޭނގެ އެވެ.

ކެޓްރީނާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު ކުރިއަށް ތިން ފިލްމެއް އެބަ އޮތެވެ. އެއީ މޭރީ ކްރިސްމަސް އާއި ޓައިގާ 3 އަދި ފޯނު ބޫތެވެ. ވިކީއަށް ބަލާއިރު އޭނާގެ ވެސް ކުރިއަށް ފިލްމުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި "ތަހުތު" އާއި "ގޯވިންދާ ނާމް މޭރާ" ފިލްމު ހިމެނެ އެވެ.