05 ޖެނުއަރީ 2017 - 08:56

އަންނަ އާދިއްތަ ދުވަހުން ފެށިގެން ދަތުރުވެރިންނަށް އެއާޕޯޓުން ޑޮލަރު ދޫކުރާ ގޮތަށް ހެދިޔަސް، އަންނަ ހޯމަދުވަހުގެ ނިޔަލަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު ވިއްކުން ކުރި އަށް ގެންދަން ނިންމައިފި އެވެ.
މަރުކަޒީ ބޭންކުގެ ތަރުޖަމާނަކު މިއަދު ވިދާޅުވި ގޮތުގައި ކުރިއެކޭ ވެސް އެއްގޮތަށް އަންނަ އާދިއްތަ އަދި ހޯމަދުވަހު އެ ތަނުން ޑޮލަރު ވިއްކާނެ އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި، އާ އިންތިޒާމުގެ ދަށުން ޑޮލަރު ވިއްކަން ފަށާ އިރު އޮޅުން އެރުން ފަދަ ކަންކަން ދިމާ ނުވާނެކަން ކަށަވަރު ކުރުމަށެވެ.
"އެކަަމަކު، އަޅުގަނޑުމެން ޑޮލަރު ވިއްކާނީ ހޯމަ ދުވަހާ ޖެހެންދެން ފުރާ މީހުންނަށް. އެ ދުވަހުގެ ފަހުން ފުރާ ފަރާތްތަކަށް ޑޮލަރު ދޫކުރާނީ އެއާޕޯޓުން،" ތަރުޖަމާނު ވިދާޅުވި އެވެ.
އަންނަ އާދިއްތަދުވަހުން ފެށިގެން ޑޮލަރު ދޫކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ޗެކިންވުމުން، އެ ތަނުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު ކައުންޓަރުންނެވެ. އަދި އެއާޕޯޓަށް ދިއުމުގެ ކުރިން ޑޮލަރު ގަންނަން އޮންލައިންކޮށް ބުކިން ހައްދައި އޮންލައިންކޮށް ފައިސާ ދެއްކޭނެ ޕޯޓަލެއް ވެސް ބީއެމްއެލް އިން ވަނީ ގާއިމްކޮށްފަ އެވެ.
ބީއެމްއެލްގެ ރަސްމީ ވެބްސައިޓުގައި މިރޭ އެ ޕޯޓަލް ހުޅުވާލުމުން، އެ ޕޯޓަލަށް ވަނުމަށް ފަހު ދަތުރުކުރާ މީހުންގެ މައުލޫމާތާއި ޕާސްޕޯޓް ނަމްބަރު އަދި ފްލައިޓްގެ މައުލޫމާތު ޖެހުމަށް ފަހު، ޑެބިޓް ކާޑުން ފައިސާ ދެއްކުމުން ބުކިން ހެދުނީ އެވެ. އަދި ފުރަން އެއާޕޯޓަށް ގޮސް، ޗެކިންވުމަށް ފަހު ޑިޕާޗާ ޓާމިނަލްގެ ގޭޓު ހަތަރެއްގެ ކުރިމަތީގައި ހުންނަ ބީއެމްއެލްގެ ކައުންޓަރަށް ދިއުމުން އެ މީހަކަށް ޑޮލަރު ލިބޭނެ އެވެ.
އެކަމަކު، މި ނިޒާމުގެ ދަށުން ވެސް ކޮންމެ މީހަކަށް ގިނަވެގެން ލިބޭނީ، ކުރިން ވެސް އޮންނަ ގޮތަށް 500 ޑޮލަރެވެ. އަދި ބުކިން ހައްދާ އިރު، އެއް ބުކިންއެއްގައި ގިނަވެގެން ހިމެނޭނީ ހަމަ ފަސް މީހުންނެވެ.
އެމްއެމްއޭ އިން މިދިޔަ ނޮވެމްބަރު 21 ގައި ޑޮލަރު ވިއްކަން ފެށީ ސްކޫލު ބަންދާ ދިމާކޮށް ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުންގެ އަދަދު ގިނަވެ، ޑޮލަރު ހޯދަން ބޭންކުތަކުގެ ދޮށުގައި ދިގު ކިއޫތައް ހަދަން ފެށުމުންނެވެ. އޭރު ވެސް މަރުކަޒީ ބޭންކުން ނިންމާފައި އޮތީ ބޮޑު ޗުއްޓީ ނިމުމުން ބީއެމްއެލް މެދުވެރިކޮށް، އެއާޕޯޓުން ޑޮލަރު ދޫކުރާ ގޮތް ހަދާށެވެ.