30 އޯގަސްޓް 2022 - 18:55

ގދ. ތިނަދު އަށް އުފަން، ފަރީޝާ، އޭނާގެ ތިން ދަރިންނާ އެކު މިދިޔަ ރޯދަ މަހާ ހަމައަށް ވެސް އުޅެމުންދިޔައީ ވަރަށް އެކަނިވެރި ހިތްދަތި ދިރިއުޅުމެކެވެ. ރަށުގައި މުޅިން ބާކީވެފައިވާ އާއިލާއެކެވެ. އެކަމަކު މަމްސް ޖަމިއްޔާގެ ލޮލުގައި އަޅައިގަތް ހިސާބުން އެ އާއިލާއަށް މުޅިން އާ ދިރިއުޅުމެއް ލިބިއްޖެ އެވެ.

މަމްސް ޖަމިއްްޔާ އިން ބުނި ގޮތުގައި ފަރީޝާ އޭނާގެ 18 އަހަރުން ދަށުގެ ތިން ދަރިންނާ އެކު ވަރަށް މާޔޫސް، އެކަނިވެރި ދިރިއުޅުމެއް އުޅެމުން އައި މީހެކެވެ. ބައްޕަގެ ލޯބި ކުދިންނަށް ނުލިބުނުތާ އާއިލާގެ އެހެން ބައެއްގެ ލޯތްބާ އަޅާލުމެއް ވެސް މި ކުޑަ އާއިލާއަކަށް ނުލިބެ އެވެ.

ނިކަމެތި ހާލަތެއްގައި ދިރިއުޅެމުންދާ އެ އާއިލާގެ ދިރިއުޅުން ބަދަލުވެފައި މިވަނީ މަމްސް ކެއާ ލިސްޓުގައި ރަޖިސްޓްރީވެފައިވާ އެ އާއިލާގެ ހާލަތު އެ ޖަމިއްޔާ އިން ބަލައި، އެމީހުންނަށް އެހީވުމަށް ހިންގި ބޮޑު ކެމްޕެއިނާ އެކު އެވެ.

މިއަހަރުގެ ރޯދަ މަހު އެ އާއިލާއަށް މާލީ އެހީ ހޯދުމަށް އެ ޖަމިއްޔާ އިން މަސައްކަތް ފެށިއިރު މަމްސް އިން ބުނީ ފަރީޝާއަކީ އެންމެ ކުޑައިރުން ފެށިގެން ވެސް ފުއްދުންތެރި ދިރިއުޅުމެއް އުޅުނު މީހެއް ނޫން ކަމަށާއި އޭނާއަށް ލޯތްބާއި އަޅާލުމުގެ އިތުރުން ރަނގަޅު ތައުލީމެއް ވެސް ލިބިފައި ނުވާ ކަމަށެވެ.

