30 އޯގަސްޓް 2022 - 12:48

ނިމިދިޔަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 15 އަހަރުން ދަށުގެ އުމުރުފުރާގެ 800 މީޓަރާއި 1،500 މީޓަރުގައި ވާދަކޮށް އެއްވަނަ ހޯދި އުމުރުން 12 އަހަރޫގެ އާމިނަތު ލުމާ އަސްލަމްގެ ސްޕީޑް ހުރީ އެ ކެޓަގަރީގެ ސީނިއާ ޑިވިޝަންގައި ވެސް ވާދަކުރި ބައެއް ދުވުންތެރިންނާ އެއް ލަވަލެއްގަ އެވެ.
ކުރިއަށް އޮތް ގައުމީ މުބާރާތުގެ ސީނިއާ ކެޓަގަރީގައި ވާދަކުރަން ތައްޔާރު ވެގެން ހުރި ލުމާ، އެންމެ ފުރަތަމަ ދުވަން ނުކުތީ އޭނާ މަންމަ އާއެކު ކަސްރަތަށެވެ. އެކަމަކު އެތުލެޓިކްސް އަށް ޝައުގުވެރިކަން އުފެދި، ކޯޗު ނަސީރު އިސްމާއީލްގެ ބެލުމުގެ ދަށުން ޓްރޭނިން ފެށި އެވެ.
އުމުރުން 12 އަހަރުގެ ލުމާ ބުނީ އޭނާގެ ޓާގެޓަކީ ޑިސްޓެންސް ދުވުމުން އިންޓަނޭޝަނަލް ގޭމްސް އެއްގައި ރާއްޖެ އަށް މެޑަލްއެއް ހޯދައިދިނުން ކަމަށެވެ. ނަސީރު ވެސް ބުނީ ލުމާގެ ޓްރޭނިންތައް ބައްޓަން ކުރަނީ އިންޓަނޭޝަނަލް މެޑަލް އަކަށް އަމާޒުކޮށްގެން ކަމަށެވެ.
ޑިސްޓެންސް ދުވުންތަކުގައި ރާއްޖޭގެ އެއްވަނަ އެތުލީޓް ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އަށް ވެސް ކޯޗުކޮށްދޭ ނަސީރު ބުނީ ލުމާގެ ޓްރޭނިންތައް ކުރިއަށް ގެންދަނީ ފްލޭޝް އާ އެއް ލަވަލެއްގައި ކަމަށެވެ.
"ޑިސްޓެންސް ދުވުންތަކުގައި ރާއްޖޭގެ ނަންބާ ވަން ފަޒީލް ކުރިއަށްގެންދާ ޓްރޭނިން ލުމާ ވެސް ކުރިއަށް ދާނީ. ވީކެންޑް ޓްރޭނިންތަކުގައި ފަޒީލް އާ އެއް ލަވަލެއްގައި ލުމާގެ ލޯންގް ރަން ޕްރެކްޓިސްތައް ވެސް ގެންދާނީ،" ނަސީރު ބުންޏެވެ.
"ޒުވާން އެތުލީޓަކު ޓްރޭން ކުރާނަމަ އަޅާކިޔާލަން ޖެހޭނީ އެއްވަނައިގައި ތިބި އެތުލީޓުންގެ ޓްރޭނިންތަކާ. އެހެންވެ ފަޒީލް އާއެކު ޓްރޭނިންތައް ކުރިއަށް ގެންދަނީ."
އުމުރުން ހަގު ބައެއް ކުދިންނަކީ ވެސް ބޭރު ފުޓްބޯޅަ ލީގުތަކަށް ފަރިތަ ކުދިންނެވެ. އެކަމަކު ލުމާގެ މައުލޫމާތު ހާއްސައީ އެތުލެޓިކްސް އަށެވެ. ދުނިޔޭގެ އެތުލެޓިކްސްގައި އެންމެ މަޝްހޫރު އެތުލީޓުންގެ ނަންތަކާއި އެ އެތުލީޓުންގެ ލައިފް ސްޓައިލް މައުލޫމާތުތައް ލުމާ އަށް ފަރިތަ އެވެ.
ނަސީރު ބުނި ގޮތުގައި ޔޫޓިއުބުން ލުމާ އެންމެ ގިނައިން ބަލަނީ އެތުލީޓުންގެ ދުވުމުގެ ވީޑިއޯތަކެވެ.
"ލުމާ އަކީ އެތުލެޓިކްސްގެ ތެރޭގައި މުޅި ދުވަސް ހޭދަ ކުރާ ކުއްޖެއް. އެހާ އުމުރުން ހަގު ކުއްޖަކު އެތުލެޓިކްސް އަށް އެހާ ކޮމިޓްވެ ހުރުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" 800 މީޓަރުގެ ގައުމީ ރެކޯޑް އޮތް ނަސީރު ބުންޏެވެ.
"އަޅުގަނޑަށް އޭނަ ފެންނަނީ ވަރަށް އުންމީދީ ކުއްޖެއްގެ ގޮތުގައި. އެހާ އުމުރުން ހަގު އިރު ވެސް ވަރަށް ކޮމިޓެޑް. ޓްރޭން ކުރަން އަމިއްލަ އަށް ވެސް ބޭނުންވާ ކުއްޖެއް."
އެސޯސިއޭޝަން ކަޕުގެ 1،500 މީޓަރުގެ ފައިނަލުގައި ވާދަކޮށް ލުމާ އެއްވަނަ ހޯދީ މުބާރާތުގެ ރެކޯޑަކާ އެކު އެވެ. އެ އުމުރުފުތާގެ ރޭސް އޭނާ ނިންމީ 5:44.68 އިންނެވެ.