ގާނޫނީ އިންޒާރު ނުދީ ހައްޔަރުކުރި ކަމަށް ކޯޓުން ބުނުމުން ފުލުހުން ދޮގުކޮށްފި
ގާނޫނީ އިންޒާރު ނުދީ ހައްޔަރުކުރި ކަމަށް ކޯޓުން ބުނުމުން ފުލުހުން ދޮގުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކުރިއިރު ގާނޫނީ އިންޒާރު ނުދޭ ކަމަށް ބުނެ އޭނާ ކޯޓުން ދޫކޮށްލި ނަމަވެސް އެއީ ކަން ހިނގި ގޮތް ނޫން ކަމަށާއި ކޯޓުން ރިއާޔަތްކުރީ ތުހުމަތުވާ މީހާގެ ބަހަށް އެކަނި ކަމަށް ފުލުހުން ބުނެފި އެވެ.

މަސްތުވާތަކެތި ބޭނުންކުރާކަމުގެ ތުހުމަތަށް ހައްޔަރުކުރި، އއ. ބޮޑުފުޅަދޫ މީހެއް ކަމަށްވާ އާދަމް އިރުޝާދު އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލި އަމުރުގައި ވަނީ ހައްޔަރުކުރިއިރު، ދޭންޖެހޭ ގާނޫނީ އިންޒާރު ނުދޭ ކަމަށް ތުހުމަތުކުރެވޭ ފަރާތުން ބުނާ ކަމަށާއި އެ އިންޒާރު ދިންކަން އެނގެން ވެސް ނެތް ކަމަށެވެ. އެހެންވެ އޭނާ ހައްޔަރުކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް ބެލެވެން ނެތް ކަމަށް އަމުރުގައިވެ އެވެ.

ނަމަވެސް ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ މަސްތުވާތަކެތި ހުރި ޕެކެޓަކާ އެކު ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލާފައި ވަނީ އެ މީހާ ބުނި ބުނުމެއްގެ މައްޗަށް ކަމަށެވެ.

"ގާނޫނީ އިންޒާރުދީފައި ނުވާ ކަމަށް އޭނާ ބުނެފައިވާތީ އެކަމަށް ރިއާޔަތްކޮށް ފަނޑިޔާރު އޭނާ ދޫކޮށްލަން ނިންމީ،" ޝާކިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހައްޔަރުކުރިއިރު ގާނޫނީ އިންޒާރުދީފައިވާ ކަމަށާއި އެކަމަކު ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެކަމުގެ ލިޔުން ކޯޓަށް ހުށަހެޅިފައި ނެތުމުން އެ ހުށަހަޅަން ފުލުހުން ފުރުސަތަކަށް އެދުނު ކަމަށެވެ. ނަމަވެސް އެ ފުރުސަތު ނުދީ، ބަންދުން ދޫކޮށްލަން ނިންމީ ކަމަށް ޝާކިރު ވިދާޅުވި އެވެ.