އައިޖީއެމްއެޗްގައި ކެންސަރު ބަލީގެ ވޯޑެއް ހަދަން ބީއެމްއެމްއެލް އިން 3.5 މިލިއަން ދެނީ
އައިޖީއެމްއެޗްގައި ކެންސަރު ބަލީގެ ވޯޑެއް ހަދަން ބީއެމްއެމްއެލް އިން 3.5 މިލިއަން ދެނީ

ބޭންކް އޮފް މޯލްޑިވްސްއިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އޮންކޮލޮޖީ އަށް ހާއްސަ ވޯޑެއް ހަދަން 3.5 މިލިއަން ރުފިޔާ ދޭން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އެ އެމްއޯޔޫގައި ބޭންކުން ސޮއިކުރެއްވީ އިންޗާޖު އަދި އެކްޓިން އެމްޑީ އައިޝަތު ނޫރައްދީނެވެ. އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމެވެ.

އެމްއޯޔޫގައި ސޮއި ކުރެއްވުމަށް ފަހު ބީއެމްއެލްގެ އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން ވިދާޅުވީ، އެ ފައިސާގެ އެހީގައި ހަދާ ވޯޑުގެ ސަބަބުން، ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ދިމާވެފައި ދަތިތަކަކަށް ހައްލު ލިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެ ވޯޑުގެ ސަބަބުން ސިއްހީ ހިދުމަތް އިތުރަށް ތަރައްގީވެ، ފުޅާވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް ވަނީ ބީއެމްއެލްއިން ދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެ ވޯޑު ގާއިމުކުރެވުމުން، ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބީއެމްއެލްގެ އެ ފައިސާގެ އެހީ ދީފައި ވަނީ އެ ކުންފުނީގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ދުވަހާ ހަމައަށް އެކި މަސްތަކަށް ބަހާލައިގެން ކުރަން ނިންމާފައިވާ ދިގުމުއްދަތަކަށް ފައިދާ ކުރަނިވި ކަންތައްތަކުގެ ތެރެއިންނެވެ.

ރާއްޖެއަކީ ކެންސަރު ބަލި ތަހައްމަލު ކުރަމުންދާ އާބާދީ ނިސްބަތުން ބޮޑު ގައުމެކެވެ. ރާއްޖޭގައި 2020 ވަނަ އަހަރު އެކަނި ވެސް އެ ބަލި ޖެހިގެން 100 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް އެޑްމިޓްކުރަން ޖެހިއްޖެ ނަމަ މިހާރު ކުރަނީ އާއްމު ވޯޑުގަ އެވެ.