ޝިލްޕާގެ 10 އަހަރުގެ ދަރިފުޅު ބޫޓުގެ ވިޔަފާރިއެއް ފަށައިފި
ޝިލްޕާގެ 10 އަހަރުގެ ދަރިފުޅު ބޫޓުގެ ވިޔަފާރިއެއް ފަށައިފި

ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީގެ ދަރިފުޅު ވިއާން، ވިޔަފާރިއެއް ފަށައިފި އެވެ.

ދޮށީ ދަރިފުޅު ވިއާން ސްނީކާޒް ވިޔަފާރިއެއް ފަށައި، އެންމެ ފުރަތަމަ ބޫޓު ހަދިޔާކުރީ އޭނާގެ މަންމައަށެވެ.

ވިއާން ވިޔަފާރިއެއް ފެށިކަން އިއުލާންކޮށް ޝިލްޕާ އޭނާގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނީ ކަސްޓަމައިޒްޑް ސްނީކާސްގެ ވިޔަފާރި ވިއާން ފަށާފައިވާ ކަމަށެވެ. އެންމެ 10 އަހަރުގެ ވިއާން އެފަދަ މަސައްކަތެއް ފެށުމުން ވަރަށް ފަހުރުވެރިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޝިލްޕާ ވަނީ ވިއާންގެ ވިޔަފާރީގައި ހިމެނޭ އެނިމަލް ޕްރިންޓެޑް ބޫޓެއް ވެސް ދައްކާލައިފަ އެވެ. އެ ބޫޓުތަކުގެ އަގު ފެށެނީ 4،999 ރުޕީސް އިންނެވެ.

ވިއާން ބުނެފައިވާ ގޮތުގައި އޭނާ ވަނީ އެންޖީއޯއެއް މެދުވެރިކޮށް ބައެއް ކުދިންނަށް ބޫޓު ހަދިޔާކުރަން ނިންމައިފަ އެވެ.

ޝިލްޕާ ބުނީ ވިޔަފާރިއެއް ފެށުމުގެ ހިޔާލާއި އެ މުޅި ކޮންސެޕްޓަކީ ވެސް ވިއާންގެ އަމިއްލަ ހިޔާލު ކަމަށާއި ކުދިން ކުރާ އެފަދަ ކަންކަމަށް ބެލެނިވެރިން ހިތްވަރުދޭން ވާނެ ކަމަށެވެ.

"ވީއާރު ކިކްސް" ގެ ނަމުގައި ފަށާފައިވާ އެ ވިޔަފާރީގެ އިންސްޓަގްރާމު އެކައުންޓުގައިވާ ގޮތުން ކަސްޓަމައިޒްޑް ސްނީކާޒްގެ އިތުރުން ހެދުމާއި ދަބަސް ފަދަ އެއްޗެހި ވެސް އެ ވިޔަފާރިން ލިބޭނެ އެވެ.

ވިޔަފާރިވެރިޔާ ރާޖް ކުންދުރާ އާއި ޝިލްޕާ ކައިވެނިކުރީ 2009 ގަ އެވެ. އެ މީހުން ވަނީ ވަރަށް ފަހުން ސަރޮގެސީ މެދުވެރިކޮށް އިތުރު ކުއްޖަކު ހޯދައިފަ އެވެ.