29 އޯގަސްޓް 2022 - 14:10

ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި މިހާރު ހުރި، ޔޫކްރޭންގެ ނިއުކްލިއާ އިންޖީނުގޭގެ ހާލަތު ބަލައި ވަޒަންކުރުމަށް، އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަގުވާމީ އިދާރާ (އައިއޭއީއޭ)ގެ ޓީމެއް އެ ސަރަހައްދަށް ދިއުމަށް ތައްޔާރުވެއްޖެ އެވެ.
ޔޫކްރޭންގެ ޒަޕަރޯޖިޔާގައި ހުންނަ، ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއާ އިންޖީނުގޭގެ ހާލަތު ވަޒަންކުރުމަށް އައިއޭއީއޭ ޓީމެއް މިދަނީ، ރަޝިޔާ ސިފައިން އެ އިންޖީނުގެ ހިފައިގެން ތިބޭ އިރު، އެ ސަރަހައްދުގައި ހިންގާ އަސްކަރީ ހަރަކާތްތަކުގައި އެ އިންޖީނުގެއަށް ގެއްލުމެއް ލިބި ބޮޑު ކާރިސާއެއް ހިނގައިފާނެ ކަމުގެ ބިރު އުފެދިފައިވާތީ އެވެ. އައިއޭއީއޭގެ ޓީމު ޒަޕަރޯޖިޔާ ނިއުކްލިއާ އިންޖީނުގެ ހުންނަ ސަރަހައްދަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވަނީ މި ހަފުތާގެ ތެރޭގަ އެވެ.
ރަޝިޔާ އިން ބުނާ ގޮތުގައި ޒަޕަރޯޖިޔާގެ ނިއުކްލިއާ އިންޖީނުގެ އަށް ރަޝިޔާ ސިފައިންގެ ފަރާތުން އެއްވެސް ނުރައްކަލެއް ކުރިމައްޗެއް ނުވާނެ އެވެ. ނަމަވެސް އެ އިންޖީނުގޭގެ ސަލާމަތީ ކަންތައް ބެލެހެއްޓުމަށް ތިބި ރަޝިޔާ ސިފައިންނަށް، ޔޫކްރޭން ސިފައިން ދޭ ހަމަލާތަކުގެ ސަބަބުން އެ އިންޖީނުގެ އަށް ގެއްލުމެ ލިބުމުގެ ފުރުސަތު އެބަ އޮތެވެ.
ނިއުކްލިއާ އިންޖީނުގެ ހުންނަ ސަރަހައްދުގައި ތިބި ރަޝިޔާ ސިފައިންގެ މަގާމުތަކަށް ދާދި ފަހުން ވެސް ވަނީ ބޮޑުބަޑީގެ ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތައް ނިއުކްލިއާ އިންޖީނުގެ އަށް އަމާޒު ނުވިޔަސް، އެފަދަ ހަމަލާތައް ތަކުރާރުވާ ނަމަ، އިންޖީނުގެ އަށް ގެއްލުމެއް ލިބި، ރޭޑިއޯއެކްޓިވް މާއްދާތައް ބޭރުވެ ނުރައްކާތެރި ސިއްހީ ކާރިސާއެއް ކުރިމަތިވުމުގެ ނުރައްކާ އެބަ އޮތެވެ.
ޔޫކްރޭނުން ބުނާ ގޮތުގައި ޒަޕަރޯޖިޔާ ނިއުކްލިއާ އިންޖީނުގެ ހުންނަ ސަރަހައްދުގައި ތިބި ރަޝިޔާގެ ސިފައިން ގެންދަނީ، ޔޫކްރޭންގެ އެކި ސަރަހައްދުތަކަށް މިސައިލާއި ރޮކެޓުން ހަމަލާ ދެމުންނެވެ.
އައިއޭއީއޭގެ ޓީމު ޒަޕަރޯޖިޔާ ނިއުކްލިއާ އިންޖީނުގެ އަށް މި ހަފުތާގައި ކުރާ ޒިޔާރަތުގައި، ހަނގުރާމައިގެ ސަބަބުން އެ އިންޖީނުގެ އަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބަލާނެ އެވެ. އޭގެ އިތުރުން، އެ އިންޖީނުގޭގެ މުވައްޒަފުން މަސައްކަތް ކުރާ މާހައުލުގެ ރައްކާތެރިކަން ހުރި މިންވަރު ވެސް ވަޒަންކުރާނެ އެވެ. އަދި އެ އިންޖީނުގޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ވެސް މިދަތުރުގައި ހިމެނެ އެވެ.
ޒަޕަރޯޖިޔާގެ ނިއުކްލިއާ އިންޖީނުގެއާ މާ ދުރު ނޫން ސަހަރެއް ކަމަށްވާ އެނެރްހޯޑަރް ގައި، ރޭ ވެސް އެކި ފަހަރު މަތިން، ރަޝިޔާ ސިފައިންނާއި ޔޫކްރޭން ސިފައިންނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރި އެވެ. އެނެރްހޯޑަރްއަކީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި އޮތް ސަހަރެކެވެ.
އައިއޭއީއޭ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މިދިޔަ ހަފުތާގައި ދެ ފަރާތުގެ މެދުގައި ބަދަލުކުރި ހަމަލާތަކުގައިވެސް، ޒަޕަރޯޖިޔާގެ އިންޖީނުގޭގައި ނިއުކްލިއާ ރިއެކްޓަރު ހުންނަ އިމާރާތާ އެންމެ 100 މީޓަރު ދުރުގައި ހުރި "ޚާއްސަ އިމާރާތަކަށް" ރޮކެޓް ހަމަލާއެއް އަމާޒުވި އެވެ.
ޒަޕަރޯޖިޔާ އަށް ދަތުރުކުރާ ތަޖުރިބާކާރުންގެ ޓީމުގައި ހިމެނެނީ ކޮން ގައުމުތަކެއްގެ ބައެއް ކަމެއް އައިއޭއީއޭ އިން ނުބުނެ އެވެ. ނަމަވެސް އެ ޓީމު އެކުލަވާލާފައިވަނީ، އެ އިންޖީނުގެ އަށް ކުރާ ޒިޔާރަތުގައި ފުރިހަމަކުރަންޖެހޭ ކަންތަކާ ގުޅޭ ދާއިރާތަކުގެ ތަޖުރިބާކާރުން ކަމަށް އެ އިދާރާ އިން ބުންޏެވެ.