މަގުތަކުގައި ޕެލެޓް ބަހައްޓާ މީހުން ޖޫރިމަނާކުރުން ފަސްކޮށްފި
މަގުތަކުގައި ޕެލެޓް ބަހައްޓާ މީހުން ޖޫރިމަނާކުރުން ފަސްކޮށްފި

ޕާކުކުރަން ދަތިވާ ގޮތަށް މާލޭގެ އެކި މަގުތަކުގައި ގަވާއިދާ ހިލާފަށް ޕެލެޓްތައް ބަހައްޓާ ނަމަ، މާދަމާ އިން ފެށިގެން ޖޫރިމަނާކުރަން ކުރިން ނިންމާފައި އޮތް ނަމަވެސް އެކަން ފަސްކޮށްފައިވާ ކަމަށް މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކައުންސިލުން ކުރިން "މިހާރު" އަށް ބުނެފައިވާ ގޮތުގައި ޕެލެޓް ނަގާ ފަރާތްތައް ޖޫރިމަނާކުރަން ނިންމާފައި ވަނީ އެކަމަށް ދާއިމީ ހައްލެއް ހޯދުމަށެވެ.

މިހާރު ވެސް ޝަކުވާ ބޮޑުވެފައިވާ އެ މައްސަލައާ ގުޅިގެން ކައުންސިލާއި ފުލުހުން ގުޅިގެން ދަނީ ޕެލެޓް ބަހައްޓާ މީހުންނަށް ނަސޭހަތްދީ އެ އެއްޗެހި ނަގަމުންނެވެ. އެކަމަކު ޕެލެޓް ނެގިޔަސް ދެތިން ދުވަސް ފަހުން އަނެއްކާ ވެސް އެ އެއްޗެހި މަގުތަކަށް ނެރެފައި ހުންނާތީ އެކަމަަށް އޮތީ ދާއިމީ ހައްލެއް ހޯދުމަށް ކައުންސިލުން ނިންމީ ސެޕްޓެމްބަރު އެކަކުން ފެށިގެން އެ ފަދަ ފަރާތްތައް ޖޫރިމަނާކުރާށެވެ.

އެކަމާ ގުޅިގެން ސުވާލުކުރުމުން މާލޭގެ މޭޔަރު ވިދާޅުވީ އެކަން ކުރުން ފަސްކޮށްފައިވާ ކަމަށެވެ. އެކަމަކު ފަސްކުރީ ކިހާ މުއްދަތަކަށް ކަމެއް ވިދާޅެއް ނުވެ އެވެ.

ޕެލެޓް ބަހައްޓާ ފަރާތްތައް ޖޫރިމަނާކުރާނީ ކިހާ އަދަދަކުންތޯ ސުވާލުކުރުމުން ކައުންސިލްގެ މީޑިއާ އޮފިޝަލް ހިއްސާކުރީ ސްޕެޝަލް ކޮންސްޓެބިއުލަރީ ފުލުހުންނާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން މޮނިޓާކޮށް ބަލަހައްޓާ ކަންކަމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެވެ.

އޭގައިވާ ގޮތުން ނަމަ ޕެލެޓް ބަހައްޓާ ނަމަ ޖޫރިމަނާކުރާނީ މާލޭގެ އާންމު ތަންތަނުގައި ތަކެތި ބަހައްޓާ ނަމަ، ޖޫރިމަނާކުރާނެ އަގުތަކުގެ ދަށުންނެވެ.

އެ އުސޫލުގައި ބުނީ އާންމުންނަށް އުނދަގޫވާ ގޮތަށް މާލޭގެ ތަންތަނުގައި ހުއްދަ ނުނަގައި ތަކެތި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށާއި އެ އުސޫލާ ހިލާފަށް ތަންތަނުގައި އެއްޗެހި ބަހައްޓާނަމަ ފިޔަވަޅު އެޅޭނެ ކަމަށެވެ. އޭގައިވާ ގޮތުން ތަކެތި ބަހައްޓަން ހާއްސަކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަނެއްގައި ތަކެތި ބަހައްޓައިފި ނަމަ އެ ފަރާތެއް ފުރަތަމަ ފަހަރަށް 500-1000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ.

އެކަން ދެވަނަ ފަހަރަށް ތަކުރާރުކޮށްފި ނަމަ އެ ފަރާތެއް 1500ރ. އިން އަދި ތިން ވަނަ ފަހަރަށް ތަކުރާރުކޮށްފި ނަމަ 1800ރ. އިން ޖޫރިމަނާކުރެވޭނެ ކަމަށް ކައުންސިލްގެ އުސޫލުގައިވެ އެވެ.

އުސޫލުގައި ބުނީ ހަތަރު ވަނަ ފަހަރަށް އެކަން ތަކުރާރުކޮށްފި ނަމަ، ގަވާއިދާ ހިލާފްވެގެން އަަޅަންޖެހޭ ފިޔަވަޅެއް އެޅުމާ އެކު 2000ރ. އިން ޖޫރިމަނާކުރާނެ ކަމަށެވެ.

އެ އުސޫލުގައިވާ ގޮތުން މާލޭގެ އާންމު ތަންތަނުގައި ހުއްދަ ނުނަގާ ތަކެތި ބަހައްޓާ ފަރާތްތައް ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ޒަމާނީ ވަސީލަތްތަކާއި އިތުރު ގޮތްގޮތަށް ކައުންސިލުންކުރަމުން އެބަދެ އެވެ.

ދަގަނޑާއި ލަކުޑި ޕެލެޓްތައް މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުންނާތީ ވެހިކަލްތައް ޕާކުކުރާނެ ޖާގަ ނުލިބި އެ ޝަކުވާ ވަރަށް ބޮޑެވެ. އެމްޕީއެލާއި ކަސްޓަމްސް އަދި ހަވީރީ ހިންގުން ކަހަލަ އެކި ސަރަހައްދުތަކުގައި މި މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު ހަތަރުފުރޮޅުލީ ވެހިކަލްތައް ޕާކުކުރުމަށް ބައެއް މީހުން ޕާކިން ޒޯންތަކުގައި ޕެލެޓްތައް ބަހައްޓާފައި ހުންނާނީ އެ އެއްޗެހި ދުރުނުކުރެވޭ ގޮތަށް ޗޭނު އެޅުމަށް ފަހުގަ އެެވެ.

މިކަން ބޮޑުވެގެން މިދިޔަ މާޗު މަހުގެ ތެރޭގައި ކައުންސިލުން ވަނީ މަގުތަކުގައި ބަހައްޓާފައި ހުންނަ ޕެލެޓް ނެގުމަށް މަސައްކަތްކޮށްފަ އެވެ. އެކަމަކު އެ އެއްޗެހި ނެގުމަށް ފަހު މާގިނަ ދުވަހެއް ނުވެ، އަނެއްކާ ވެސް ޕެލެޓްތައް ބަހައްޓާތީ މައްސަލަ އަދި ހައްލެއް ނުވެ އެވެ.