އަލަމްގީރް ދައުވާތަކަށް އިއުތިރާފުވެ ލުއި އަދަބަކަށް އެދެފި
އަލަމްގީރް ދައުވާތަކަށް އިއުތިރާފުވެ ލުއި އަދަބަކަށް އެދެފި

އެތައް ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ބަންގްލާދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރްގެ މައްޗަށް ކޮށްފައިވާ ތިން ދައުވާއެއް އިއްޔެ އިއުތިރާފްވެ ލުއި އަދަބަކަށް އެދެފި އެވެ.

އަލަމްގީރްގެ މައްޗަށް ކޮށްފައިވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާ އެވެ.

އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތަށް އިތުރު ތިން ދިވެއްސަކަށް ދައުވާކޮށްފައިވެ އެވެ. އެއީ ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަދި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއު އެވެ.

މި އެންމެންނަށް ވެސް ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. ޖިންސީ ކުށުގެ ގާނޫނުގައި ވެސް އެއްޖިންސުން ގުޅުން ހިންގުން ކުށެއްގެ ގޮތުގައި އޮވެ އެވެ. އެ ގާނޫނުގެ ދަށުން ދައުވާކޮށްފި ނަމަ ލިބޭ އަދަބު އެތައް ގުނައެއް ބޮޑުވާނެ އެވެ. ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ނަމަ ދެ މީހަކު ރުހުމުގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގައިފި ނަމަ އަދަބަކީ 5-7 އަހަރަށް ޖަލަށް ލުމެވެ. ނުރުހުމުގައި ނަމަ އެކަން ކުރި މީހަކަށް 7-10 އަހަރުގެ ޖަލު ހުކުމެކެވެ.

މިހާރު ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށް ވާތީ ކޮންމެ ދައުވާއަކަށް އަންނާނީ އަހަރަކަށް ވުރެ ކުޑަ ހުކުމެކެވެ. އަދި ކުށުގެ މަތީ މިންގަނޑުން ސާބިތުވާނީ ވެސް އިއުތިރާފުން ނުވަތަ ހަތަރު ހެކީންގެ ހެކިބަހުން ނުވަތަ ޑީއެންއޭ ފަދަ ފަދަ ގަރީނާ ނުވަތަ ގަރީނާތަކަކުންނެވެ. އެހެން ނޫން ނަމަ އެ ކުށަކީ، އެނޫން ހާލަތްތަކުގައި އެ ކުށް ދަރަޖަކުރެވޭ ނިސްބަތަށް ވުރެ އެއް ދަރަޖަ ތިރީގައިވާ ކުށެއް ކަމަށް ގާނޫނުގައި އޮވެ އެވެ.

އަލަމްގީރް ދައުވާތަކަށް އިއުތިރާފްވުމުން ޝަރީއަތް ކުރިއަށް ގެންދަން ނިންމާފައިވަނީ އަވަސްނިއާގެ މައްސަލައެއްގެ ގޮތުގަ އެވެ. އެހެންވެ ދެން އޮންނާނީ އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމުގެ ޝަރީއަތެވެ. ކުށަށް އިއުތުރާފުވާ މީހުންނަށް އާންމުގޮތެއްގައި އޮންނަ އަދަބަށް ވުރެ ލުއި އަދަބު ކަނޑައަޅާނެ އެވެ.

ބަދުއަހުލާގީ އަމަލުތަކުގެ ޝަރީއަތް ހިންގަނީ ސިއްރުން ކަމަށް ވާތީ އަލަމްގީރްގެ މައްސަލަ ވެސް އަދި މި މައްސަލާގައި ހިމެނޭ އެހެން މީހުންގެ މައްސަލަތައް ވެސް ކުރިއަށް ގެންދާނީ އާންމު އުސޫލުން ސިއްރުންނެވެ. އެކަމަކު އަލަމްގީރުގެ ޝަރީއަތް ފެށުމުގެ ކުރިން އޭނާގެ ބަޔާން ވަނީ ލީކުވެފަ އެވެ.