ފަނޑިޔާރުންނަށް ލިބޭނީ ފްލެޓެއް ނޫން؛ ވާނީ މަގުމަތި!
ފަނޑިޔާރުންނަށް ލިބޭނީ ފްލެޓެއް ނޫން؛ ވާނީ މަގުމަތި!

އެއްވެސް އުސޫލެއް ނެތި، ބޭނުންވާ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓްތަކެއް، ހައްޓަށް ބުރަކަމެއް ނުވާ ގޮތަށް، ފަސޭހަ ގޮތަކަށް ދީ ނިންމާލުމުން އާންމުންގެ ޝަކުވާ ބޮޑުވި އެވެ. ފަނޑިޔާރުންގެ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުތަކާ ބެހޭ ގޮތުން ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާން އޮތް ގޮތުން މީހުންނަށް ހަނދާން އާވީ އެ ކަމެވެ. - އަނެއްކާވެސް ފަނޑިޔާރުންނަށް، އާންމު އުސޫލުގެ ބޭރުން ފްލެޓާއި ބިންތައް ދެނީ އެވެ. އެކަމަކު އެއީ ދޮގެކެވެ!

ފަނޑިޔާރުންނަށް ލިބޭނީ ފްލެޓެއް ނޫން؛ ވާނީ މަގުމަތި!
ފަނޑިޔާރުންނަށް ލިބޭނީ ފްލެޓެއް ނޫން؛ ވާނީ މަގުމަތި!

ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް އެކަން ހަމަޖައްސައިދޭން އިންތިޒާމްތަކެއް ހަމަޖައްސާ ގޮތް ކަމަށް ބުނެ ބަޔާނުގައި ލިޔެފައި އޮތީ ތަންކޮޅެކެވެ. ފަނޑިޔާރުންގެ ގާނޫނަށް ގެންނަ އިސްލާހުތައް ހުރީ މަދު ފަނޑިޔާރަކު ނޫނީ ފްލެޓާއި ގޯއްޗަށް ޝަރުތު ހަމަނުވާ ގޮތަށެވެ.

ފަނޑިޔާރުންނަށް ލިބޭނީ ފްލެޓެއް ނޫން؛ ވާނީ މަގުމަތި!
ފަނޑިޔާރުންނަށް ލިބޭނީ ފްލެޓެއް ނޫން؛ ވާނީ މަގުމަތި!

ފަނޑިޔާރުންނަށް ބޯހިޔާވަހިކަން ހަމަޖައްސަން ކަމަށް ބުނެ ގެންނަން އުޅޭ މި ބަދަލާއި ފަނޑިޔާރުންނަށް ރިޓަޔާކުރެވޭނެ އުމުރު އެތައް ތަނެއް މަތިކުރަން ވެސް ހުށަހަޅާފައި ވާތީ ފަނޑިޔާރުންގެ ތެރޭގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.

ފަނޑިޔާރުން ދިރިއުޅޭނެ އެ މީހުންގެ އަމިއްލަ ތަނެއް ނެތް ނަމަ، އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށް އިސްލާހުގައި އޮވެ އެވެ. ދެން ހުރީ؛

◆ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ބިން ނުވަތަ ފްލެޓްގެ ތެރެއިން ޝަރުއީ ދާއިރާއަށް ވަކި އަދަދެއް ހާއްސަކުރުން.

◆ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ނުހިންގާ ރަށްރަށުގައި އަމިއްލަ ފަރާތްތަކުން ހިންގާ އެފަދަ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ފްލެޓްގެ ތެރެއިން ވަކި އަދަދެއްގެ ފްލެޓް ސަރުކާރުން ކަނޑައަޅާ ގޮތެއްގެމަތިން ދޫކުރުމަށް އެ މަޝްރޫއުތަކުގެ އެއްބަސްވުންތަކުގެ ޝަރުތުތަކުގެ ތެރޭގައި ސަރުކާރުން ކަނޑައަޅާފައިވާ ހާލަތުގައި އެފަދަ މަޝްރޫއެއްގައި ސަރުކާރަށް ކަނޑައެޅިފައިވާ ފްލެޓްގެ ތެރެއިން ޝަރުއީ ދާއިރާއަށް ވަކި އަދަދެއް ހާއްސަކުރުން.