ޒަވާޖީ ހަޔާތެއް ފަށައި އެ ދިރިއުޅުމުގައި ވެސް އޭނާއަށް އުޅެން ޖެހުނީ ވަރަށް ނިކަމެތިކޮށެވެ. ފިރިމީހާގެ އަނިޔާތަކުގެ ޝިކާރައަކަށްވި އޭނާވި އެވެ.
"ފަރީޝާގެ ޒަވާޖީ ހަޔާތަކީ ވެސް އޭނާގެ ހިތުން ނުފިލާނެ ހިތި ތަޖުރިބާތަކެއް ކުރެވުނު ދުވަސްތަކަކަށް. ނަފްސާނީ އަދި ޖިސްމާނީ އަނިޔާގެ އެތައް ޝިކާރައަކަށްވި. ތިމާގެ މީހެއް އަދި ރައްޓެެއްސެއް ވެސް ނެތި ދުވަސްތައް އޭނާ ހޭދަކުރީ އެކަނިވެރިކަމާ އެކު،" މަމްސް އިން ކިޔައިދެ އެވެ.
މަމްސް އިން ބުނި ގޮތުގައި ފަރީޝާއަކީ "ހިތްފަޅައިގެންދާ ވަރުގެ ތަޖުރިބާތަކެއް" ކުރި އަންހެނެކެވެ. އޭނާގެ ފިރިމީހާ، އޭނާ ވަރިކޮށް ދިޔައީ ދަރިފުޅު ވިހައިގެން ހޮސްޕިޓަލުގެ އެނދުމަތީގައި އޮއްވާ ކަމަށް މަމްސް އިން ބުންޏެވެ.
އެ ހިސާބުން ވެސް ފަރީޝާގެ ހިތްދަތި ހަޔާތަށް ނިމުމެއް ނަ އެވެ. ދެވަނަ ކައިވެނީގައި އެ އަނިޔާތައް ލިބެން ފެށީ އޭނާގެ ހަތް މަހުގެ ތުއްތު ދަރިފުޅަށެވެ.
"ހަތް މަހުގެ ދަރިފުޅަށް ދޮން ބައްޕަގެ ޖިންސީ ގޯނާ ލިބިގެންދިޔައިރު އެ އަނިޔާތަކާ ދެކޮޅަށް ތެދުވީ އޭނާ އެކަނިމައި އެކަނި،"
ދަރިފުޅަށް ދިން ޖިންސީ ގޯނާއާ ދެކޮޅަށް ތެދުވުމުން އެ ކައިވެނި ވެސް ރޫޅުނީ އެވެ. ދެން އޭނާގެ ދިރިއުޅުން ބަދަލުކުރީ ރަށުގައި ހުރި އޭނާގެ ބައްޕަގެ ގެއަށެވެ. އެކަމަކު އެ ގެއިން ވެސް ފަރީޝާގެ އާއިލާއަށް ލިބެންޖެހޭ ރައްކާތެރިކަމާ ހަމަޖެހުމެއް ނުލިބުނެވެ.
މަސްތުވާތަކެތި ބޭނުންކުރަމުންދާ ބޭބެއާ އެއް ފުރާޅެއްގެ ދަށުގައި އުޅެން ޖެހުންވީ ފަރީޝާ އާއި އޭނާގެ ކުދިންނަށް ވެސް ކުރިމަތިވި ބޮޑު ބިރުވެރިކަމަށެވެ. ބޭއަދަބީ ބަސްތައް ބޭނުންކުރުމާއި އެތައް ތުރާލެއް އެ އާއިލާއަށް ކުރިމަތިކުރަމުންދިޔަ ނަމަވެސް އެ ނޫން ގޮތެއް ނެތިގެން އެތަނުގައި އުޅެން އެމީހުންނަށް މަޖުބޫރުވީ އެވެ.
މިވީހާ ދުވަހެއްގައި އެ އާއިލާ އިން އުޅެމުންދިޔައީ ކުޑަ ކޮޓަރިއެއްގެ ތެރޭގައި ކައްކައި ކައި ނިދަމުންނެެވެ.
ކުދިންގެ ހަރަދުތައް ބެލެހެއްޓުމަށް އޭނާ ވަޒީފާއަށް ދަނީ އިތުރު ގޮތެއް ނެތިގެންނެވެ. ކޮޓަރި ތަޅުލާފައި އެތަނުގައި ކުދިން ބައިތިއްބާފައި ވަޒީފާއަށް އޭނާ ދަނީ އެ އުޅޭ މާހައުލަކީ ރައްކާތެރި ތަނަކަށް ނުވާތީ އެވެ.
އެހެންވެ މަމްސް އިން މިއަހަރު އެހީވާ އާއިލާއަށް ފަރީޝާގެ އާއިލާވެގެން ދިޔައީ އެވެ.
އެ ޖަމިއްޔާ އިން ބުނީ ރޯދަ މަހު އެ އާއިލާއަށް އެހީވާން ފެށި ފަންޑްރައިޒް އިވެންޓުން ލިބުނު ފައިސާގެ އެހީއާ އެކު ރަށުގައި ހުރި ފަރީޝާގެ ގޯތީގައި ހަދަން ފަށާފައި ހުރި އިމާރާތް ނިންމަން ފެށުނެވެ.
ދެ މަސް ދުވަހުން މުޅި ގޭގެ މަސައްކަތް އެއްކޮށް ނިންމާލިއިރު އެތަނަށް ފަރީޝާގެ އާއިލާ ވަތްއިރު އެމީހުންގެ ލޮލުން ކަރުނަ އަ އެވެ. މުޅި ގޭ ރީއްޗަށް ހަދާލާފައި ހުރީ އެންމެ ޒަމާނީކޮށެވެ.
