އިންޑިއާގެ ލިމިޓެޑް އޯވާ ކްރިކެޓް ކެޕްޓަންކަމުން ދޯނީ ވަކިވެއްޖެ
އިންޑިއާގެ ލިމިޓެޑް އޯވާ ކްރިކެޓް ކެޕްޓަންކަމުން ދޯނީ ވަކިވެއްޖެ

ނިއު ދިއްލީ، އިންޑިއާ (ޖެނުއަރީ 5) – އިންޑިއާގެ 50 އޯވަރު ކްރިކެޓް އަދި ޓްވެންޓީ20 ކްރިކެޓް ޓީމުގެ ކެޕްޓަންގެ މަގާމުން މަހެންދްރަ ސިންގް ދޯނީ ވަކިވެއްޖެ އެެވެ.

އިންޑިއާގެ ލިމިޓެޑް އޯވާ ކްރިކެޓް ދެ ޓީމުގެ ކެޕްޓަންގެ ޒިންމާ މިދިޔަ 10 އަހަރު ނެގި ދޯނީ ވަނީ އޭނާގެ ކެޕްޓަންކަމުގެ ދަށުން އިންޑިއާ އަށް 2007 ވަނަ އަހަރުގެ ޓްވެންޓީ20 ކްރިކެޓް ވޯލްޑް ކަޕް އަދި 2011 ވަނަ އަހަރުގެ 50 އޯވަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދީފަ އެވެ.

އިންޑިއާ ކްރިކެޓް ބޯޑުން ބުނީ ކެޕްޓަންކަމުގެ މަގާމުން ވަކިވި ނަމަވެސް ކުރިއަށް އޮތް އިންގްލެންޑް-އިންޑިއާ ސީރީސްގެ ސިލެކްޝަނުގައި އޭނާ ހިމެނޭނެ ކަމަށެވެ. މި މަހު 15 ގައި އިންޑިއާގެ ޕޫނޭގައި ބާއްވާ މި ސީރީސްގައި ޓްވެންޓީ20 ތިން މެޗާއި 50 އޯވަރުގެ ތިން މެޗު ހިމެނޭނެ އެވެ.

"އިންޑިއާގެ ހުރިހާ ކްރިކެޓް ސަޕޯޓަރުންގެ ނަމުގައި އަދި ބޯޑުގެ ނަމުގައި، ކެޕްޓަންކަމުގެ ގޮތުގައި އިންޑިއާ ކްރިކެޓް ޓީމަށް ދޯނީ ކޮށްދިން ހިތުމަތަށް ޝުކުރުއަދާކުރަން،" ކްރިކެޓް ބޯޑުގެ ޗީފް އެގްޒެކެޓިވް ރާހުލް ޖޯރީ ވިދާޅުވި އެވެ. "ދޯނީގެ ކެޕްޓަންކަމުގެ ދަށުން އިންޑިއާ ޓީމު ވަނީ އާ ހަރުފަތަކަށް އަރައިފައި. އޭނާގެ ކާމިޔާބީތައް އަބަދަށް ދެމިގެން ދާނެ."

ދޯނީގެ ބަދަލުގައި ލިމިޓެޑް އޯވާ ދެ ޓީމުގެ ކެޕްޓަންކަމާ ހަވާލުވާނެ ކަމަށް ބެލެވެނީ ޓެސްޓް ޓީމުގެ ކެޕްޓަން ވިރާތު ކޯލީ އެވެ. އޭނާ އަށް ޓެސްޓް ކެޕްޓަންކަން ލިބުނީ ވެސް 2014 ވަނަ އަހަރު ޓެސްޓް ކްރިކެޓުން ދޯނީ ރިޓަޔާކުރުމުންނެވެ.

އެންމެ ފުރަތަމަ ބޭއްވި ޓްވެންޓީ20 ކްރިކެޓް ވޯލްޑް ކަޕް 2007 ވަނަ އަހަރު އިންޑިއާ އަށް ކާމިޔާބުކޮށްދިނުމުގެ އިތުރުން ދޯނީގެ ކެރިއަރުގެ އެންމެ މުހިއްމު އެއް ވަގުތުކޮޅަކީ 2011 ވަނަ އަމިއްލަ ގައުމުގައި ބޭއްވި 50 އޯވަރު ކްރިކެޓް ވޯލްޑް ކަޕުގެ ފައިނަލް މެޗެވެ. އެ މެޗުން ސްރީ ލަންކާ އަތުން އިންޑިއާ މޮޅުވީ ދޯނީ ހަޔަކަށް ޖެހި ބޯޅައާ އެކު އެވެ.

ދޯނީގެ މަގާމާ މެދު ސުވާލުތަކެއް އުފެދުނީ މިދިޔަ އަހަރުގެ ޓްވެންޓީ20 ވޯލްޑް ކަޕުގެ ސެމީ ފައިނަލުން އިންޑިއާ ކެޓުމުންނެވެ. އެކަމަކު އޭރު ވެސް އޭނާ ބުނަމުން އައީ އިންގްލެންޑުގައި 2019 ވަނަ އަހަރު ބާއްވާ 50 އޯވަރު ކްރިކެޓް ވޯލްޑް ކަޕުގައި ކުޅެން ފިޓްކަމަށެވެ.

ސްކޫލް ދައުރުގައި މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވި ނަމަވެސް ދޯނީގެ އަށް ޒުވާން ދުވަސްވަރު މާގިނަ ފުރުސަތުތަކެއް ނުލިބެ އެވެ. އެގޮތުން އިންޑިއާގެ ރެއިލްވޭގެ ޓިކެޓް އިންސްޕެކްޓަރެއްގެ ވަޒީފާ އަދާކުރަން ޖެހި ކްރިކެޓް ކެރިއަރަށް ހިޔަނި އެޅުނު ނަމަވެސް 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާ ޓީމުން ފުރުސަތު ހޯދި ގޮތަށް އޭނާ ފަސް އެނބުރި ބަލާފައެއް ނުވެ އެވެ.

ވިކެޓް ކީޕަރެއްގެ ގޮތުގައި އަދި ބެޓްސްމަނެއްގެ ގޮތުގައި ދެއްކި ހުނަރުގެ އިތުރުން ދޯނީގެ ލީޑާޝިޕް ފެންވަރުގެ ސަބަބުން 2007 ވަނަ އަހަރު ޓްވެންޓީ20 ކެޕްޓަންކަން ލިބުނެވެ. އެ ފުރުސަތު ލިބުނު އަނެއް ސަބަބަކީ އެ އަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރި ޓީމުން ސީނިއާ ދެ ކުޅުންތެރިން ކަމަށްވާ ރާހުލް ޑްރާވިޑާއި ސަޗިން ޓެންޑުލްކާ ވަކިވުމެވެ. އެ މުބާރާތުން ހޯދި ކާމިޔާބާ އެކު 50 އަވަރު ޓީމުގެ ކެޕްޓަންކަން ލިބުނެވެ.