ޕޯސްޓް މެދުވެރިކޮށް އެތެރެކުރި ޑްރަގްގެ މައްސަލަ: ކޮންޓްރޯލް ޑެލިވަރީ އަށް އެއްބާރުލުން ނުދިން
ޕޯސްޓް މެދުވެރިކޮށް އެތެރެކުރި ޑްރަގްގެ މައްސަލަ: ކޮންޓްރޯލް ޑެލިވަރީ އަށް އެއްބާރުލުން ނުދިން

ޕޯސްޓް މެދުވެރިކޮށް، ރާއްޖެ އެތެރެކުރި ޕާރުސަލެއްގެ ތެރެއިން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރުކުރި މީހާ ކޮންޓްރޯލް ޑެލިވަރީ އަށް އެއްބާރުލުން ނުދިން ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު، ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތަކެއްގެ ތެރެއިން އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ.

އެ މައްސަލައިގައި މިދިޔަ ހޮނިހިރު ދުވަހު ވަނީ އުމުރުން 23 އަހަރުގެ އަންހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފަ އެވެ.

އެ މުއްދަތު ހަމަވާތީ، ބަންދު އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނީ، އެ އަންހެންމީހާ އެ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުން ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އޭނާ ޕޯސްޓް އޮފީހަށް ބަލައި ދިޔަ ފޮށިގަނޑު ތެރޭގައި މަސްތުވާތަކެތި ހުރި ކަމަށާއި ކުޑަކަމުދާތަކެތި ޓެސްޓު ކުރިއިރު، މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވް ކަމަށް އެ އަމުރުގައި ވެ އެވެ.

ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނަށް ވެސް އެ އަންހެމީހާ އެކަށީގެންވާ އެއްބާރުލުން ނުދޭ ކަމަށް އަމުރުގައި ބުންޏެވެ.

އެ މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން މިއަދު ދިނީ 30 ދުވަހެވެ. އެ މުއްދަތު ހަމަވާނީ އަމުރުގައިވާ ގޮތުން އަންނަ މަހުގެ 30 އަށެވެ.