31 އޯގަސްޓް 2022 - 09:54

ދުނިޔޭގެ އެންމެ ބާރުބޮޑު އެއާޕޯޓުތަކުގެ ލިސްޓުގެ އެއްވަނަ އަށް އަނެއްކާ ވެސް ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓް އަރައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދިމާވި ދަތިތަކާ ހެދި އެއާ ޓްރެފިކް ދަށްވެފައި އޮތުމަށް ފަހު، މި އަހަރު ދުބާއީ އެއާޕޯޓުން ދަތުރުކުރާ ޕަސިންޖަރުންގެ އަދަދު ވަނީ ވަރަށް މައްޗަށް ޖެހިލައިފަ އެވެ.

އޭވިއޭޝަންގެ ޑޭޓާ ރެކޯޑުކުރާ "އޮފިޝަލް އެއާލައިން ގައިޑް (އޯއޭޖީ)" އިން އާންމުކުރި ތަފާސްހިސާބުތަކުގައި ވާ ގޮތުން، މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެކަނި ވެސް ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން 14.2 މިލިއަން ފަސިންޖަރުން ދަތުރުކުރި އެވެ.
އަހަރު ދެބައިވިއިރު ދުބާއީ އެއާޕޯޓުގެ ޓްރެފިކް ވަނީ 27 މިލިއަން ފަސިންޖަރުންނަށް އަރައިފަ އެވެ. އެއާއެކު މިދިޔަ އަހަރު އެ އެއާޕޯޓުގެ ޖުމްލަ ޓްރެފިކް އަދަދާ ހަމަކުރަން ބާކީ އޮތީ 1.2 މިލިއަން ފަސިންޖަރުންނެވެ.
ދުނިޔޭގެ ބާރުބޮޑު އެއާޕޯޓުތަކުގެ ތެރެއިން ދުބާއީ އެއާޕޯޓާ ދެން ވާދަކުރަނީ ލަންޑަނުގެ ހީތުރޯ އެއާޕޯޓެވެ.
ދުބާއީން ސައުދީގެ ރިޔާދަށާއި، އިންޑިއާގެ މުމްބާއީ އަދި ލަންޑަންގެ ހީތުރޯ އަށް ދަތުރުކުރާ ރޫޓުތައް ވަނީ ދުނިޔޭގެ އެންމެ ބާރުބޮޑު ދިހަ އެއާލައިން ރޫޓުގެ ތެރޭގައި ވެސް ހިމެނިފަ އެވެ. ދުނިޔޭގެ އެންމެ ބާރުބޮޑު އެއާލައިން ރޫޓަކީ މެލޭޝިއާގެ ކުއަލަލަމްޕޫރުން ސިންގަޕޯގެ ޗާނީ އަށް ދަތުރުކުރާ ރޫޓެވެ.
ކޮވިޑް-19 ބަލިމަޑުކަމުގެ ކުރިން ވެސް ދުނިޔޭގެ އެންމެ ބާރުބޮޑު އެއާޕޯޓަކީ ދުބާއީ އެއާޕޯޓެވެ. ނަމަވެސް، ކޮވިޑާ ހެދި ގިނަ ގައުމުތަކެއް ބަންދުކުރުމާ ގުޅިގެން އެ އެއާޕޯޓުގެ ޓްރެފިކް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
ކޮވިޑާ ދެކޮޅަށް އެޅި ފިޔަވަޅުތައް ނެގުމާ އެކު ދުބާއީ އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ އަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް މައްޗަށް ޖެހުނެވެ.