30 އޯގަސްޓް 2022 - 12:37

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފްގެ އެކައުންޓް އަލުން ފްރީޒްކުރަން ޖެހޭ ސަބަބެއް ނެތުމުން، ފްރީޒްކުރުމުގެ އަމުރެއް ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުން އައި މަސައްކަތް ހުއްޓާލައިފި އެވެ.
ދައުލަތުގެ ފައިސާ ވަގަށް ނަގައި ޖަމާކުރި އެސްއޯއެފްގެ އެކައުންޓް އަލުން ފްރީޒް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭސީސީން ބުނީ، އެ އެކައުންޓް ދޫކޮށްލަން ސިވިލް ކޯޓުން އަމުރުކޮށްފައިވާ ކަން ތަހުގީގުގެ ތެރެއިން އެނގުމުންނެވެ. އެކައުންޓުގެ ފައިސާ ހުރިތޯ ބަލައި އަމުރަކަށް އެދެން ނިންމާފައި އޮތަސް އެ ކޮމިޝަނުގެ މިހާރުގެ ނިންމުމަކީ އަލުން ފްރީޒް ނުކުރުމެވެ.
އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު ނިޝާން މުހައްމަދު ދީދީ "މިހާރު" އަށް ވިދާޅުވި ގޮތުގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ހުރި އެކައުންޓް އަންފްރީޒް ކުރުމާ ގުޅިގެން އެ ކޮމިޝަނުން ބެލި ބެލުމުން އެނގުނީ އެކައުންޓް "އަލުން ފްރީޒްކުރަން ޖެހޭ ތަނެއް ނެތް" ކަމެވެ.
"އެކަމާ ގުޅިގެން ކޯޓުން ވަނީ މާކުރިން ގޮތް ނިންމާފައި. ސީދާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އިން އެކައުންޓް ފިޔަވައި ދެން އެ ކުންފުންޏާ ގުޅޭ އެހެން އެކައުންޓްތައް އަދިވެސް ހުރީ ފްރީޒްކޮށްފައި،" އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ ދައުލަތަށް ގެއްލުންވި ހިޔާނާތުގެ ފައިސާ ޖަމާކުރަމުން ދިޔަ އެކައުންޓް ފްރީޒްކުރީ 2020ގަ އެވެ. ސިވިލް ކޯޓުން އޭރު ވަގުތީ އަމުރެއް ނެރުނީ އެމްއެމްޕީއާރުސީ އަށް މީހަކު ދިން 2.5 މިލިއަން ޑޮލަރުގެ ޗެކެއް އެސްއޯއެފް އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އެ ފައިސާ ހޯދަން ދައުލަތުން ދައުވާކޮށް ވަގުތީ އަމުރަކަށް އެދުމުންނެވެ.
ހިޔާނާތް ހިންގުމުގައި މި ކުންފުނީގެ އިސްވެރިން އަމަލީ ގޮތުން ބައިވެރިވެފައި ވިޔަސް އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ. މި ސަރުކާރުގައި ހިޔާނާތް ބަލަން ހެދި އެސެޓްރިކަވަރީ ކޮމިޝަނާއި އޭސީސީ އަދި ޕީޖީ އޮފީހާއި ފުލުހުން ގުޅިގެން ހިންގި ތަހުގީގުގައި ވެސް އެ މީހުންގެ މައްސަލަތަކެއް ނުބަލަ އެވެ.
އެއީ، ތަހުގީގަށް މައުލޫމާތު ދިނުމާއި ހެކި ހޯދައިދިނުމުގައި އެއްބާރުލުންދޭތީ ކަމަށް ވެސް ދައުލަތުން ބުނެފައިވެ އެވެ.