ސިޓިންރޫމުގައި ސޯފާ އާއި ޓީވީ ބަހައްޓައި، ފޮތް ހަރުގަނޑެއް އަދި ކަބަޑު ބަހައްޓާފައި ހުއްޓެވެ.
ފާހާނާއާ އެކު ހަދާފައިވާ އެ ކޮޓަރިތަކުގައި އަލަމާރި އާއި އެނދާއި ބަހައްޓާފައި ހުރިއިރު އެކުދިންގެ ކޮޓަރީގައި ކިޔެވުމަށް ތިބެވޭނެ ގޮތަށް ވަކި ހާއްސަ ތަންކޮޅެއް ހަދާފައި ހުއްޓެވެ.
އެކުދިން ކުޅެން ބޭނުންވާނެ ސާމާނުގެ އިތުރުން އެ އާއިލާއަށް ބޭނުންވާ އަންނައުނު ވެސް އެ ޖަމިއްޔާ އިން ކުރިއަށް ގެންދިޔަ ޑޮނޭޝަން ކޭމްޕެއްގެ ތެރެއިން ވަނީ ހޯދައިފަ އެވެ.
ބަދިގެ ސެޓް ހަރުކޮށް ބަދިގެ ވެސް އެންމެ ޒަމާނީކޮށް ހަދާފައި ހުރިއިރު އެތަނުގައި ފްރިޖާއި ކުކަރާއި ބަދިގެއަށް ބޭނުންވާނެ ހުރިހާ ސާމާނެއް ވެސް ހުއްޓެވެ.
އަމިއްލަ ގެއެއްގައި އުޅުމަށް ފަރީޝާ ދެކުނު ހުވަފެން ހަގީގަތަކަށް ހަދައިދީ އެތަން ހަވާލުކުރިއިރު މުޅި ގެ ވަށާ ގަސް އިންދާ، ގޯތި ތެރޭގައި ޖޯލިފަތި ބަހައްޓާފައި ހުއްޓެވެ.
"އަޅުގަނޑަށް އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައި މިވަނީ ވަރަށް ޒަމާންވަންދެން ހިތްދަތިކަމާ މާޔޫސްކަމާ އެކު އުޅުމަށް ފަހު. އަޅުގަނޑަށް މިކަހަލަ ދުވަހެއް ދައްކާނެ ކަމަށް ދުވަހަކު އުއްމީދެއް ވެސް ނުކުރަން. މިގެއަށް ވަދެގެން އައި އިރު ކުރެވުނު އިހްސާސް ބަޔާން ކުރަން ނޭނގޭ. ލޮލުން ކަރުނަ އައި،" ފެންކަޅިވެފައި އިނދެގެން މަމްސް ޖަމިއްޔާއަށް ޝުކުރު އަދާކުރަމުން ފަރީޝާ ބުންޏެވެ.
މަމްސް ޖަމިއްޔާގެ އެގްޒެކްޓިވް ޑިރެކްޓަރު އަދި ސެކްރެޓަރީ ޖެނަރަލް ފާތިމަތި ރިޔާޝާ ވިދާޅުވީ ރާއްޖޭގައި ވަރަށް ނިކަމެތި ހާލުގައި އެތައް އާއިލާއެއް ދިރިއުޅެމުން އެބަ އަންނަ ކަމަށާއި އެ ޖަމިއްޔާ އުފެދުނީއްސުރެ ކުރަމުންދާ މަސައްކަތަކީ އެފަދަ އާއިލާތަކަށް އެކި ގޮތްގޮތުން އެހީތެރިވުން ކަމަށެވެ.
"މިއަދު މި މަސައްކަތުގައި އިތުރު ފިޔަވަޅެއް އެޅިއްޖެ. މަންމައިންތަކެއް އިސްވެ ކުރިއަށް ގެންދިޔަ މި މަސައްކަތުގެ ސަބަބުން ދަތި ހާލުގައި އުޅެމުންދިޔަ އާއިލާއެއްގެ ހުވަފެންތައް ހަގީގަތަކަށް ވެއްޖެ،" ރިޔާޝާ ވިދާޅުވި އެވެ.
ރިޔާޝާ ވިދާޅުވި ގޮތުގައި އެ ޖަމިއްޔާ އިން ވަނީ އެ އާއިލާއާއި ރަށުގެ އެހެން މީހުންނާ އޮންނަ ގުޅުން ރަނގަޅުކުރުމުގެ ގޮތުން ރަށުގެ އިސްވެރިންނާ އާއިލާ ބައްދަލުކުރުވައިފަ އެވެ. އެއީ އެހެން އާއިލާތަކެކޭ އެއްގޮތަށް އެ އާއިލާ ވެސް ރަށުގެ ކަންކަމުގައި ބައިވެރިކުރުމުގެ މަގްސަދުގައި ކަމަށް ރިޔާޝާ ވިދާޅުވެ އެވެ.
ފޭސްބުކްގައި "މަމްސް އެމްވީ" ނަމުގައި ފެށި ޕްރައިވެޓް ގްރޫޕް ފުޅާވެ 2019 ވަނަ އަހަރުގެ ތެރޭގައި މި ނަމުގައި ޖަމިއްޔާ ރަޖިސްޓްރީވި ފަހުން ވަނީ ފަރީޝާ ފަދަ އެތައް މަޔަކަށް އާ ދިރިއުޅުމެއް އެ ޖަމިއްޔާ އިން ހޯދައިދީފަ އެެވެ.