30 އޯގަސްޓް 2022 - 11:21

ފިލްމީ ތަރި ފައުޒިއްޔާ ހަސަން 80، (އުއްސަކުރު ފައުޒިއްޔާ) މިއަދު ސްރީ ލަންކާގައި ނިޔާވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ނިޔާވީ މެޔަށް ތަދެއް އަރައިގެން ވެއްޓި ފަރުވާދެމުން އަންނަނިކޮށެވެ. މި ފަހުން ލަންކާއަށް ގޮސް އުޅުނީ ބަލިވެގެން ނޫން ކަމަށާއި ވަކި ބައްޔަކަށް ފަރުވާ ހޯދަމުން ވެސް ނުދާ ކަމަށް އޭނާގެ ގާތް ބައެއް މީހުން ބުންޏެވެ.
"އިއްޔެ ވެސް ގުޅައިގެން ވަރަށް މަޖާކޮށް ވާހަކަ ދައްކައި ހެދި،" މާލޭގައި ހުރި ފައުޒިއްޔާގެ ވަރަށް ގާތް މީހަކު ބުންޏެވެ.
އެ މީހުންނަށް ވެސް މައުލޫމާތު ލިބޭ ގޮތުގައި ފައުޒިއްޔާ ނިޔާވީ މެޔަށް ތަދެއް އަރައިގެން ހޮސްޕިޓަލަށް ގެންދިޔަތާ ވަރަށް ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.
ފިލްމީ ދާއިރާ އަށް ނިކުތުމުގެ ކުރިން ވެސް އަދި އޭގެ ފަހުން އޭނާ އެންމެ ޝައުގުވެރިކަމާ އެކު ކުރަމުން އައި އެއް މަސައްކަތަކީ ހެދުން ފެހުމެވެ.
ފިލްމުތަކުގައި މަންމަގެ ރޯލު ކުޅެގެން ގިނަ ބައެއްގެ މަގްބޫލްކަން ހޯދި ފައުޒިއްޔާ ފިލްމީ ދާއިރާގައި އުޅޭތާ 35 އަހަރަށް ވުރެން ގިނަ ދުވަސްވެއްޖެ އެވެ. އޭނާ ފާހަގަކޮށްލެވުނީ ކޮންމެ ރޯލަކަށް ވެސް ކުޅަދާނަ ހުނަރުވެރި ފަންނާނެއްގެ ގޮތުގަ އެވެ.
ފައުޒިއްޔާ ފިލްމީ ދާއިރާ އަށް ނިކުތީ 1985 އަހަރު "ސިދާ" ކިޔާ ފިލްމަކުންނެވެ. އެންމެ ކުރިން ފެށިގެން ވެސް އޭނާ ފިލްމުތަކުގައި ކުޅެމުން އައީ މަންމަގެ ރޯލެވެ. އެހެންވެ، ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކު އޭނާ އަށް މުހާތަބު ކުރަމުން އައިސްފައި ވަނީ ވެސް "ފައުޒިއްޔާ މަންމަ"ގެ ނަމުންނެވެ.
އޭނާގެ ދިގު ފިލްމީ ކެރިއަރުގައި 50 އަށް ވުރެ ގިނަ ފިލްމާއި ޑްރާމާ ސިލްސިލާތަކުގައި މަސައްކަތްކޮށްފައިވެ އެވެ.
އޭނާގެ އެންމެ މަޝްހޫރު މަސައްކަތްތަކުގެ ތެރޭގައި ޑައިރެކްޓަރު އަބްދުލްފައްތާހު 2000 ވަނަ އަހަރު ގެނެސްދިން ޑްރާމާ ސިލްސިލާ "ދޯޕައްޓާ" އާއި ހަމަ އެ އަހަރުގެ ނިކުތް ފައްތާހުގެ ފިލްމު "ހިމޭން ދުނިޔެ" ހިމެނެ އެވެ. މަޝްހޫރު އެހެން ފިލްމުތަކުގެ ތެރޭގައި "2000 ވަނަ އުފަން ދުވަސް"، "ދޮންކަމަނަ"، "ހަނދުކޭތަ"، "ވެހޭވާރޭތެރެއިން"، "ހުރީމޭ އިންތިޒާރުގައި"، "ވާލޯބި އޭނގޭނަމަ" އަދި ޔޫސުފް" ހިމެނެ އެވެ. އަދި "ރޭޝަމް"، "ވައިސޫރި" އަދި "ހިނިތުންވެލާށޭ ކަލާ" ފަދަ މަޝްހޫރު ޑްރާމާތައް ވެސް ހިމެނެ އެވެ.
ފައުޒިއްޔާ އެންމެފަހުން މަސައްކަތްކުރީ ކުޅަދާނަ ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) މިހާރު ހަދަމުން އަންނަ ފިލްމު "ލަސްވިޔަސް"ގަ އެވެ. އެ ފިލްމުގެ މަންޒަރުތައް ނަގަން މިދިޔަ ޖުލައި މަހު ފައުޒިއްޔާ ރާއްޖެ އަ އެވެ.
ފައުޒިއްޔާ އަކީ އިންޑިއާގެ ޖަލެއްގައި ގިނަ ދުވަސްތަކެއް ވަންދެން ނުހައްގުން އަދަބު ލިބުނު ދިވެއްސެކެވެ. ޕާކިސްތާނަށް ޖާސޫސް ކުރި ކަމަށް ތުހުމަތުކޮށް ފައުޒިއްޔާ އާއި އިތުރު ދިވެއްސެއް ކަމަށްވާ މަރިޔަމް ރަޝީދާ އާއި އިންޑިއާގެ ސައިންސްވެރިއެއް ކަމަށްވާ ނަބްމީ ނަރަޔާނަން ހައްޔަރުކުރީ 1994 ގަ އެވެ.
ކެރަލާ ޖަލެއްގައި އެ މީހުން ދެ އަހަރު ބަންދުކޮށްފައި ބެހެއްޓި އެވެ.
އެކަމަކު އެ ގައުމުގެ ތަހުގީގީ މައި އިދާރާ ކަމަށްވާ ސީބީއައި އިން ކުރި ތަހުގީގުން އެނގުނީ އެއީ ކެރަލާ ފުލުހުން އަމިއްލައަށް އުފައްދަން އުޅުނު މައްސަލައެއް ކަމަށެވެ. އެ މީހުން ދޫކޮށްލީ ނުހައްގުން އަދަބު ދެމުންދިޔަ ކަން ސާބިތުވުމުންނެވެ.
އިންޑިއާގެ ޖަލުގައި ނުހައްގުން ލިބުނު އަދަބުގެ ބަދަލާއި އިންސާފު ހޯދައިދޭން ގޮވާލައި ފައުޒިއްޔާ މަސައްކަތްތަކެއް ވެސް ކުރި އެވެ.