ކޫންޑޭ ކުޅުނު ފުރަތަމަ މެޗުގައި ބާސެލޯނާ އަށް ފުރިހަމަ މޮޅެއް
ކޫންޑޭ ކުޅުނު ފުރަތަމަ މެޗުގައި ބާސެލޯނާ އަށް ފުރިހަމަ މޮޅެއް

ބާސެލޯނާ (އޮގަސްޓް 29) - ބާސެލޯނާއިން މި ސީޒަނުގައި ސެވިއްޔާ އިން އެޓީމަށް ގެނައި ޑިފެންޑަރު ޔޫލުސް ކޫންޑޭ ކުޅުނު ފުރަތަމަ މެޗުގައި 4-0 އިން ރޭ ރެއާލް ވަލަޑޮލިޑް ބަލިކޮށްފި އެވެ.

ބާސެލޯނާ އިން އާ ސީޒަނަށް ގެނައި ކުޅުންތެރިންތަކުގެ ތެރެއިން ކޫންޑޭ، ލީގުގައި ވާދަކުރާ ސްކޮޑުގައި ރަޖިސްޓްރީ ކުރީ މިދިޔަ ހަފްތާ ބަންދުގަ އެވެ. ލީގު ފެށުމުގެ ކުރިން އެޓީމުން ވަނީ އަލަށް ގެނައި ފްރޭންކް ކެސިއޭ އާއި އަންޑްރެސް ކްރިސްޓެންސެން އަދި ރޮބާޓް ލެވަންޑޯސްކީގެ އިތުރުން ކޮންޓްރެކްޓް އާކުރުވި އުސްމާން ޑެމްބެލޭ އާއި ސާޖި ރޮބާޓޯގެ ރަޖިސްޓްރޭޝަން ވެސް ފުރިހަމަ ކޮށްފަ އެވެ.

ކޭމްޕް ނޫ ގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މި މެޗުގައި ބާސެލޯނާގެ އާ ފޯވާޑް ލެވަންޑޯސްކީ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ލީގު ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހުނު ނަމަވެސް ފަހުން ރަށުން ބޭރުގައި ކުޅުނު މެޗުގައި އޭނާ ދެ ލަނޑު ޖެހި އެވެ.

މެޗުގެ ވަރަށް ކުރީކޮޅު ރަފީނިއާ ނަގައިދިން ހުރަހަކުން ލެވަންޑޯސްކީ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލު ދަނޑިއަށް އަމާޒު ވިއިރު، އޭނާ ތިން ކުޅުންތެރިން ކައިރިން ނައްޓާލާފައި ޑެމްބެލޭ އަށް ތަނަވަސް ކޮށްދިން ފުރުސަތެއްގައި، ޑެމްބެލޭގެ ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ލެވަންޑޯސްކީ ބާސެލޯނާގެ ޖޯޒީގައި ކޭމްޕް ނޫގައި ޖެހި ފުރަތަމަ ލަނޑު މެޗުގެ 24 ވަނަ މިނިޓުގައި ކާމިޔާބުކުރީ ރަފީނިއާ ތަނަވަސް ކޮށްދިން ފުރުސަތެއްގަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑެމްބެލޭ ނެގި ހުރަހަކުން އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ޒުވާން މިޑްފީލްޑަރު ޕެޑްރީ އެވެ.

ފަހު ހާފުގައި 60 ވަނަ މިނިޓުގައި ޒަވީ ވަނީ ފްރޭންކީ ޑި ޔޯން އާއި ސާޖި ރޮބާޓޯ އަދި އަންސޫ ފާޓީ ކުޅެން ނެރެފަ އެވެ. މިއާ އެކު މާ ގިނައިރެއް ނުވެ، 64 ވަނަ މިނިޓުގައި ލެވަންޑޯސްކީ ވަނީ މެޗުގައި އޭނާގެ ދެވަނަ ގޯލި ޖަހައިފަ އެވެ. އޭނާ މި ލަނޑު ޖެހީ ޑެމްބެލޭ ނަގައިދިން ހުރަހަކުންނެވެ.

މެޗުގެ އިތުރު ވަގުތުގައި ލެވަންޑޯސްކީ ފޮނުވާލި ބޯޅައެއް ވަލަޑޮލިޑުގެ ކީޕަރު ގައިގައި ޖެހިފައި ނުކުތް ބޯޅަ ގޯލު ތެރެއަށް ފޮނުވާލައިގެން ބާސެލޯނާގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ސާޖި ރޮބާޓޯ އެވެ.