"ސުލްތާން"ގެ ރާހަތު ކިޔައިފައިވާ "ޖަގް ގޫމިޔާ" ރިލީޒްކޮށްފި
"ސުލްތާން"ގެ ރާހަތު ކިޔައިފައިވާ "ޖަގް ގޫމިޔާ" ރިލީޒްކޮށްފި

"ސުލްތާން"ގެ "ޖަގް ގޫމިޔާ" އަކީ ސަލްމާން ޚާން އަނުޝްކާ ޝަރުމާ އަށް ކިޔައިދޭ ލޯބީގެ ލަވައެކެވެ. މި ލަވައަކީ ވަރަށް އަސަރުގަދަ އެހާމެ ރޮމެންޓިކް ލަވައެކެވެ. މި ލަވައަކީ ސުލްތާން އޭނާގެ ލޯބިވާ އާރްފާގެ ހަނދާންތައް އާކުރަމުން އޭނާއަށް ކިޔައިދޭ ލަވައެކެވެ. ލަވައިގައި ދެ ލޯބިވެރިން އެކުގައި ހޭދަކޮށްފައިވާ ބައެއް ވަގުތުތައް ވެސް ދައްކަ އެވެ.

ލަވަ ރިލީޒްކޮށްފައި ވަނީ ސަލްމާންގެ ޓުވީޓަކުންނެވެ. މިއީ ރާހަތު ފާތިހު އަލީ ޚާން ކިޔައިދީފައިވާ ލަވަ ކަމަށް މި ޓުވީޓްގައި ސަލްމާން ބުނެފައިވެ އެވެ. އަދި އޭނާގެ އަޑުން ކިޔައިފައިވާ މި ލަވައިގެ އެހެން ވާޝަނެއް ދެ ދުވަހެއް ފަހުން ރިލީޒްކުރާނެ ކަމަށް ސަލްމާންގެ އެހެން ޓުވީޓެއްގައި ބުނެފައިވެ އެވެ.

ވިޝާލް-ޝޭކަރް މިއުޒިކް ތައްޔާރުކޮށްދީފައިވާ "ސުލްތާން"ގެ ލަވަތަކުގެ ތެރެއިން މި ލަވައިގެ ލިރިކްސް ލިޔެދީފައި ވަނީ އިރްޝާދު ކާމިލް އެވެ. ރާހަތު ފާތިހް އަލީ ޚާންގެ އަޑުން މި ލަވަ މިހާރު ރެކޯޑް ކޮށްފައި ވިޔަސް އެންމެ ފުރަތަމަ މި ލަވަ ރެކޯޑްކުރީ އަރަމުންއަންނަ ކުޅަދާނަ ލަވަކިޔުންތެރިޔާ އަރިޖީތު ސިންގް ލައްވަ އެވެ. ނަމަވެސް ސަލްމާން އަރިޖީތު ދެކެ އައިސްފައިވާ ރުޅިއެއްގެ ސަބަބުން އަރިޖީތު ކިޔާފައިވާ ލަވަ އަލުން ރާހަތު ލައްވާ ކިޔުއްވީ އެވެ.

އަލީ އައްބާސް ޒަފަރް ޑައިރެކްޓްކޮށްފައިވާ "ސުލްތާން" ރިލީޒްކުރާނީ އަންނަ ޖުލައި މަހުގެ ހަ ވަނަ ދުވަހު އެވެ.