އާ ސީޒަނުގައި ވަޒީފާ ގެއްލުނު ފުރަތަމަ ކޯޗަކަށް ބޯންމައުތުގެ ޕާކާ
އާ ސީޒަނުގައި ވަޒީފާ ގެއްލުނު ފުރަތަމަ ކޯޗަކަށް ބޯންމައުތުގެ ޕާކާ

ބޯންމައުތު (އޮގަސްޓް 30) - މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅެ 9-0 އިން ބަލިވި ބޯންމައުތުގެ ކޯޗު ސްކޮޓް ޕާކާ، މަގާމުން ވަކިކޮށްފި އެވެ.

ޕާކާ އަކީ އާ ސީޒަނުގައި ވަޒީފާ ގެއްލުނު ފުރަތަމަ ކޯޗެވެ. އަދި މިއީ، 18 އަހަރު ކުރިން 2004 ވަނަ އަހަރަށް ފަހު، ސީޒަންގެ ފުރަތަމަ މަހު؛ އޮގަސްޓުގައި ކޯޗެއްގެ މަގާމު ގެއްލުނު ފުރަތަމަ ފަހަރެވެ. 2004 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 23 ގައި އޭރު ސައުތެމްޓަންގެ ކޯޗު ޕޯލް ސްޓަރޮކް މަގާމުން ވަކިކުރި އިރު، 30 ވަނަ ދުވަހު ނިއުކާސަލް ޔުނައިޓެޑުން ވަނީ އޭރު ކޯޗަކަށް ހުރި ބޮބީ ރޮބްސަން ވެސް ވަކިކޮށްފަ އެވެ.

ލިވަޕޫލްގެ ދަނޑުގައި އެޓީމު ވަނީ ލީގުގެ ތާރީހުގައި ޓީމަކުން ތަޖުރިބާކުރި އެންމެ ބޮޑު ބަލީގެ ރެކޯޑާ އެއްވަރުގެ ނަތީޖާއަކުން ބަލިވެފަ އެވެ. މިދިޔަ ސީޒަނުގައި ޗެމްޕިއަންޝިޕުގެ ދެވަނަ ހޯދައިގެން ދެ ސީޒަނަށް ފަހު އަލުން ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން އެސްޓަން ވިލާ ބަލިކުރި ނަމަވެސް، ފަހުން ކުޅުނު ތިން މެޗުން ވަނީ ބަލި ވެފަ އެވެ. ލިވަޕޫލް އަތުން ރެކޯޑް ނަތީޖާއަކުން ބަލިވި އިރު، އޭގެ ކުރިން އާސެނަލް އަދި މެންޗެސްޓާ ސިޓީ އަތުން ވެސް ވަނީ ބަލި ވެފަ އެވެ.

މިއާ އެކު ބޯންމައުތު ވެފައި ވަނީ އާ ސީޒަނުގައި، ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން އެންމެ ފުރަތަމަ ކޯޗު މަގާމުން ވަކިކުރި ކުލަބަށެވެ. އާ ކޯޗަކު ހަމަޖައްސަންދެން ޓީމަށް އިރުޝާދު ދޭނީ ފަސްޓް ޓީމް ކޯޗު ގެރީ އޯނީލް އެވެ. އަދި އެސިސްޓެންޓުންގެ ގޮތުގައި އެޓީމުގެ 21 އަހަރުން ދަށުގެ ޓީމުގެ މެނޭޖަރު ޝޯން ކޫޕާ އާއި ކޯޗު ޓޮމީ އެލްފިކް ހަރަކާތްތެރި ވާނެ ކަމަށް ބޯންމައުތުން ހާމަ ކޮށްފައި ވެއެވެ.

"އަޅުގަނޑުމެންނާ އެކު ސްކޮޓް (ޕާކާ) އާއި އޭނާގެ ޓީމު ހޭދަކުރި ދުވަސްތަކުގައި ކުރި މަސައްކަތްތަކަށް ޝުކުރު އަދާކުރަން. އޭނާގެ ދައުރުގައި ޕްރިމިއާ ލީގަށް ޕްރޮމޯޓް ޓީމު ޕްރޮމޯޓްވި ނިމިދިޔަ ސީޒަނަކީ އަޅުގަނޑުމެންގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އެއް ސީޒަން ގޮތުގައި އަބަދުވެސް ހަނދާން ހުންނާނެ،" ބޯންމައުތުގެ ބަޔާނުގައި އެ ކުލަބުގެ ވެރިޔާ، ރަޝިއާ އަށް އުފަން އިނގިރޭސި ވިޔަފާރިވެރިޔާ މެކްސިމް ޑެމިން ބުނެފައި ވެެއެވެ.

"އެހެން ނަމަވެސް ޓީމެއްގެ ގޮތުގައި އެކީގައި ކުރިއަށް ދެވޭނެހެން ދެމެހެއްޓެނިވި ގޮތެއްގައި ކުލަބު ހިންގަން ޓީމުގެ ސްޓްރެޓެޖީއާ އެއްގޮތަށް ކުރިއަށް ދާން ޖެހޭނެ، އަދި އެކަކު އަނެކަކަށް އިހުތިރާމު ކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެއް."

ކުރިން ޗެލްސީ އާއި ނިއުކާސަލް ޔުނައިޓެޑާއި ވެސްޓް ހޭމް ޔުނައިޓެޑް އަދި ޓޮޓެންހަމް ހޮޓްސްޕާ އާއި ފުލަމްގެ އިތުރުން އިނގިރޭސި ގައުމީ ޓީމަށް ވެސް ކުޅުނު މިޑްފީލްޑަރު އޭނާގެ ކޯޗިން ކެރިއަރު ފެށީ ޓޮޓެންހަމްގެ ޒުވާން ޓީމުންނެވެ. އެއަށް ފަހު ޕްރިމިއާ ލީގުގައި އޮތް ފުލަމްއާ ހަވާލުވެ، ފުރަތަމަ ސީޒަނުގައި އެޓީމު ރެލިގޭޓް ވުމުން، ޖެހިގެން އައި ސީޒަނުގައި ފުލަމް އަލުން ޕްރޮމޯޓް ކޮށްދިނީ ޕްލޭއޮފް ކާމިޔާބު ކޮށްގެންނެވެ.

ފުލަމް ގޮވައިގެން އަލުން ޕްރިމިއާ ލީގަށް އައިސް ވެސް ޕާކާ އަށް ޓީމު ރެލިގޭޝަނުން ސަލާމަތެއް ނުކުރެވުނެވެ. އޭނާ ވަކިކުރުމަށް ފަހު، މިދިޔަ ސީޒަނުގައި ފުލަމްގެ ކޯޗަކަށް މާކޯ ސިލްވާ ހަމަޖެއްސައި، ޗެމްޕިއަންޝިޕުގެ އެއްވަނަ ހޯދި އިރު، ޕާކާ ވަނީ ބޯންމައުތާ ހަވާލުވެ، ފުލަމްގެ ފަހަތުން ދެވަނައިގައި ނިންމައިފަ އެވެ.