31 އޯގަސްޓް 2022 - 15:59

އެތައް ފިރިހެނުންތަކަކާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ބަންގްލަދޭޝްގެ އަލަމްގީރް ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެ މައްސަލަތަކުގައި އޭނާގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން އުފުލިއިރު، އަލަމްގީރް ވަނީ އެ ހުރިހާ ދައުވާއަކަށް ވެސް އިއުތިރާފުވެ، ލުއި އަދަބަކަށް އެދިފަ އެވެ.
އެހެންވެ، އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައި ހުކުމް ކުރުމަށް ބޭއްވި ޝަރީއަތުގައި އޭނާގެ މައްޗަށް އިއްވީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އަލަމްގީރަށް ޝަރީއަތުން ތައުބާ ލައިދިނެވެ.
އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތަށް އިތުރު ތިން ދިވެއްސަކަށް ދައުވާ ކޮށްފައިވެ އެވެ. އެއީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއު އެވެ.
އެ އެންމެންނަށް ވެސް ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.
ޖިންސީ ކުށުގެ ގާނޫނުގައި ވެސް އެއްޖިންސުން ގުޅުން ހިންގުން ކުށެއްގެ ގޮތުގައި އޮވެ އެވެ. އެ ގާނޫނުގެ ދަށުން ދައުވާކޮށްފި ނަމަ ލިބޭ އަދަބު އެތައް ގުނައެއް ބޮޑުވާނެ އެވެ. ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ނަމަ ދެ މީހަކު ރުހުމުގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގައިފި ނަމަ އަދަބަކީ 5-7 އަހަރަށް ޖަލަށް ލުމެވެ. ނުރުހުމުގައި ނަމަ އެކަން ކުރި މީހަކަށް 7-10 އަހަރުގެ ޖަލު ހުކުމެކެވެ.