◆ ފަނޑިޔާރަށް ލިބޭ ފްލެޓް ނުވަތަ ބިމަށް ދައްކަންޖެހޭ ޑައުންޕޭމަންޓް ފައިސާ، ފަނޑިޔާރުގެ ނަމުގައި ޕެންޝަން ފަންޑުގައި ހުރި ފައިސާއިން ކޮލަޓަރައިޒްކުރެވޭނެ ފުރުސަތު ލިބިދިނުން.

◆ ފަނޑިޔާރަށް ލިބޭ ފްލެޓް ނުވަތަ ބިމަށް ދައްކަންޖެހޭ ޑައުންޕޭމަންޓްގެ އިތުރުން ފްލެޓް ނުވަތަ ބިމުގެ އަގު އަދާކުރުމަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ގޮތުން، ބޭންކުތަކުން ނުވަތަ އެނޫން ވެސް މާލީ އިދާރާތަކުން ލޯނަށް އެދެވޭނެ ފުރުސަތު ފަނޑިޔާރުންނަށް ފަހިކޮށްދިނުން.

އިސްލާހުގައި، އެންމެ އިބާރާތަކުން މި ހުރިހާ ކަމެއް އަނެއް ކޮޅަށް ޖެހެ އެވެ. ފްލެޓަށް ނުވަތަ ގޯއްޗަށް ކުރިމަތިލާން ޝަރުތު ހަމަވާނީ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް ކަމަށް ބުނެފައި ދެން ބުނަނީ އޭގެ މާނަ އަކީ "ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށަކުން ފަނޑިޔާރުގެ ނަމުގައި ނުވަތަ ފަނޑިޔާރު ސީދާ ބަހަލައްޓަންޖެހޭ ވާރިސުންގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ފްލެޓެއް ނެތުން" ކަމަށެވެ.

ފަނޑިޔާރު ސީދާ ބަލަހައްޓަންޖެހޭ ވާރިސުން ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވަނީ ފަނޑިޔާރުގެ އުފަން ދަރިންނާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އާއި އޭނާގެ މައިންބަފައިންނެވެ.

"ފަނޑިޔާރުންގެ ތެރޭގައި ވެސް ގިނައީ ރަށްރަށުގެ މީހުން. ރަށެއްގައި އެ މީހެއްގެ ވާރިސެއްގެ 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ތަނެއް ނެތުމަކީ ވަރަށް ނާދިރުކަމެއް. ފަނޑިޔާރުކަން ކުރަން ހުންނަންވީ މާލޭގައި. ދިރިއުޅޭނެ ތަނެއް އޮތް ކަމަށް އެބަ ބަލާ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އެ ބުނާ ޝަރުތު ހަމަވާ ތަނެއް އޮތް ނަމަ. އަނެއްކާ އިސްލާހުގައި އޮތީ ދިރިއުޅޭނެ ތަނެއް އޮތް ނަމަ ލިވިން އެލަވަންސް ވެސް ނުދޭ ގޮތަށް،" ގާނޫނުގައި ލިޔަން އުޅޭ މި ވާހަކަތަކުން ފަނޑިޔާރުންނަށް ޖުމްލަ ގޮތެއްގައި ގެއްލުން ނޫން އެހެން ކަމެއް ނުވާނެކަން ސިފަކޮށް ވާހަކަ ދެއްކެވި ޝަރުއީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.

