31 އޯގަސްޓް 2022 - 21:37

ސޯޝަލް މީޑިއާގައި އަމިއްލަ މީހާގެ ބަރަހަނާ ފޮޓޯ އާންމު ކުރަމުން ދިޔަ ދިވެއްސަކު މިއަދު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.
އެއީ ދިވެހިންގެ މެދުގައި ވެސް މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމު ޓިކްޓޮކްގައި މަޝްހޫރު މީހެކެވެ.
އޭނާ މީގެ ކުރިން ވެސް ވަނީ މިފަދަ މައްސަލައެއްގައި ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފަ އެވެ.
އޭގެ ފަހުން އަނެއްކާ ވެސް ޓުވިޓާގައި އެފަދަ ފޮޓޯތަކާއި ވީޑިއޯތައް އާންމު ކުރަން ފެށި އެވެ. އެ މައްސަލާގައި ގިނަ ބަޔަކު ފާޑު ކިޔަމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ.