ޓުއަރިޒަމް ދާއިރާގެ ދުވަސްވީ ހިދުމަތްތެރިންގެ ޑޭޓާބޭސްއެއް އެކުލަވައިލަނީ
ޓުއަރިޒަމް ދާއިރާގެ ދުވަސްވީ ހިދުމަތްތެރިންގެ ޑޭޓާބޭސްއެއް އެކުލަވައިލަނީ

ރާއްޖޭގެ ޓުއަރިޒަމް ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މީހުންގެ މައުލޫމާތު ހިމެނޭ ޑޭޓާބޭސް އެއް އެކުލަވައިލުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށައިފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ، އާންމުންގެ ފަރާތުން އެފަދަ ހިދުމަތްތެރިންގެ ނަމާއި މައުލޫމާތު ހުށަހެޅުމަށް އެދިފަ އެވެ.

އެ އިއުލާނުގައި ވާގޮތުން، ގިނަ ދުވަހު ޓުއަރިޒަމް ދާއިރާ އަށް ހިދުމަތްކޮށްފައި ތިބި އަދި ހިދުމަތުގައި ދެމިތިބި މީހުންނާއި ފާހަގަކޮށްލެވޭ ކުރިއެރުމެއް އެ ދާއިރާ އަށް ގެނައުމަށް އެހީތެރިވި ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީން ބޭނުންވެ އެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާ ވިދާޅުވީ، ޑޭޓާ ބޭސް އެކުލަވައިލުމަކީ މި އަހަރު ރާއްޖޭގައި ފާހަގަކުރާ ޓޫއަރިޒަމްގެ ރަންޔޫބީލާ ގުޅުވައިން، އެ ހިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ މަގުސަދުގައި ފެށި ކަމެއް ކަމަށެވެ.

"އިންޑަސްޓްރީއާ ވެސް ގުޅިގެން މި މަސައްކަތް ކުރަނީ. އެ ބޭފުޅުން ފަރާތުން ލިބޭ ނަންތަކާއެކު، އެއްވެސް ނަމެއް އުނިވެދާނެތީ އާންމުންނަށް މި ހުޅުވައިލީ. އޭރަށް އެ ފަރާތުން ލިބޭ ނަންތައް ވެސް ހިމަނަން" ނިލްފާ ވިދާޅުވި އެވެ.

އެފަދަ ހިދުމަތްތެރިންގެ މައުލޫމާތުތައް އަންނަ އާދިއްތަ ދުވަހުގެ ކުރިން ހާއްސަ ލިންކު މެދުވެރިކޮށް ހުށަހަޅޭނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މި އަހަރު ވަނީ ކުލަގަދަ އެތައް ހަރަކާތްތަކާއި ހާއްސަ އެވާޑް ޝޯއެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.