މިހާރު ލިބެމުން އަންނަ އެލަވަންސެއް ކުޑަނުވާނެ ގޮތަކަށް ހަމަޖައްސަންޖެހޭނެ ކަމަށް އިސްލާހުގައި އޮވެ އެވެ. އެކަމަކު ދެން އޮންނަނީ ލިވިން އެލަވަންސް ވެސް ލިބޭނީ ފަނޑިޔާރުގެ ނަމުގައި ނުވަތަ ފަނޑިޔާރު ސީދާ ބަހަލައްޓަންޖެހޭ ވާރިސުންގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ފްލެޓެއް ނެތްކަމުގައިވާ ނަމަ ނުވަތަ ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫއުއަކުން ފްލެޓެއް ނުވަތަ ބިމެއް ލިބިފައިނުވާ ނަމަ ނުވަތަ ފަނޑިޔާރުކަމުގެ މުއްދަތުގައި ފަނޑިޔާރު ދިރިއުޅުމަށް ދައުލަތުން ރަސްމީ ތަނެއް ހަމަޖައްސައިދީފައި ނުވާ ނަމަ އެވެ.

މިހާރު އޮންނަނީ އުމުރުން 55 އަހަރު ވުމުން ފަނޑިޔާރުން އަމިއްލައަށް އެދިގެން ރިޓަޔާ ވެވޭ ގޮތަށެވެ. އެކަމަކު އިސްލާހު ހުށަހަޅާފައިވަނީ 65 އަހަރު ވުމުން ނޫނީ އަމިއްލައަށް އެދިގެން ރިޓަޔާ ނުވެވޭނެ ކަމަށެވެ. އަދި އިސްލާހުގައި އިބާރާތް އޮތް ގޮތުން ނަމަ، 65 އަހަރުވެގެން އަމިއްލައަށް ރިޓަޔާކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމަކީ ވެސް ޖުޑީޝަލް ސާވިސް ކޮމިޝަންގެ އިހްތިޔާރުގައި އޮތް ކަމެކެވެ. އެ މާއްދާގައި އޮންނަނީ؛

"ފަނޑިޔާރެއްގެ ޢުމުރުން 65 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވެއްޖެ ނަމަ، ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ވަކި އަދަދަކަށް ފައިސާ ލިބިދޭގޮތަށް ހަމަޖެއްސުމުގެ އިޚްތިޔާރު އެ ކޮމިޝަނަށް ލިބިގެންވެއެވެ."

އެކަމަކު ގާނޫނުގައި މިހެން ލިޔުނަސް އިނާޔަތް ކަނޑައެޅުމަކީ ޖޭއެސްސީއަށް އޮންނަ ބާރެއްކަމާ މެދު ވެސް ސުވާލު އުފެދެ އެވެ.

މިބަދަލާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި، ގާނޫނީ ދާއިރާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި މިހާރުވެސް އެތައް ފަނޑިޔާރުންނެއް 55 އަހަރު ވުމުން ރިޓަޔާވުމަށް ތައްޔާރުވެގެން އެބަތިއްބެވި އެވެ.

"މުޅި އުމުރު މިކަމުގައި އުޅެފައި ރީތި ގޮތުގައި ދާން ތިއްބެވި ފަނޑިޔާރުންނަށް މި ކުރެވެނީ ޖެއްސުމެއް. އެ މީހުންނަށް އެއްވެސް އިހްތިރާމެއް، ބަލައިލުމެއް ނެތްކަން މި ސިފަވަނީ. އުމުރުން 65 ވަންދެން ފަނޑިޔާރުކަމުގައި ހުރެގެން ނޫނީ ރިޓަޔާމަންޓް ނުލިބޭ ނަމަ ދެން ޒުވާން ފަނޑިޔާރުންނަށް ވެސް ފުރުސަތު އެ ގެއްލެނީ،" ދާއިރާގެ ބޭފުޅަކު ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ފަނޑިޔާރުން މަސައްކަތްކުރާ ގޮތާއި ބޭރު ގައުމުތަކުގައި ފަނޑިޔާރުން މަސައްކަތްކުރާ ގޮތާ ތަފާތެވެ. ޝަރީއަތެއްގައި ކުރަންޖެހޭ ހުރިހާ ކަމެއް ފަނޑިޔާރު ކުރަންޖެހޭ ގޮތަށް އޮތަސް އެހެން ގައުމުތަކުގައި ފަނޑިޔާރުންނަށް އެކި މަސައްކަތްތަކަށް ހާއްސަ މުވައްޒަފުން ތިބުމާއި ޝަރީއަތް ކުރާ ގޮތުގައި ހުރި ތަފާތަށް ބަލާއިރު އުމުރުން އެހާ ދުވަސްވީ ފަނޑިޔާރަކަށް ރާއްޖޭގައި ނަމަ ކުރަން މި ޖެހޭ ހުރިހާ ކަމެއް ކުރުމަށް ސިއްހީ ގޮތުން ވެސް ގާބިލްކަން ހުންނާނެކަމާ މެދު ވެސް ސުވާލު އުފެދެ އެވެ. އެކަމަކު ރިޓަޔަކުރެވޭ އުމުރު މަތިކުރުމުން، ލޯބޯކޮށިވެ މަސައްކަތަށް ގާބިލް ނުވިޔަސް ރިޓަޔަމާންޓުގެ ބޭނުމުގައި މަގާމުން ވަކިނުވެ ތިބޭނީ އެވެ.

އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި "އިސްލާހު" ކަމަށް ބުނެ ގެންނަ ބަދަލަކުން ކަންކަން ވާންޖެހޭނީ ރަނގަޅެވެ.

"ފަނޑިޔާރުންނަކީ މި ކަންކަމުގައި އާންމުކޮށް ވާހަކަ ދައްކަން ހުއްދަ އޮންނަ ބައެއް ނޫން. މިއީ އެ މީހުންނާ މަޝްވަރާއެއް ނުކޮށް ތިބެ، ކުރާ ކަމެއް. އެ މީހުންނާ ވާހަކަ ދައްކައިފި ނަމަ އެނގޭނެ މި ކުރަން އުޅެނީ އިސްލާހު ނޫންކަން. ވާނީ ގޯސްކަން."

ނިޒާމާ މެދު އިތުބާރު ކުޑަވެ، ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ އަދަދު މަދުވަމުންދާކަން ވެސް ދާއިރާގެ ބޭފުޅުން ފާހަގަކުރައްވަ އެވެ. ކޯޓުތަކުން ހުސްވާ ފަނޑިޔާރުކަމުގެ މަގާމަށް އިއުލާނުކުރާ އިރު، މިފަހަރު ނަގާނީ މިވެނި މީހެކޭ ޔަގީންކަމާ އެކު ބުނެލެވޭ ހިސާބަށް ގޮސްފައި އޮއްވައި މިހާރު ގެންނަން އުޅޭ ބަދަލުތަކުން ދާއިރާއަށް އޮތް ޔަގީންކަން އިތުރަށް ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ފަނޑިޔާރުން ފާޅުކުރެ އެވެ.

"މިއީ ފަނޑިޔާރުން މަގުމަތިވާނެ ބަދަލުތަކެއް. ހުރިހާ ކޮޅަކުން މަގުތައް ބަންދުވާނެ ބަދަލުތަކެއް،" އެއް ބޭފުޅަކު ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ތެރޭގައި ތިބި ވަކި ބަޔަކަށް އަމާޒުކޮށް ޖެއްސުން ކުރުމާއި ބަދަލުހިފުމުގެ ގޮތުން މީގެ ކުރިން ގާނޫނުތަކަށް ބަދަލު ގެނައިކަން އެއީ ތުހުމަތެއް ކުރާ ވަރަށް ވުރެ ފާޅުކަން ބޮޑުކޮށް ހިނގި ކަމެކެވެ. އުއްތަމަ ފަނޑިޔާރު މަގާމުން ދުރުކުރަން ބޭނުންވުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަށް ބަދަލު ގެނައުމާއި ހައި ކޯޓުގެ ދެ ގޮފި ހަދައި "ގަޔާނުވާ" ފަނޑިޔާރުން ރަށުން ބޭރަށް ފޮނުވާލުމާއި އިސްތިއުފާ ދޭން މަޖުބޫރުވާނެ ކަންކަން ކުރުން އެއީ އިހަށް ދުވަހު ހިނގި ކަންކަމެވެ. ފަނޑިޔާރުންގެ ތެރޭ އަނެއްކާވެސް މި އުފެދެނީ އެ ޝައްކާއި ނުތަނަވަސްކަމެވެ.