ފިރިހެނެއްގެ ކަރަށް ވަޅިހަރައި ޒަހަމްކޮށްލައިފި
ފިރިހެނެއްގެ ކަރަށް ވަޅިހަރައި ޒަހަމްކޮށްލައިފި

އަންހެނަކާއި ފިރިހެނަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ފިރިހެން މީހާގެ ކަރަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މީހަކު ޒަހަމްވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދޭ ކަމުގެ މައުލޫމާތު ރޭ ލިބިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އިތުރަށް ކަންކަން ބަލަމުން އަންނަ ކަމަށް ވިދާޅުވެ، އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އަންހެނަކާއި ފިރިހެނަކާ ދެމެދު ދަންވަރު ހިނގި ހަމަނުޖެހުންތަކެއްގައި ވަޅިން ހަމަލާދިނީ އަންހެން މީހާ އެވެ. އެކަމަކު އެއީ ދެމަފިރިން ކަމެއް ނުވަތަ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ މީހުން ކަމެއް ސާފެއް ނުވެ އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފު ވިދާޅުވީ ޒަހަމްތަކަކާއެކު ރޭ 3:00 ހާއިރު ފިރިހެނެއް އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އިމަޖެންސީ ރޫމްގައި ފަރުވާދީ ކުޑަ އޮޕަރޭޝަނެއް ކުރުމަށްފަހު، އޮބްޒަވޭޝަނަށް އެޑްމިޓްކުރަން ޑޮކްޓަރުން ލަފާ ދިން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މެޑިކަލީ ސްޓޭބަލް ވުމުން އާއިލާއިން ބޭނުންވެގެން އެ މީހާ ވަނީ ހޮސްޕިޓަލުން ވަނީ ދޫކޮށްލައިފަ އެވެ.