29 އޯގަސްޓް 2022 - 11:12

ކޮވިޑް-19 ގެ ބަލިމަޑުކަން ރަނގަޅުވެ، އާންމު ހާލަތަކަށް މިހާރު ރުޖޫއަ ވެފައިވާތީ، ޓްރީ ޓޮޕް ހޮސްޕިޓަލްގެ ބަލިމީހުންނަށް ޒިޔާރަތްކުރާ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.
އެ ހޮސްޕިޓަލުން ބުނީ، ބަލިމީހުންނަށް ޒިޔާރަތްކުރާ ގަޑިތަކަށް ބަދަލު ގެނައީ ކޮވިޑުގެ ހާލަތު ރަނގަޅުވެ، އެ ބައްޔާއެކު، ދިރިއުޅެން ދަސްކުރަމުން އަންނައިރު، އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންނަށް ލުޔެއް ދޭން ކަމަށެވެ.
އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) އާއި ހައި ޑިޕެންޑަންސީ ޔުނިޓް (އެޗްޑީޔޫ) އަދި ކޮރޮނަރީ ކެއާ ޔުނިޓް(ސީސީޔޫ) ގައި ފަރުވާ ހޯދާ ބަލިމީހުންގެ ރަޖިސްޓަރީ ކޮށްފައިވާ އެހީތެރިޔާ އަށް އެ ޔުނިޓްތަކަށް ޒިޔާރަތް ކުރެވޭނީ ހެނދުނު 9 އިން 11 އަށެވެ. އަދި ރޭގަނޑު 6 އިން 8 އަށް ވެސް ޒިޔާރަތް ކުރެވޭނެ އެވެ.
ޓްރީ ޓޮޕްގެ އިން ޕޭޝަންޓް ޕްރައިވެޓް ކޮޓަރިތަކާއި ސުއިޓުގައި ބައިތިއްބާފައި ތިބޭ ބަލި މީހުންނަށް ޒިޔާރަތް ކުރެވޭނީ ހެނދުނު 11 އިން މެންދުރު 1 އަށް އަދި ހަވީރު 5 އިން ރޭގަނޑު 7 އަށް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
ޓްރީ ޓޮޕުން ބުނީ، ކޮވިޑުގެ އާ ހާލަތަށް ހޭނުމަށް މަސައްކަތް ކުރާއިރު، އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންނާއި އެހީތެރިން ވެސް ހޮސްޕިޓަލުގެ ތެރޭގައި މާސްކު އަޅަން ޖެހޭނެ ކަމަށެވެ.