ދަރިން ނުލިބޭ މީހުންނަށް ފްލެޓު ހޯދަން ދަތިވާ މައްސަލާގައި ބައެއް މެމްބަރުންގެ ކަންބޮޑުވުން
ދަރިން ނުލިބޭ މީހުންނަށް ފްލެޓު ހޯދަން ދަތިވާ މައްސަލާގައި ބައެއް މެމްބަރުންގެ ކަންބޮޑުވުން

ދަރިން ނުލިބޭ ދެމަފިރިންނަށް ބޯހިޔާވަހިކަން ހޯދަން އުނދަގޫވާ ގޮތަށް އުސޫލުތައް އެކުލަވާލާފައި އޮންނާތީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ކުރިޔަށް ގެންދިޔައީ ދަރިމައިނުވުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުން ދާތީ އެ މައްސަލަ ދިމާވެފައިވާ މީހުންނަށް އާސަންދައިގެ ދަށުން ބޭސް ފަރުވާގެ ފުރުސަތުތައް މިހާރަށް ވުރެ ފުޅާކޮށް ފަސޭހަ ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސެވެ.

އެ ބަހުސްގައި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ގެއްލުމަކީ ދަރިން ނުލިބޭ ދެމަފިރިން ކުރާ ތަޖުރިބާއެއް ކަމަށެވެ.

ސަރުކާރުން ހުޅުވާލާ ފްލެޓުތަކަށް ކުރިމަތިލާއިރު ޕޮއިންޓް އިތުރުވާ ސަބަބެއް ގޮތުގައި ދަރިއަކު ހުރުން ނުވަތަ ދަރިން ގިނަވުން ހިމެނޭ ކަމަށާއި އެކަމުގެ ސަބަބުން، ދަރިން ނުލިބޭ މީހުންނަށް އެ ހައްގު ގެއްލިގެންދާ ކަމަށް އިންތި ވިދާޅުވި އެވެ.

"މިއީ ވަރަށް ދެރަ ހާލުގައި ބަދުނަސީބު ހާލުގައި އޮތް ކެޓަގަރީއެއް ގޮތުގައި އަޅުގަނޑަށް ފާހަގަ ކުރެވުނީ،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީީ ފްލެޓަށް ކުރިމަތިލެވޭ މީހުންގެ ޝަރުތުތައް ކަނޑައެޅުމުގެ ކުރިން ހައުސިން މިނިސްޓްރީ އާއި މަޖިލިސް މެމްބަރުން ބޭއްވި ބައްދަލުވުމުގައި އެ މައްސަލަ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

"ދަރިން ގިނަވުން އެއީ ޕޮއިންޓް ގިނަވެގެން ގޮސް ދަރިން ނުލިބޭ މީހާ އޭގެން މަހުރޫމްވާ ކަމަކަށް ވެގެން ނުވާނެ،" އިންތި ވިދާޅުވި އެވެ.

ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވެސް ވިދާޅުވީ ދަރިމައިނުވާ މީހުންނަށް މާކްސް ލިބޭނެ އިތުރު އުސޫލެއް ނޯންނަ ކަމަށާއި އެކަންކަން ބަދަލުކުރަން ޖެހޭ ކަމަށެވެ.

"މިފަދަ ގަރާރަކަށް ބަހުސްކޮށް ރައްޔިތުންގެ މަޖިލީހުގައި ހަމައެކަނި ވާހަކައެއް ދައްކާލުމުގެ އިތުރަށް މި ވަގުތަކީ ސަރުކާރުން އެ ވިސްނުން ގެންގުޅެންވީ ވަގުތު،" ޝަފީގް ވިދާޅުވި އެވެ.

މި ސަރުކާރުން ހުޅުވައިލި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޭ ފްލެޓުތަކަށް ވެސް ދަރިން ގިނަ މީހުންނަށް ފުރުސަތު ބޮޑެވެ. އެއް ކުއްޖެއް ނުވަތަ ދެ ކުއްޖެއް ހުރި އާއިލާއެއް ނަމަ އިތުރު 12 ޕޮއިންޓް ލިބެ އެވެ. އަދި ހަތް ކުދިން ނުވަތަ އެއަށް ވުރެ ގިނަ ނަމަ 25 ޕޮއިންޓާ ހަމަޔަށް މާކްސް ލިބެ އެވެ.